ލިވަޕޫލް އާއެކު މުހައްމަދު ސަލާހް ހަދާފައިވާ އެއްބަސްވުން އައު ކުރުމުގެ އެއްވެސް ވާހަކައެއް ދައްކަން ބޭނުން ނުވާކަމަށް ސަލާހް ބުނެފިއެވެ.
ލިވަޕޫލް އާއެކު ސަލާހް ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2023 ވަނަ އަހަރުގެ ޖޫން މަހުއެވެ. ކޮންޓްރެކްޓް ހަމަވުމާއެކު ފްރީ ޓްރާންސްފާއެއްގައި ލިވަޕޫލް ދޫކޮށް އެހެން ކްލަބަކަށް ދިއުމުގެ ފުރުސަތު ސަލާހްއަށް އޮންނާނެއެވެ.
މީގެ ކުރިން އެއްބަސްވުން އައުކުރުމަށް ލިވަޕޫލްއިން ހުށަހެޅުމުން ސަލާހް ވަނީ ރިޖެކްޓް ކޮށްފައެވެ. ރިޕޯޓުތައް ބުނާ ގޮތުން ސަލާހްއަށް ލިވަޕޫލްއިން އޭރު ހުށަހެޅީ ހަފްތާއަކު 4 ލައްކަ ޕައުންޑް ލިބޭނެ ކޮންޓްރެކްޓް އެކެވެ. ނަމަވެސް އޭނާ ބޭނުންވީ ރޮނާލްޑޯއަށް މެންޗެސްޓަރ ޔުނައިޓެޑުން ޚަރަދުކުރާވަރަށް ހަފްތާއަކު ބައި މިލިއަން ޕައުންޑު ހޯދުމަށް ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.
ސަލާހްގެ ކޮންޓްރެކްޓާއި ގުޅޭގޮތުން އޭނާއާއި ސުވާލުތައް ކުރިމަތިވުމުން ސަލާހް ބުނީ ޓީމުގައި މަޑުކުރާނެކަން ނުވަތަ ނުކުރާނެކަން އޭނާއަށްވެސް ނޭންގޭ ކަމަށެވެ. އަދި އޭނާ ބޭނުންވާ ގޮތް މީގެ ކުރިންވެސް ޓީމަށް އަންގާފައިވާނެ ކަމަށް ސަލާހް ބުންޏެވެ. ކޮންޓްރެކްޓް އައު ކުރުމުގެ ކަންތައް މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމުން އެކަމާއި ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށް ސަލާހް ބުންޏެވެ. އަދި އެކަމުގެ ތެރޭގައި މީހުންނަށް ނޭންގޭ އެތައް ކަންތައްތަކެއް އެބަހުރިކަމަށް ވެސް ސަލާހް ބުންޏެވެ.
ސަލާހް ބުނީ އޭނާގެ ސަމާލުކަން މިވަގުތު އޮތީ ޓީމުގެ އަމާޒަށް ވާސިލުވުމަށް ކަމަށެވެ. ޕްރިމިއަރ ލީގު ތާވަލުގެ ދެވަނައިގައި ލިވަޕޫލް އޮތީ 72 ޕޮއިންޓު ހޯދައިގެންނެވެ. ލިވަޕޫލްއަށްވުރެ އެއް ޕޮއިންޓު އިތުރަށް ހޯދައިގެން ތާވަލުގެ އެއް ވަނައިގައި އޮތީ މެންޗެސްޓަރ ސިޓީއެވެ.
ސަލާހްގެ އެއްބަސްވުން އައު ކުރުމަށް އޭނާ ދެކޮޅު ހަދާފައި ވާއިރު، ގިނަ ކްލަބު ތަކުން އަންނަނީ އޭނާއަށް ކަޅި އަޅަމުންނެވެ. އޭގެ ތެރޭގައި ފްރާންސްގެ ޕީއެސްޖީ އާއި ސްޕެއިންގެ ބާސެލޯނާ ފަދަ ބޮޑެތި ކްލަބުތައް ހިމެނެއެވެ.