ކުރިއަށް އޮތް ސަމަރް ޓްރާންސްފަރ މާކެޓުގައި ސްޕެއިންގެ ރެއާލް މެޑްރިޑުން ހޯދުމަށް މަސައްކަތް ކުރާ ކުޅުންތެރިންގެ ލިސްޓުގެ އެންމެ ކުރީގައި ހިމެނޭ އެއް ކުޅުންތެރިއަކީ އޮރޭލިއަން ޗުއަމެނީއެވެ. ނަމަވެސް މިހާރު ގިނަ ބައެއްގެ ހިތުގައި އުފެދޭ އެންމެ ބޮޑު ސުވާލަކީ ބޮޑު އަގެއްގައި ޗުއަމެނީ އެކްލަބަށް ގެންގޮސްފާނެތޯއެވެ. އެއީ ޕީއެސްޖީގެ ޒުވާން ތަރި ކީލިއަން އެމްބާޕޭ ގެންދިއުމަކީ ރެއާލުން އެންމެ ބޮޑަށް އަމާޒު ހިފާފައިވާ ކަންތައް ކަމަށް ވާތީއެވެ. އަދި އެމްބާޕޭއަށް ޓީމުން ބޮޑު ޚަރަދުތަކެއް ކުރަން ޖެހޭނެތީއެވެ.
މޮނާކޯގެ ޗުއަމެނީ ގެ އަގު ބޮޑު ނަމަވެސް އޭނާ ރެއާލްއަށް މިހާރު ވަރަށް މުހިންމެވެ. އެއީ ކަސެމީރޯގެ ބަދަލުގައި ޓީމުގެ މެދުތެރެއަށް ކުޅުވާނެ ރަނގަޅު ކުޅުންތެރިއެއް މިހާރު އެޓީމުގައި ނެތުމެވެ. މޮނާކޯއިން ޗުއަމެނީ ވިއްކާލުމަށް ނިންމާފައިވަނީ 60 މިލިއަން ޔޫރޯއަށެވެ. އަދި ހުރިހާ ސްކައުޓުން ބުނާ ގޮތުގައި ބޮޑު އަގެއްގައި ނަމަވެސް ރެއާލްއަށް މިވަގުތު ޗުއަމެނީ މުހިންމެވެ.
ރެއާލްއިން އަންނަނީ އެމްބާޕޭގެ އިތުރުން އާލިން ހާލަންޑް ހޯދުމަށްވެސް މަސައްކަތް ކުރަމުންނެވެ. ޓީމަށް މޮޅެތި ފޯވާޑުންތަކެއް ހޯދި ނަމަވެސް ޓީމުގެ މިޑްފީލްޑަށް ދިމާވެފައިވާ މައްސަލަ ހައްލު ނުކުރެވިއްޖެ ނަމަ ކުރިއަށް އޮތް ސީޒަންގައި ރެއާލްއަށް ގިނަ ދަތި ތަކަކާއި ކުރިމަތިލާން ޖެހިދާނެއެވެ.
ވާދަވެރި ޕީއެސްޖީ އިންވެސް އަންނަނީ ޗުއަމެނީ ހޯދުމަށް މަސައްކަތް ކުރަމުންނެވެ. އެޓީމުގެވެސް ފޯވާޑް ލައިން ވަރަށް ވަރުގަދައެވެ. ނަމަވެސް މައްސަލަ ދިމާވަނީ މިޑްފީލްޑުންނެވެ. ނަމަވެސް ޗުއަމެނީ އަށްވުރެ ޕީއެސްޖީން ގެންދިއުން މިހާރު ގާތީ މެންޗެސްޓަރ ޔުނައިޓެޑް އަށް ކުޅެމުން އަންނަ ޕައުލް ޕޮގްބާއެވެ. މިއީ ރެއާލްއަށް އޮތް ހިތްހަމަ ޖެހުމެކެވެ. ނަމަވެސް އިނގިރޭސިވިލާތުގެ ޗެލްސީއިންވެސް އަންނަނީ ޗުއަމެނީ ހޯދުމުގެ ރޭހުގައި ވާދަ ކުރަމުންނެވެ.