ރަޝިޔާއިން ހަމަލާތައް މަދުކުރާނެ ކަމުގެ ވައުދާއެކު ޔޫކްރެއިން އިން ސުވާލު އުފައްދައިފިއެވެ.
ރަޝިޔާއިން ޔޫކްރެއިންގެ ވެރިރަށް ކިޔެވް އާއި އުތުރުގެ ސަރަހައްދުތަކުގައި ކުރިޔަށްގެންދާ އަސްކަރީ އޮޕަރޭޝަން މިހާރަށްވުރެ މަދުކުރުމަށް ތުރުކީގެ އިސްތަންބުލްގައި ކުރިޔަށްގެންދިޔަ ރަޝިޔާ އާއި ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތަކުގައި ހަމަލާތައް މަދުކުރުމަށް ރަޝިޔާއިންވަނީ ވައުދު ވެފައެވެ.
ޔޫކްރެއިންގެ ރައީސް ވްލޮޑިމިއަރ ޒެލެންސްކީ ވިދާޅުވީ، ރަޝިޔާއިން އެކަމަށް ވައުދުވި ނަަވެސް އެކަން ގަބޫލު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ.
"ސުލްހައިގެ ވާހަކަތަކުން ފެނުނު ފެހި ސިގްނަލެއް އެއީ. އެކަމަކު އަދިވެސް ބޮމުގެ އަޑު މަޑެއް ނުވޭ. އަހަރެމެން ނައްތާލަން މަސައްކަތްކުރާ ބަޔަކު ދެއްކި ވާހަކަތައް ގަބޫލުކުރަންޖެހޭ އެއްވެސް ސަބަބެއް އަދިވެސް ނެތް. އަދިވެސް ބިރު އެބައޮތް" ޒެލެންސްކީ ވިދާޅުވިއެވެ.
ސުލްހައިގެ ވާހަކަތަކުގައި ޔޫކްރެއިން އިންވަނީ އެހެން ގައުމުތަކުގެ އެއްބާރުލުމާއެކު ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ގައުމެއްގެ ގޮތުގައި އޮތުމަށް ހުށައަޅާފައެވެ. އަސްކަރީ އެއްވެސް ޖަމުއިއްޔާއެއްގައި ބައިވެރިނުވާނެކަމަށާއި ނިޔުކްލިޔަރ އަދި ކެމިކަލް ހަތިޔާރު ނުހޯދާނެކަމަށް ބުނެފައިވެއެވެ. ބޭރު ގައުމެއްގެ ފައުޖުތަކަށް އެ ގައުމުގައި ގާއިމްވެ ނުތިބެވޭނެކަމަށް ޔޫކްރެއިނުންވަނީ ހުށައަޅާފައެވެ. އަދި ޔޫކްރެއިން އޮންނާނީ ވަކި ފަރާތަކަށް ނުޖެހޭ މިނިވަން ގައުމެއްގެ ގޮތުގައި ކަމަށާއި، އެކަމަށް އެހެން ގައުމު ތަކުގެ އެއްބާރުލުން ބޭނުންވާ ކަމަށް ބުނެފައިވެއެވެ.
ރަޝިޔާގެ ބާރުގެ ދަށުގައި އޮންނަ ޔޫކްރެއިނުގެ ކްރައިމިއާ ސަރަހައްދާ ގުޅޭގޮތުންވެސް އެއް ހުށަހެޅުމެއް ހުށައެޅިއެވެ. އެ ސަރަހައްދު ރަޝިޔާގެ ބާރުގެ ދަށަށް ގެންގޮސްފައިވަނީ، 2014ވަނަ އަހަރު އެވެ. ޔޫކްރެއިނުން ހުށަހަޅާފައިވަނީ 15 އަހަރުގެ މުއްދަތަކަށް އެ ސަރަޙައްދު ރަޝިޔާގެ ބެލުމުގެ ދަށުން ހިންގުމަށެވެ. އެހެންނަމަވެސް އެ ގޮތަށް ޔޫކްރެއިނުން އެއްބަސްވާނީ ޔޫކްރެއިނުން ރަޝިޔާގެ ސިފައިން ފޭބުމުން ކަމަށް ވަނީ ހުށައަޅާފައެވެ. އަމިއްލައަށް މިނިވަންކަން އިއުލާންކޮށްފައިވާ ޑޮންބާސްގެ ކުރިމަގާމެދު ގޮތެއް ނިންމާނީ ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިންނާއި ޔޫކްރެއިނުގެ ރައީސް ވްލޮޑިމިއަރ ޒެލެންސްކީއާ ދެމެދު ބާއްވަވާ މަޝްވަރާތަކަށްފަހު ކަމަށްވެސް ޔޫކްރެއިނުން ބުނެފައިވެއެވެ.