ކ. މާލެ
|
29 މާރޗް 2022 | އަންގާރަ 17:05
ތިނަދޫގައި ތަމްރީނުތައް ކުރިއަށްގެންދަނީ
ތިނަދޫގައި ތަމްރީނުތައް ކުރިއަށްގެންދަނީ
ބާސްކެޓްބޯޅަ އަތޮޅުތެރެއަށް ފުޅާކުރުން
ބާސްކެޓްގައި ނުވެ އޮތް ކަންތައް ކުރަން ބޮޑު އަމާޒެއް!
މިއަހަރު 5 ސަރަހައްދެއްގައި ބާސްކެޓްބޯޅަ ޓްރެއިނިންގ ޕްރޮގްރާމްތައް ހިންގާނެ

"އަތޮޅުތަކަށް ބާސްކެޓް ފުޅާކުރުމަކީ އަޅުގަނޑުމެންނަށް އަދިނުވެ އޮތްކަމެއް. އެއީ އަޅުގަނޑުމެންގެ ފެއިލިއަރއެއް. އެކަމަށްވިސްނައިގެން މިއަހަރު މިތައްޔާރުވީ، އަޅުގަނޑުމެންގެ ކޮމިއުނިޓީއާއި, ކޯޗުންގެ ވަރަށްބޮޑު އެއްބާރުލުމާއެކު. މިމަސައްކަތް މިފެށީ، ރަނގަޅު ޓީމްތަކެއް އުފެދިގެން ރަށްރަށުގެ މެދުގައި ވާދަވެރިކަން އުފެދިގެން އެހެން ކުޅިވަރުތަކެކޭ އެއްގޮތަށް ބާސްކެޓްވެސް ވާދަވެރިކަމާއެކު ކުޅެވޭނެ ނިޒާމެއް ޤާއިމްކުރުމަށް އުއްމީދު މިކުރެވެނީ." ބާސްކެޓްބޯލް އެސޯސިއޭޝަންގެ ރައީސް އަހުމަދު އާދަމް ވިދާޅުވިއެވެ.

ބާސްކެޓްގައި ނުވެއޮތް ކަންތައް ކުރުމަށް ކުރުމުސްތަޤްބަލް އަށް ވަކި ޕްލޭން އެއް، އަދި ދުރު މުސްތަޤްބަލްއަށް ވަކި ޕްލޭން އެއް އެސޯސިއޭޝަންގެ އެބައޮތެވެ.ކުރު މުއްދަތުގެ ޕްލޭންގެ ދަށުން އަމަލީ މަސައްކަތްތައް ވަނީ ފަށާފައެވެ. އެގޮތުން ގއ.ވިލިގިލީގައި ކުރިއަށްގެންދިޔަ ބޯލް-އިން ސްކޫލް ޕްރޮގްރާމް އާއެކު އެމަސައްކަތް ވަނީ ފެށިފައެވެ. ފީބާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު އެޕްރޮގްރާމް ފެށީ ފީބާއިން ފޮނުއްވި ކޯޗަކާއެގަކުއެވެ. ވިލިގިލީގައި ކުރިއަށްގެންދިޔަ ޕްރޮގްރާމްގެ ތެރެއިން ކޯޗުންނާއި, އޮފިޝަލުން ތަމްރީނުކުރުމުގެ ބައެއްވެސް ވަނީ ކުރިއަށްގެންގޮސްފައެވެ.

