ރެއާލް މެޑްރިޑްގެ ކޯޗު ކާލޯ އަންޗެލޮޓީ ކޮވިޑް-19 ށް ޕޮޒިޓިވް ވެއްޖެއެވެ.
ރެއާލްއިން ނެރުނު ކުރު ބަޔާނެއްގައި އެޓީމުން ވަނީ އަންޗެލޮޓީ ޕޮޒިޓިވްވެފައިވާކަން ރަސްމީކޮށް ހާމަކޮށްފައެވެ. މިއާއެކު މި ހަފްތާ ބަންދަށް ތާވަލުކުރެވިފައިވާ ލަލީގާގެ ސެލްޓަ ވީގޯއަށް ދެކޮޅަށް ރެއާލް ނުކުންނަ މެޗު އަންޗެލޮޓީއަށް ގެއްލޭނެއެވެ.
ސެލްޓަ ވީގޯގެ މެޗަށްފަހު ވަރުގަދަ ޗެލްސީ އާއި ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ރެއާލް ނުކުންނާނީ މިއަންނަ ހަފްތާގެ މެދުތެރެއިންނެވެ. އެމެޗަށް ވާއިރަށް އަންޗެލޮޓީ އަލުން ޓީމާއި ގުޅުމުގެ ފުރުސަތު އެބައޮތެވެ.
މީގެ ކުރިންވެސް ކްލަބުން ވަނީ މިފަދަ ކަމެއް ތަޖުރިބާ ކޮށްފައެވެ. ރެއާލްގެ ކޯޗުކަމަށް ޒިނެދީން ޒިދާން ހުރިއިރު، އޭނާ ޕޮޒިޓިވްވެގެންވެސް ޓީމުގެ މުހިންމު މެޗުތަކެއް އޭނާއަށް ގެއްލުނެވެ. ޒިދާން ޕޮޒިޓިވްވެފައި ވަނިކޮށް ރެއާލްއިން ދެމެޗު ކުޅުނެވެ. ފުރަތަމަ މެޗުގައި އަލާވެސް އާއި ވާދަކޮށް ރެއާލް ކުރިހޯދީ 4-1 ގެ ނަތީޖާ އަކުންނެވެ. ނަމަވެސް ދެވަނަ މެޗުގައި 2-1 ން ލެވަންޓޭ އަތުން ރެއާލް ބަލިވީއެވެ.
އެފަހަރު ރެއާލްގެ ކޯޗުކަމާއި ވަގުތީ ގޮތުން ހަވާލުވީ ޑޭވިޑް ބެޓޯނީއެވެ. މިފަހަރު ޓީމާއި ވަގުތީ ގޮތުން ހަވާލުވާނީ އަންޗެލޮޓީގެ ދަރިފުޅު ޑޭވިޑް އަންޗެލޮޓީއެވެ.