މިދުވަސްވަރަކީ އުމްރާގެ އަޅުކަމަށްފަހު އެނބުރި ރާއްޖެ އަންނަ ދުވަސްވަރެއް ކަމަށްވުމާއެކު އަރިދަފުސް ރޯގާ އާއި ހުން އިތުރުވެދާނެތީ އިންފުލުއެންޒާއަށް ދޭންޖެހޭ ވެކްސިން އާންމުކޮށް ލިބޭނޭގޮތް ހަމަޖައްސައިފިއެވެ.
ހެލްތު ޕްރޮޓަކްޝަން އެޖެންސީ އިން ބުދަ ދުވަހުގައި ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ އަރިދަފުސް ރޯގާ އަކީ މޫސުމީ ރޯގާތަކަށް ވާތީ ރައްކާތެރިވުމުގެ ގޮތުން އިންފުލުއެންޒާ ވެކްސިން ޖެހުމަށް އެ އެޖެންސީއިން ބާރު އަޅާ އިރުޝާދު ދޭކަމަށެވެ.
އިންފުލުއެންޒާ ވެކްސިނަކީ އަހަރަކު އެއްފަހަރު ޖަހަންޖެހޭ ވެކްސިނެއްކަމަށް އެޗްޕީއޭއިން ބުނެ އެވެ.
އިންފުލުއެންޒާ ވެކްސިން މާލެއިން ލިބޭނީ މާލޭގެ ބައެއް ބޭސްފިހާރަތަކުގެ އިތުރުން ދަމަނަ ވެށިންނެވެ. އަތޮޅުތަކުގެ ހުރިހާ އަތޮޅު ހޮސްޕިޓަލުތަކުންނާއި ރަށްރަށުގެ ސިއްހީމަރުކަޒުތަކުން ވެކްސިން މިހާރު ލިބެން ހުންނާނެކަމަށް އެޗްޕީއޭއިން ބުނެއެވެ.
މިއަހަރުގެ މާޗް މަހުގެ ތެރޭގައި ރާއްޖޭގައި ނުރައްކާތެރި މިންވަރަކަށް އިންފުލުއެންޒާ ފެތުރުނެވެ. އެކަމާ ގުޅިގެން ސްކޫލްތަކާއި ޔުނިވާސިޓީތަކުގެ ކިޔެވުންވެސް މެދުކަނޑާލިއެވެ.