ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރާ ދެމުންގެންދާ ހަމަލާތައް ހުއްޓުވޭނެ މަގެއް އޮތްތޯ ބެލުމަށް ތުރުކީގެ އިސްނެގުމަށް ބޭއްވި މަޝްވަރާތަކެއް އަންގާރަ ދުވަހު އިސްތަންބުލްގައި ފަށައިފިއެވެ.
ދެފަރާތުގެ އިސް އޮފިޝަލުން ބައްދަލުވުމަށް ވަޑައިގެންނެވުމުން އެބޭފުޅުންނަށް މަރުހަބާ ވިދާޅުވެފައިވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުރުދުގާން އެވެ. ނަމަވެސް އެމަނިކުފާނު ވާހަކަތައް ފެށުމުގެ ކުރިން އެއްވެސް ފަރާތަކާއި ސަލާމްކުރައްވާފައި ނުވާކަން މީޑިއާ ރިޕޯޓްތަކުގައި ފާހަގަކޮށްފައިވެއެވެ.
ރަޝިޔާ އާއި ޔޫކްރެއިނާއި ދެމެެދު ހިނގަމުންދާ ހަނގުރާމަޔަށް އެއްމަހަށް ވުރެގިނަ ދުވަސް ވެފައިވާއިރު މިހަނގުރާމައިގެ ސަބަބުން ދުނިޔޭގެ މަސްރަހު މިވަގުތުވަނީ ވަރަށް ބޮޑު ނުތަނަވަސް ކަމެއްގެ ތެރޭގައެވެ. ތެލުގެ އަގަށް ނުރަނގަޅު އަސަރުކުރަން ފަށާފައިވާއިރު މިކަމުގެ ސަބަބުން ދުނިޔޭގެ އިގްތިސާދަށްވެސް ލޮޅުންތައް އަންނާނެ ކަމަށް ދަނީ ބެލެމުން ނެވެ. އެހެންކަމުން މައްސަލައަށް އަވަސް ސުލްހަވެރި ހައްލެއް ހޯދުމަކީ އެންމެނަށްވެސް އެންމެ ފައިދާ ހުރި ގޮތެވެ. އަދި މިކަމަށްޓަކައި އެކި ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުންނެވެ.