ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިންއަށް ވެރިކަމުގައި ނުހުންނެވޭނެކަމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ވިދާޅުވި ވިދާޅުވުމަށް ރަޝިޔާއިން ރައްދުދީފިއެވެ.
ކްރެމްލިންގެ ސްޕޯކްސްމަން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ އެއީ ބައިޑަންއަށް ނިންމެވޭނެ ނިންމެވުމެއް ނޫންކަމަށާއި ރަޝިޔާގެ ރައީސް ކަނޑައަޅާނީ ރަޝިޔާގެ ރައްޔިތުންކަމަށެވެ.
ރަޝިޔާ އާއި ޔޫކްރެއިން ހަނގުރާމައަށް މަސް ދުވަސްވެފައިވާއިރު ޕޮލެންޑްގައި ހުންނަވާ ދެއްކެވި ވާހަކަފުޅުގައި ބައިޑަންވަނީ ޕުޓިންއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވާފައެވެ. ބައިޑަންގެ ވާހަކަފުޅާއި ގުޅިގެން ވައިޓް ހައުސް އިން ބުނީ ބައިޑަން މާނަކުރައްވަނީ ރަޝިޔާގެ ސަރުކާރު ބަދަލުކުރަން ނޫންކަމަށާއި ނަމަވެސް ރަޝިޔާއިން ކަންކުރަމުން އަންނަގޮތަށް ދުނިޔެ ސަމާލުވުމަށްކަމަށެވެ.
ވައިޓް ހައުސްއިން ބައިޑަންގެ ވާހަކަ މާނަކުރިގޮތާއި ގުޅޭގޮތުން ޕެސްކޮވް އެއްޗެއް ވިދާޅެއްނުވެއެވެ.
ބައިޑަން ގެންދަވަނީ މިފަހުން ވަރަށް ބޮޑަށް ޕުޓިންއަށް ފާޑުވިދާޅުވެ ވާހަކަފުޅުދައްކަވަމުންނެވެ. އެގޮތުން ޕުޓިން އަކީ ހަނގުރާމައިގެ މުޖުރިމެއްކަމަށާއި މީހުން މަރާ ޑިކްޓޭޓަރެއްކަމަށް ބައިޑަން ވަނީ ވިދާޅުވެފައެވެ. އެކަމާއި ގުޅިގެން ކްރެމްލިން އިން ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. އަދި ބައިޑަންގެ ސިކުނޑީގެ ހާލަތާއި ގުޅޭގޮތުން ރަޝިޔާއިން ވަނީ ސުވާލު އުފައްދާފައެވެ.
ރަޝިޔާއިން އަންނަނީ ބައިޑަންގެ ސިއްހީ ހާލުކޮޅާއި ގުޅުވައި ބައިޑަން ދައްކަވާ ވާހަކަފުޅުތަކަށް ރައްދުދެމުންނެވެ. އެގޮތުން ރަޝިޔާގެ ސްޕޭސް އެޖެންސީގެ ހެޑް ޑިމިޓްރީ ރޮގޯޒިން ވަނީ އެންމެފަހުން ބައިޑަން ދެއްކެވި ވާހަކަފުޅު މާނަކުރަންޖެހުނީ ވައިޓް ހައުސްގެ މެޑިކަލް ޔުނިޓުންކަމަށް ވިދާޅުވެ ސޯޝަލް މީޑިޔާގައި ބައިޑަންއަށް މަލާމާތްކުރައްވާފައެވެ.