ބޮރޫޝިއާ ޑޯޓްމަންޑްއަށް ކުޅެމުން އަންނަ އާލިން ހާލަންޑްއަށްވުރެ ބާސެލޯނާއަށް މުހިންމީ ޕީއެސްޖީގެ ކީލިއަން އެމްބާޕޭ ކަމަށް ޑެނީ އަލްވޭސް ބުނެފިއެވެ.
ބާސެލޯނާގެ ދުވަސްވީ ރައިޓްބެކް އަލްވެސްއަކީ ޓީމުގައި މޮޅު ކުޅުމެއް ދައްކާފައިވާ ލީޑަރެކެވެ. މިހާރު އޭނާ މިވަނީ ކުޅުމުގެ އިތުރުން ޓްރާންސްފާ މާކެޓުގައި ޓީމާއި މެދު އޭނާ ދެކޭގޮތް ފާޅުކޮށްފައެވެ.
ބްރެޒިލްގެ ޑިފެންޑަރު ވަނީ މިހާރު ދުނިޔޭގައި އެންމެ ޑިމާންޑް ބޮޑު ދެކުޅުންތެރިން ކަމުގައިވާ އެމްބާޕޭ އާއި ހާލަންޑާއާއި ގުޅޭގޮތުން ހިޔާލުފާޅުކޮށްފައެވެ. އަލްވޭސް ބުނީ ޓީމުން ހާލަންޑު ހޯދުމަށް ބޮޑު ޚަރަދެއް ކުރުމަކީ ބޭކާރު ކަމެއް ކަމަށެވެ. އަދި ޓީމާއި ހަވާލުވެގެން އަލްވޭސް ހުރިނަމަ ހާލަންޑު ހޯދުމަށް ބޮޑު ޚަރަދެއް ނުކުރާނެ ކަމަށެވެ.
ނަމަވެސް އެއާ ޚިލާފަށް އެމްބާޕޭ ހޯދުމަށް މުޅި ބަޖެޓް އެއްކޮށް ހޭދަކޮށްލުންވެސް ރަނގަޅުކަމަށް އަލްވޭސް ބުންޏެވެ. އަލްވޭސް ބުނީ ބޮޑު އިންވެސްޓްމަންޓެއް ކުރާނަމަ ކުރަންވާނި އެންމެ ރަނގަޅު ގޮތުގައި އެންމެ މޮޅު ކުޅުންތެރިޔާއަށް ކަމަށެވެ. އެގޮތުން މިވަގުތު އެންމެ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި ހުރީ އެމްބާޕޭކަން ފާހަގަކުރަމުން އަލްވޭސް ބުނީ ބާސެލޯނާގެ ސްޓައިލަށް އެމްބާޕޭ ފިޓްވާނެ ކަމަށެވެ.
މި ހަފްތާގެ އަންގާރަ ދުވަހުގެރޭ ބާސެލޯނާއިން ލެވާންޓޭ އާއި ދެކޮޅަށް ލަލީގާގައި ކުޅޭނެއެވެ. މި މެޗުގައި އަލްވޭސް ފެނުން ގާތެވެ. ޔޫރަޕާ ލީގުގައި ފްރެންކްފާޓްއާއި ބާސެލޯނާ ބައްދަލުކުރި މެޗުގައި އަލްވޭސް ނުކުޅުނީ ޔޫރަޕާ ލީގަށް އޭނާ ރަޖިސްޓަރ ކޮށްފައި ނުވާތީއެވެ.