ކ. މާލެ
|
10 އޭޕްރިލް 2022 | އާދީއްތަ 19:00
މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ
ގެޓީ އިމޭޖަސް
ރޮނާލްޑޯގެ ހިތްހަމަނުޖެހުން
އެވަޓަން ސަޕޯޓަރެއްގެ ފޯނު އެއްލާލުމަށްފަހު ރޮނާލްޑޯ މައާފަށް އެދިއްޖެ
ރޮނާލްޑޮ ވަނީ އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ބިންމައްޗަށް އެއްލާލާ، ހަލާކުކޮށްލާފައި

މެންޗެސްޓަރ ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ، ސަޕޯޓަރެއްގެ ފޯނު އެއްލާލުމަށްފަހު މައާފަށް އެދިއްޖެއެވެ.

ރޮނާލްޑޯ ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގައި އެވަޓަން އާއި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރި މެޗަށްފަހު އެވަޓަންގެ ސަޕޯޓަރެއްގެ ފޯނު ބިންމައްޗަށް އެއްލާ، ހަލާކު ކޮށްލާފައެވެ. އޭނާ އެގޮތަށް ކަންތައް ކޮށްފައިވަނީ މެޗުން ބަލިވުމުން ހުރި ނުތަނަވަސްކަމާއި ރުޅިވެރިކަމުގެ ސަބަބުންނެވެ. ހޮނިހިރު ދުވަހުގެރޭ ކުޅުނު މި މެޗުން ޔުނައިޓެޑް ބަލިވީ 1-0 ންނެވެ.

މައާފަށް އެދި އިންސްޓަގްރާމްގައި ރޮނާލްޑޯ ކުރި ޕޯސްޓެއްގައި ބުނެފައި ވަނީ ދަތި ހާލަތްތަކުގައި ޖަޒްބާތުތައް ކޮންޓްރޯލް ކުރުމަކީ ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އޭނާއަށް ކުރެވުނީ ގޯސް ކަމެއްކަން ފާހަގަކޮށް ރޮނާލްޑޯ ބުނީ އެފަދަ ހާލަތްތަކުގައި ކެތްތެރިވެ، ޒުވާނުންނާއި ފުޓްބޯޅައަށް ލޯބިކުރާ ފަރާތްތަކަށް ރިވެތި ނަމޫނާއެއް ދައްކަން ޖެހޭ ކަމަށެވެ. އަދި ފެއަރ ޕްލޭގެ ގޮތުން އެސަޕޯޓަރު ޔުނައިޓެޑްގެ އޯލްޑް ޓްރެފޯޑުގައި މެޗެއް ބެލުމަށް ދައުވަތު ދޭނެ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

މިކަމާއި ގުޅިގެން މެންޗެސްޓަރ ޔުނައިޓެޑުން މިހާތަނަށް އެއްވެސް ބަހެއް ނުބުނެއެވެ.

މެންޗެސްޓަރ ޔުނައިޓެޑު އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން އެޓީމަށް މޮޅުވެވުނީ އެންމެ މެޗަކުންނެވެ. ޕްރިމިއަރ ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ކަށަވަރުކޮށް މިއަންނަ ސީޒަންގެ ޗެމްޕިއަންސް ލީގުން ޖާގައެއް ހޯދުމަކީ ޔުނައިޓެޑްގެ މިހާރުގެ އަމާޒެވެ.

- ކޮމެންޓް