ސްރީލަންކާގެ ސަރުކާރާއި ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ކުރުމަށް ރާވަމުންދަނިކޮށް ގިނަ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކެއް ބްލޮކްކޮށްފިއެވެ.
ނެޓް ބްލޮކްސް ރިއަލް ޓައިމް ނެޓްވޯކް ޑާޓާއިން ހާމަވާގޮތުގައި މުޅި ސްރީލަންކާގައި 12 ސޯޝަލް މީޑިޔާ ޕްލެޓްފޯމެއް ވަނީ ބްލޮކްކޮށްފައެވެ. އެގޮތުން ބްލޮކްކުރި ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކަކީ ފޭސްބުކް، ފޭސްބުކް މެސެންޖަރ، ޓްވިޓަރ، ވަޓްސްއެޕް، ޔޫޓިޔުބް، ސްނެޕްޗެޓް، ގޫގްލް ވީޑިއޯ، ޓިކްޓޮކް، ވައިބަރ، ޓެލެގްރާމް އަދި އިންސްޓަގްރާމެވެ.
މީގެކުރިން މިގޮތަށް ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް ބްލޮކްކޮށްފައިވަނީ ލަންކާގައި ހިނގާފައިވާ ބޮޑެތި ހަމަނުޖެހުންތަކާއި ހަމަލާތަކުގައެވެ.
ލަންކާގައި ޓްވިޓަރއަށް ވަނުމަށް ދަތިތަކެއް ކުރިމަތިކުރުވި މިއީ ދެވަނަ ފަހަރެވެ. މިއާއެކު މުޒާހަރާތަކުގައި ބައިވެރިވާ މީހުންނަށް މައުލޫމާތު ބަދަލުކުރުމުގައި ދަތިތަކެއް ކުރިމަތިވާނެއެވެ. ބްލޮކްކޮށްފައިވާ 12 ސޯޝަލް މީޑިޔާ ޕްލެޓްފޯމުތަކަށް ސީދާކޮށް ނުވަދެވުނުނަމަވެސް ވީޕީއެން ބޭނުންކޮށްގެން ސޯޝަލް މީޑިޔާ ޕްލެޓްފޯމްތައް އަންނަނީ ބޭނުންކުރަމުންނެވެ.
އޭޕްރީލް މަހުގެ 3 ވާ އާދިއްތަ ދުވަހު ބޮޑެތި މުޒާހަރާތަކެއް ކުރުމަށް ވަނީ ރާވާފައެވެ. އެއާއެކު ލަންކާ ސަރުކާރުންވަނީ 36 ގަޑިއިރަށް ކާފިއު އިއުލާންކޮށްފައެވެ.
އަނެއްކޮޅުން ލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސަ ދިރިއުޅުއްވާ ގެކޮޅު ކައިރިީގައި ހިނގި މުޒާހަރާތައް ހަމަނުޖެހުންތަކަށް ބަދަލުވުމާއި ގުޅިގެން ލަންކާގައި މިހާރު ވަނީ ކުއްލި ނުރައްކަލުގެ ހާލަތުވެސް އިއުލާންކޮށްފައެވެ.
ކުއްލި ނުރައްކަލުގެ ހާލަތާއެކު ކާފިއު އިއުލާންކުރުމުން ގިނަ ބާރުތަކެއް ސަލާމަތީ ބާރުތަކަށް ލިބިގެންދާނެއެވެ.
ލަންކާގެ އިގްތިޞާދަށް ކުރިމަތިވެފައިވާ ކާރިސާއާއެކު ގިނަ އަދަދެއްގެ ބަޔަކުވަނީ ސަރުކާރާއި ދެކޮޅަށް ނުރުހުން ފާޅުކުރުމަށް މަގުތަކަށް ނިކުމެފައެވެ. ލަންކާ ސަރުކާރާއި ދެކޮޅު ޝުއޫރުތައް މުޒާހަރާގެ ބައިވެރިން ފާޅުކުރަމުންދާއިރު ސަރުކާރުން ސިފަކުރަނީ މިއީ މެދު އިރުމައްޗަށް މީގެ ދިހަ އަހަރުކުރިން ކުރިމަތިވި "އަރަބް ސްޕްރިންގ" ފަދަ ކަމެއްގެ ގޮތުގައެވެ.
ރައްޔިތުންގެ އެންމެ ބޮޑު ހިތްހަމަނުޖެހުމަކީ އިގްތިޞާދީ ހާލަތު ދަށްވަމުންދިޔުމާއެކު ކަންކަން ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ނުކުރުމެވެ. ކޮވިޑް-19 އާއި އޭގެކުރިން 2019 ވަނަ އަހަރު ލަންކާގައި ގޮއްވާލި ބޮންގޮންވުމުގެ ހާދިސާއާއެކު ލަންކާގެ އިގްތިޞާދަށް ވަނީ ފޫނުބެއްދޭވަރުގެ ގެއްލުންތައް ކުރިމަތިވެފައެވެ.