މި ސީޒަން ނިމުމަށްފަހު މެންޗެސްޓަރ ޔުނައިޓެޑްގެ ކޯޗުކަމާއި އަޔެކްސްގެ ކޯޗުކަން ކުރަމުން އަންނަ އެރިކް ޓެން ހާގް ހަވާލުވުން ގާތްކަމަށް ރިޕޯޓުތައް ބުނެފިއެވެ.
މިދިޔަ އަހަރުގެ ފަހުކޮޅު ޔުނައިޓެޑްގެ ކޯޗުކަމުން އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމަށްފަހު މިހާރު އެމަގާމުގައި ހުރީ ރަލްފް ރަންގްނިކްއެވެ. އޭނާ ޔުނައިޓެޑުގެ ކޯޗު ކަމާއި ހަވާލުވީ ހަމަސްދުވަހުގެ މުއްދަތަކަށެވެ. އެހެންކަމުން މިއަންނަ ސީޒަންއަށް ޓީމަށް އައު ކޯޗެއް ހޯދުމުގެ މަސައްކަތް ޔުނައިޓެޑުން ވަނީ ފަށާފައެވެ. އެގޮތުން ޔުނައިޓެޑުން ވަނީ ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ އާއި ސެވިއްޔާގެ ކޯޗު ހުލެން ލޮޕެޓެގީ އަދި ސްޕެއިންގެ ގައުމީ ޓީމުގެ ކޯޗަކަށް ހުރި ލުއިސް އެންރީކޭގެ އިތުރުން ޓެން ހާގް އާއި މަޝްވަރާކޮށްފައެވެ. މި ކޯޗުންގެ ތެރެއިން ޔުނައިޓެޑާއި ހަވާލުވާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ ޓެން ހާގްއެވެ.
ޔުނައިޓެޑާއި ޓެން ހާގް ހަވާލުވުމަށް ގިނަ ބަޔަކު ތާއީދު ކުރާއިރު އޭނާވެސް އެޓީމާއި ގުޅެން ބޭނުންވާ ކަމަށް ރިޕޯޓުތައް ބުނެއެވެ. ނަމަވެސް ޓެން ހާގް ޔުނައިޓެޑާއި ގުޅުމަށް ފާލުގައި ދެކޮޅު ހަދާފައިވާ އެކަކީ ނެދަލެންޑްސްގެ ކޯޗުކަން ކުރަމުން އަންނަ ލުއީ ވެން ހާލްއެވެ. އޭނާ ބުނީ ޔުނައިޓެޑްއަކީ ފުޓްބޯޅަ ކްލަބަކަށްވުރެ ބޮޑަށް ވިޔަފާރި އުސޫލުން ހިންގަމުން އަންނަ ކްލަބެއް ކަމަށެވެ. ވެންހާލް ވަނީ މީގެ ކުރިން ޔުނައިޓެޑަށް ކޯޗު ކޮށްދީފައެވެ.
ޓެން ހާގް މީގެ ކުރިން ޖަރުމަނުގެ ގަދަ ބާރު ބަޔާން މިއުނިކްއަށްވެސް ކޯޗުކޮށްދިނެވެ. އޭނާ ބަޔާންގައި މަސައްކަތް ކުރީ 2013 އިން 2015 އަށެވެ.