Advertisement
ކ. މާލެ
|
7 ޖޫން 2017 | ބުދަ 15:52
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މަޖިލީހުގެ ޖަލްސާއެއްގައި
ގޫގުލް
ގަތަރު-ރާއްޖެ
ގަތަރާ ގުޅުން ކަނޑާލި މައްސަލައަށް ބަހުސްނުކޮށް މަޖިލީހުން ބޭރުކޮށްލައިފި
ބަހުސް ކުރަން ފެންނަ ކަމަށް ވޯޓް ދެއްވީ 22 މެމްބަރުން
ނުފެންނަ ކަމަށް 40 މެމްބަރުން ވޯޓް ދެއްވި
ރާއްޖެއާ ގަތަރާ ގުޅުން ކަނޑާލުމުން ރައްޔިތުންނަށް ގެއްލުން ވާނެ ކަމަށް ކުއްލި މައްސަލައިގައި ބުނެފައިވޭ

ރާއްޖެއިން ގަތަރާ ގުޅުން ކަނޑާލި މައްސަލައިގައި ބަހުސްކުރަން ނުފެންނަ ކަމަށް ފާސްކޮށް، އެ މައްސަލަ ރައްުޔިތުންގެ  މަޖިލީހުން ބޭރުކޮށްލައިފި އެވެ.

މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދު ހުށަހެޅުއްވި މި މައްސަލަ މަޖިލީހުގައި ބަހުސް ކުރަން ފެނޭތޯ ނެގި ވޯޓުގައި ފެންނަ ކަމަށް 22 މެމްބަރުން ވޯޓް ދެއްވިއިރު، ބަހުސް ކުރަން ފެނިވަޑައިނުގަންނަވާ ކަމަށް 40 މެމްބަރުން ވޯޓް ދެއްވި އެވެ.

ޖުމްހޫރީ ޕާޓީއަށް ނިސްބަތްވާ މަތިވެރީ ދާއިރާގެ މެމްބަރު ހުށަހެޅުއްވި މި މައްސަލައިގައި ބުނެފައިވަނީ ގަތަރާ ގުޅުން ކަނޑާލުމުން ދިވެހި ރައްޔިތުންނަށް ލިބޭނެ ގެއްލުމެއް ކަމަށާއި އެހެންވެ  މައްސަލަ ހުށަހެޅުއްވީ އެކަން ސަރުކާރުގެ ސަމާލު ކަމަށް ގެނައުމަށް ކަމަށެވެ.

ގަތަރަކީ އިސްލާމީ ގައުމަކަށް ވެފައި ކުރިން ސުރެ ގާތް ގުޅުމެއް އޮންނަ އަދި ރާއްޖޭގެ ތަރައްގީ އަށް ގިނަ މަސައްކަތްތަކެއް ކޮށްދެމުން އަންނަ ގައުމެއް ކަމަށް ކުއްލި މައްސަލައިގައި ފާހަގަކޮށްފައިވެ އެވެ. ގަތަރަކީ އިސްލާމީ ގައުމަކަށް ވެފައި، ރާއްޖެއިިން އެ ގައުމާ ގުޅުން ކަނޑާލުމަކީ ބައިނަލްއަގުވާމީ މުޖުތަމައުގައި ރާއްޖޭގެ ނަން ކިނލަބުވެގެންދާނެ ކަމެއް ކަމަށް ވެސް މައްސަލައިގައި ބުނެފައި ވެއެވެ.

ޖޫން 5 ވަނަ ދުވަހު ދިވެހިރާއްޖެއިން ގަތަރާ ގުޅުން ކަނޑާލީ، ސައުދީ އާއި އަރަބި ބައެއް ގައުމުތަކުން ގަތަރާ ގުޅުން ކަނޑާލުމާ ގުޅިގެންނެވެ.

މިހާތަނަށް ގަތަރާ ގުޅުން ކަނޑާލާފައި ވަނީ ރާއްޖެއާ އެކު ޖުމުލަ ހަތް ގައުމަކުންނެވެ.  

ގަތަރާ ގުޅުން ކަނޑާލި މައްސަލައިގައި  ސަރުކާރުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވިދާޅުވެފައި ވަނީ ރާއްޖެ އަކީ ޓެރަރިޒަމާއި ހައްދުފަހަނަ އެޅުމުގެ ފިކުރަށް ހިތްވަރު ދޭ ގައުމެއް ނޫން ކަމަށާއި އެފަދަ ކަންކަމަށް ހިތްވަރުދީ ވާގިވެރިވާ ފަރާތްތަކަށް ވެސް ތާއިދު ނުކުރާ ކަމަށެވެ. 

ގަތަރާ ރާއްޖެއާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1984 ގަ އެވެ. ގަތަރާއި ރާއްޖޭގެ ގުޅުމަށް 33 އަހަރުވެފައިވާއިރު، އެ ގުޅުން ކުއްލި އަކަށް ކަނޑާލީ، ދެ ގައުމުގެ ގުޅުން ބަދަހި ކުރަން މަޝްވަރާކުރެވުނުތާ 13 ގަޑިއިރު ފަހުންނެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 21 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް