މިހާރު ބާސެލޯނާއިން ސްޕެނިޝް ލީގުގައި ކުޅެމުން އަންނަ ރަނގަޅު ކުޅުމުގައި ދެމިހުރެއްޖެ ނަމަ މި ސީޒަންގައި އެޓީމަށް މުބާރާތް ކާމިޔާބު ކުރެވޭނެކަމަށް ބާސެލޯނާގެ ރައީސް ޔޮއާން ލަޕޯޓާ ބުނެފިއެވެ.
ލަލީގާގައި މިހާރު ބާސެލޯނާ އޮތީ 54 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ. ތާވަލުގެ އެއްވަނައިގައި ވާދަވެރި ރެއާލް މެޑްރިޑް އޮތީ 66 ހޯދައިގެން 12 ޕޮއިންޓުގެ ފަރަގަކާއެކުއެވެ. ނަމަވެސް ބާސެލޯނާއިން މިހާރު އަންނަނީ ޓީމުގެ ކުޅުން ރަނގަޅުކޮށް ނަތީޖާ ނެރެމުންނެވެ. ޓީމު އެންމެ ފަހުން ކުޅުނު ފަސް މެޗުން ވެސް ވަނީ މޮޅުވެފައެވެ.
ލަޕޯޓާ ބުނީ ހަމައެކަނި ޔޫރަޕާ ލީގު ހޯދައިގެން ފަރުޖައްސާލަން ބޭނުން ނުވާކަމަށެވެ. އޭގެ ބަދަލުގައި ލަލީގާ ކާމިޔާބުކުރަން ބޭނުންކަމަށާއި އެކަމަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށެވެ. ލަޕޯޓާ ބުނީ އޭނާއަށްވުރެ ޓީމުގެ ކުޅުންތެރިންގެ އުންމީދުތައް މިކަމަށް އަދި މާ ބޮޑު ކަމަށެވެ.
ލަޕޯޓާ ދިން މި އިންޓަވިއުގައި އޭނާ ވަނީ އެޓީމުގެ ކުރީގެ ތަރި ލިއޮނެލް މެސީގެ ވާހަކައަށްވެސް އަލިއަޅުވާލާފައެވެ. ލަޕޯޓާ ބުނީ މެސީ އަލުން އަނބުރާ ބާސެލޯނާއަށް ގެންދިއުމުގެ ވިސްނުމެއް މިވަގުތު ނެތްކަމަށެވެ. އަދި މެސީގެ ފަރާތުންވެސް އެނބުރި ބާސެލޯނާއަށް ދާން ބޭނުންވާ ކަމުގެ އިޝާރާތެއް ލިބިފައި ނުވާކަމަށެވެ.
ނަމަވެސް މެސީ އަކީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމަށް ލަޕޯޓާ ބުންޏެވެ. އެކަމަކު މިވަގުތު ޓީމުގެ ވިސްނުން ހުރީ އައު ކުޅުންތެރިންނާއެކު އަލުން ޓީމު ބިނާ ކުރުމަށް ކަމަށް ލަޕޯޓާ ބުންޏެވެ.