ކޯޗުވެސް ބުނަނީ އަޅުގަނޑުމެންގެ ކުރިމަގު ވަރަށް އުޖާލާއޭ
އަހުމަދު އާދަމް

ބޯލް-އިން ސްކޫލް ޕްރޮގްރާމްއަކީ 2020 ވަނަ އަހަރަށް ޝެޑިއުލްކުރި ޕްރޮގްރާމްއެކެވެ. އެކި ސަބަބުތަކާހުރެ ފަސްވެގެން އައިނަމަވެސް މިއަހަރު ފެށުމާއެކު, އޭގެތެރެއަށް އިތުރު އެހެން ބައިތައްވެސް ހިމަނައިގެން ބާސްކެޓްބޯޅަ އެސޯސިއޭޝަނުން ވަނީ އެޕްރޮގްރާމް ފަށާފައެވެ. އެގޮތުން ގދ.ތިނަދޫގައި މިހާރު ވަނީ ތަމްރީނު ޕްރޮގްރާމެއް ފަށާފައެވެ. އެރަށު ޓޭޑް ޖަމްއިއްޔާއާއި, އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ ގުޅިގެން ފެށި ޕްރޮގްރާމްގެ ތެރެއިން ސްކޫލްތަކުގެ ޕީއޭ ޓީޗަރުންނަށާ ސްކޫލް ކުދިންނަށް ބާސްކެޓް ބޯޅަ އުގަންނައިދެވޭނެ ޕްލެޓްފޯމެއް ޤާއިމްކޮށްދޭނެއެވެ. އަދި އެންމެ ޖޫނިއަރ ލެވެލްގެ ކޯޗުން ތަމްރީނުކުރާނެއެވެ.

ތަމްރީންތައް ބާއްވާނެ ރަށްތައް ކަނޑައެޅުމުގައި ދެކުނުގެ ވަރަށްގިނަ ރަށްތަކަށް ދަތުރުކޮށް އެކަމަށް އެންމެ އެކަށީގެންވާ ރަށްތައް ބެލިކަމަށް ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ ރައީސް ވިދާޅުވިއެވެ. ދެކުނުން ފުވައްމުލަކާއި, އައްޑޫ ސިޓީގައިވެސް ޕްރޮގްރާމް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ. އަދި ރޯދައިގެ ފަހުން ހއ. ދިއްދޫގައިވެސް ޕްރޮގްރާމް ގެންދަން ވަނީ ނިންމާފައެވެ. ކުޅުދުއްފުއްޓަކީ މިހާރުވެސް ބާސްކެޓްބޯޅައިގެ ވަރުގަދަ ރަށެކެވެ.

ފީބާއިން ފޮނުވި ކޯޗު ތަމްރީނުތަކުގައި - ކުޅިވަރެ.ކޮމް
އަމާޒަކީ މާލެއިން މީހަކު ނުގޮސް އެރަށްރަށުގައި ބާސްކެޓް ކުޅެވޭނެ ގޮތްތަކެއް ހަމަޖެއްސުން، ކޯޗުންނާއި, އޮފިޝަލުން ތަމްރީނުކުރަނީ އެވިސްނުމުގެ ތެރެއިން
އަހުމަދު އާދަމް

އެސޯސިއޭޝަންގެ އަމާޒަކީ ހޯމް އެންޑް އަވޭ އުޞޫލުން މެޗުތައް ކުޅެވޭނެ ވިސްނުމެވެ. އެހިސާބަށް ދަތުރުކުރުމެވެ. ދިގު މުއްދަތަށް ވިސްނާއިރު އެޞަރަހައްދުތަކުގައި އިންޓަރސްކޫލާއި, ޖޫނިއަރ ޗެމްޕިއަންޝިޕް ބޭއްވުމެވެ.

ދެކުނުން ކަނޑައެޅި ރަށްތަކާއި, ސިޓީތަކަކީ ކުރިންވެސް ޓީމްތައް ވާދަކޮށްފައިވާ އަތޮޅުތަކެވެ. 2012 ގެ ކުރިން އެއަތޮޅުތަކުން ޓީމްތައް ނިކުތްއިރު ކުޅުނު ކުޅުންތެރިން މިއަދު އެރަށްތަކުގައި, ކައުންސިލްތަކުގައި ތިބުމަކީ ބާސްކެޓްބޯޅަ އެސޯސިއޭޝަނަށް އޮތް ހިތްހަމަޖެހުމެކެވެ. އެމީހުންގެ ވަރަށްބޮޑު އެއްބާރުލުމެއް އެސޯސިއޭޝަނަށް ލިބެމުންދާކަން ރައީސް އަހުމަދު އާދަމް ފާހަގަކުރެއްވިއެވެ. އެސަޕޯޓާއެކު ބާސްކެޓްބޯޅަ އަތޮޅުތަކަށް ފުޅާކުރެވޭނެއެވެ. އެހެންކަމާއެކު ދިގު މުއްދަތުގެ އަމާޒަށް ވާޞިލްވެވޭނެކަމަށް އެސޯސިއޭޝަނުން އުންމީދު ކުރެއެވެ.

- ކޮމެންޓް