Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 17:09
ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު
ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު
ރާއްޖެއެމްވީ
ގަތަރު މައްސަލަ
ގަތަރާ ގުޅުން ކަނޑާލައި އިސްރާއިލާ ގުޅުން ގާއިމް ކޮށްފައި އޮތުމަކީ ސަރުކާރުގެ ދެކޮޅުނުޖެހޭކަން: ޑރ. އިޔާޒު
ދިވެހި ސަރުކާރުގެ ނިންމުން އަލުން މުރާޖައާކޮށް ކުރިއެކޭ އެއްގޮތަށް ގަތަރާއި އަލުން ގުޅުން ގާއިމް ކުރުމަށް ގޮވާލައްވާފައިވޭ

މިދިޔަ ހޯމަދުވަހުގައި ގަތަރާއި ދިވެހި ސަރުކާރުން ގުޅުން ކަނޑާލައި ބޮޑެތި ޖަރީމާތައް ހިންގަމުންދާ ޓެރަރިސްޓު އިޒްރާއީލާ އެކު ސަރުކާރުން ގުޅުން ގާއިމުކޮށްފައި އޮތުމަކީ ސަރުކާރުގެ ދައުވާތަކުގެ ދެކޮޅު ނުޖެހޭކަން ސާބިތުކޮށްދޭ ކަމެއް ކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ.މުހައްމަދު އިޔާޒު އަބްދުއްލަތީފު ވިދާޅުވެއްޖެއެވެ.

ޑރ. އިޔާޒު ވިދާޅުވީ ގަތަރަކީ ޓެރަރިޒަމާއި ހަރުކަށިކަމާއި ހައްދުފަހަނައަޅާ ދިއުމުގެ ގައުމެއް ކަމަށް ބުނެ ދިވެހި ސަރުކާރުން ގުޅުން ކަނޑާލާފައިވާއިރު ހާމަކަން ބޮޑު ޓެރަރިސްޓް ގައުމެއް ކަމަށްވާ އިސްރާއީލާ އެކު ގުޅުން ބަދަހިކުރުމަކީ ދެކޮޅުޖެހޭ ވާހަކައެއް ނޫންކަމަށެވެ.

"ޓެރަރިޒަމާއި ހަރުކަށިކަމާ ހައްދުފަހަނައަޅާ ދިއުމުގެ ދެކޮޅުނުޖެހޭ އިލްޒާމް އެޅުވުމަށް ފަހު ސަރުކާރުން ގަތަރާއި ގުޅުން ކަނޑާލިކަން އިއުލާންކުރާހިނދު ހާމަކަންބޮޑު ގޮތެއްގައި ކުޑަކުދިންނާއި އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނާއި ނުކުޅެދޭ މީހުން ހިމެނޭ ގޮތަށް އެއްވެސް ހައްގަކާ ނުލާ މަރާ ސުންނާފަތިކޮށް، މާތް ވެގެންވާ އަލްއަގްސާގެ ވަށައިގެންވާ ބިންތައް އެ ބިމުގެ އަހުލުވެރިންގެ ކިބައިން އަނިޔާވެރިކަމާއެކު ގަދަބާރުން ފޭރިގެން ބޮޑެތި ޖަރީމާތައް ހިންގަމުންދާ ޓެރަރިސްޓު އިޒްރާއީލާއެކު ސަރުކާރުން ގުޅުން ގާއިމުކޮށްފައި އޮތުމަކީ ސަރުކާރުގެ ދައުވާތަކުގެ ދެކޮޅު ނުޖެހޭކަން ސާބިތުކޮށްދޭ ކަމެއް،" ފިގުހު އެކަޑެމީގެ ނައިބު ރައީސްކަން ވެސް ކުރިން ކުރައްވާފައިވާ ޑރ. އިޔާޒު އޭނާގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައި ވެއެވެ.

ޑރ. އިޔާޒުގެ ފޭސްބުކް ޕޭޖުގައި ވިދާޅުވެފައިވަނީ ގަތަރާއެކު ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން ދައްކާފައިވަނީ އެއްވެސް ހަގީގަތެއް ނެތް ދެކޮޅުނުޖެހޭ އުޒުރުތަކެއް ކަމަށެވެ.

ގަތަރަކީ ދިވެހި ރާއްޖެއަށް އެތައް އެހީތެރިކަން ފޯރުކޮށްދީ އަދި އެކި ގޮތްގޮތުން ހާލުގައިޖެހިފައިވާ އެތަށް މިލިއަން މުސްލިމުންނަށް ކާނާ އާއި އަންނައުނު ފޯރުކޮށްދީ އެހީތެރިވަމުން އަންނަ އިސްލާމީ ދައުލަތެއްކަމަށާއި  އެއްވެސް ހައްގަކާނުލާ ބަދުނާމުކޮށް ގުޅުން ކަނޑާލުމަކީ އިސްލާމީ ޝަރީއަތުގައިއ އެއްވެސް ހައިސިއްޔަތަކުން ސާބިތު ކުރެވޭނެ އަދި އެއްވެސް މިންވަރަކަށް ހުއްދަކުރެވޭނެ ކަމެއް ނޫންކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު ވިދާޅުވީ ދައުލަތް ހިންގުމާ ގުޅޭ ގޮތުން އިސްލާމީ ޝަރީއަތުގެ އިރުޝާދަކީ އިސްލާމުން ބައިބައިކޮށް ގުޅުންކަނޑާލުމުގެ ބަދަލުގައި ގުޅުންތައް އިތުރަށް ބަދަހިކޮށް އެއްބައިވަންތަ ކުރުން ކަމަށެވެ.  އެހެން ކަމުން ދިވެހި ސަރުކާރުގެ ނިންމުން އަލުން މުރާޖައާކޮށް ކުރިއެކޭ އެއްގޮތަށް ގަތަރާ އަލުން ގުޅުން ގާއިމް ކުރުމަށް ގޮވާލާ އިލްތިމާސްކުރައްވާ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް