ކަނޑުތައް ތަޣައްޔަރުވުމުން ދުރުކުރުމަށްޓަކާއި ރާއްޖޭގެ މަސްވެރިން ބޭނުން ކުރާ ޕްލާސްޓިކް އެއްކުރުމަށް ޚާއްސަ ކަލެކްޝަން ޕޮއިންޓްތަކެއް ކަނޑައެޅިފައިވާ ކަމަށް ފިޝަރީސް މިނިސްޓަރ ޑރ މުހައްމަދު ވިދާޅުވެއްޖެ އެވެ.
އދ. ގެ އޯޝަން ކޮންޕަރެންސްގައި ވާހަކަ ދައްކަވަމުން، "އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް" އައޯސިސްގެ ޗެއަރގެ ހައިސިއްޔަތުން ޑރ. ޝައިނީ ވަނީ ކަނޑު ފަޅުތައް ތަޣައްޔަރުވުމާ ގުޅޭ ގޮތުން ވާހަކަދައްކަވާފަ އެވެ.
މިނިސްޓަރ ވަނީ، ތަރައްގީގެ ތެރެއިން، ކުރެވޭ އިންޑަސްޓްރިއަލް މަސައްކަތުގެ ސަބަބުން، ކަނޑުތަކަށް، އެތަށް މިލިއަން މީހުން ކުނި އަޅަމުންދާ މައްސަލައަކީ ބޮޑު މައްސަލައެއް ކަން ފާހަގަކުރައްވާފަ އެވެ. މިކަމުގެ ސަބަބުން އެންމެ ބޮޑެތި ގެއްލުންތައް ކުރިމަތި ވަނީ ކުދި ޖަޒިރާ ގައުމުތަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ހާއްސަކޮށް ކަނޑަށް އުކާލެވޭ ޕްލާސްޓިކް ކުނީގެ ސަބަބުން ކަނޑުގެ ދިރުންތަކަށް އޭގެ ގެއްލުންކޮށް، ކަނޑުގެ ބައެއް ދިރުންތައް ނެތިދިއުމަށް މަގުފަހިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިކަން ހައްލު ކުރުމަށްޓަކައި ހުރިހާ ފަރާތްތަކުން ގުޅިގެން ކަނޑުގެ ސަރަހައްދުގެ ސާފުތާހިރު ކުރަންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކަނޑުގެ ސަރަހައްދުތަކަކީ ޖަޒީރާ ގައުމުތަކުގެ، ތާރީހާއި ސަގާފަތާއި ތަރިކައިގެ ތެރޭގައި ހިމެނޭ ބަޔަކަށްވާއިރު ކަނޑުފަރުގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމަކީ މުހިއްމު ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މިފަދަ މައްސަލަތައް ހައްލު ކުރުމަށް ރާއްޖޭގެ މަސްވެރިކަމުގެ ދައިރާގައި މަސައްކަތް ކުރާ ފަރާތްތަކުން މުހިއްމު މަސައްކަތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ކަނޑަށް އަޅާ ޕްލާސްޓިކް މަދު ކުރުމަށްޓަކައި ރާއްޖޭގެ އެކްސްކްލޫސިވް އިކޮނޮމިކް ޒޯން ( އީއީޒެޑް) ސަރަހައްދަކީ ޕްލާސްޓިކުން ސަލާމަތްވެފައިވާ ސަރަހައްދަކަށް ހެދުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. އަދި މަސްވެރިން ބޭނުން ކުރާ ޕްލާސްޓިކް ސާމާނު، ކަނޑަށް އެޅުމުގެ ބަދަލުގައި، ކަނޑުގެ އެކި ސަރަހައްދުތަކުގައި ޕްލާސްޓިކް ކަލެކްޝަން ޕޮރިންޓްތަކެއް ކަނޑައެޅުމަށް ނިންމާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވި އެވެ. މި ޕްލާސްޓިކްތައް ހަވާލުކުރެވޭނީ، ޕްލާސްޓިކް ރީސައިކަލް ކުރާ ބައެއް ކަމުގައިވާ ޕާލީ ފޯ ދި އޯޝަން އަށް ކަމަށް މިނިސްޓަރ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ މިފަދަ ކޮންފަރެންސްއެއް މެދުވެރިކޮށް، ކަނޑުފަރުގެ، ސާފުތާރިކަމަށާއި އެތަންތަނުގެ ދިރުންތަކަށް އެކަށީގެންވާ މާހައުލެއް ގާއިމް ކޮށްދިނުމަށް ބައިނަލްއަގްވާމީ މުއައްސަސާތަކުން ކެނޑިނޭޅި ކުރަމުންގެންދާ ކަމީ އައޯސިސްގެ ގައުމުތަކުން އުފާކުރާ ކަމެއް ކަމަށެވެ.
ކަނޑުފަޅުތައް ހަލާކުވުމުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކަށް އެތަށް ބައިވަރު ގޮންޖެހުންތަކާއި ކުރިމަތިލާންޖެހޭ ކަމަށާއި މިކަމުގެ ސަބަބުން މިފަދަ ގައުމުތަކުގެ ދެމެހެއްޓެނިވި ތަރައްގީއަށް ހުރަސްތަކެއް އެޅިގެންދާ ކަމަށް މިނިސްޓަރ ވިދަޅުވި އެވެ.
މިނިސްޓަރ ވިދާޅުވި، މިފަދަ ގައުމުތަކަކީ ކުދި ގައުމުތަކަށް ވުމައި މާލީގޮތުންނާއި އިންސާނީ ވަސީލަތްތަކުގެ ގޮތުން އެންމެ ފުދުންތެރި ގައުމުތަކަށް ނުވުމުގެ ސަބަބުން އިގްތިސާދީ ސިޔާސަތުތައް ތަންފީޒު ކުރުމަށް، މިފަދަ ތިމާވެށީގެ މައްސަލަތަކުގެ ސަބަބުން ހުރަސްތަކާއި ކުރިމަތިވާ ކަމަށެވެ.
އދ. އިން 2030 ވަނަ އަހަރު ހާސިލް ކުރުމަށް މަސައްކަތްކުރާ ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ ތެރެއިން މޫދާއި، ކަނޑުފަރުތައް ހިމަޔާތް ކުރުމުގެ މުހިއްމުކަން ފާފަގަކޮށްފައިވާއިރު އައޯސިސްގެ ގައުމުތަކުން ކަނޑުފަޅުތައް ހިމާޔަތްކުރުމަށް މުހިއްމު މަސައްކަތްތަކެއް ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރ ވިދާޅުވީ، މޫސުމީ ބަދަލުތަކާއި ކަނޑުފަޅުގެ ރައްކާތެރިކަމާއި ގުޅިލާމެހިފައިވާ އިރު ޖަސީރާ ގައުމުތަކަށް މިކަމުން ކުރާ ގެއްލުން ބޮޑު ކަމަށެވެ. އެގޮތުން ދަނޑުވެރިކަމަކަށް ކުރިމަތިވާ ދަތިތަކުން ފެށިގެން ސާފު ބޯފެން ލިބުމުގެ ދަތިތަކައި މުރަކަށް ހަލާކުވުމާއި، ކަނޑުގެ ލޮނު ގަނޑު ތަޣައްޔަރުވެ، މޫދުގައި އުޅޭ ދިރުންތައް ނެތި ދިއުމުގެ މައްސަކަތަކަކީ ފާހަގަކޮށްލެވޭ، އަދި މިހާރުވެސް ކުރިމަތިވަމުންދާ މައްސަލަތައް ކަމަށް މިނިސްޓަރ ޝައިނީ ފާހަގަކުރެއްވި އެވެ.
މި ދިމާވާ ކޮންމެ މައްސަލައަކުން ގައުމުތަކުގެ އިގްތިސާދާއި ތަރައްގީއަށް އެކި ކަހަލަ ނުރަގަޅު އަސަރު ކުރަމުންދާކަމަށް މިނިސްޓަރ ވިދާޅުވި އެވެ.