ކ. މާލެ
|
27 މާރޗް 2022 | އާދީއްތަ 07:21
އަފްޣާނިސްތާނުގައި އަންހެން ކުދިން މުޒާހަރާކުރަނީ
އަފްޣާނިސްތާނުގައި އަންހެން ކުދިން މުޒާހަރާކުރަނީ
އަލްޖަޒީރާ
އަފްޣާނިސްތާނުގައި އަންހެންކުދިން މުޒާހަރާކުރުން
ސްކޫލްތައް އަލުން ހުޅުވާލުމަށް ގޮވާލާ އަފްޣާނިސްތާނުގެ އަންހެން ކުދިން މުޒާހަރާކޮށްފި
ހޮނިހިރު ދުވަހު މުޒާހަރާކުރި ކުދިން ގޮވާލާފައިވަނީ ސްކޫލްތައް ހުޅުވާލުމަށާއި އިންސާފު ބޭނުންކަމަށް
މިދިޔަ ހަފްތާގެ ބުދަ ދުވަހު އަންހެން ކުދިންނަށް ސްކޫލްތައް ހުޅުވާލުމަށްފަހު އަނެއްކާވެސް ވަނީ ބަންދުކޮށްފައި

ގްރޭޑް ހަޔަކުން މަތީ އަންހެން ދަރިވަރުންނަށް ވަކި މުއްދަތެއް ނެތް ގޮތަށް ސްކޫލްތައް ބަންދުކުރުމާއި ގުޅިގެން އަފްޣާނިސްތާނުގެ އަންހެންކުދިން އެކަމާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.

ކާބުލްގައި ހުންނަ އެޑިޔުކޭޝަން މިނިސްޓްރީ ކުރިމަތީ ތިބެގެން މިކުދިން ވަނީ މުޒާހަރާކޮށްފައެވެ. ހޮނިހިރު ދުވަހު މުޒާހަރާކުރި ކުދިން ގޮވާލާފައިވަނީ ސްކޫލްތައް ހުޅުވާލުމަށާއި އިންސާފު ބޭނުންކަމަށެވެ. އަދި މިމުޒާހަރާގައި ތައުލީމަކީ އެންމެ އަސާސީ ހައްގެއް ކަމަށާއި ސިޔާސީ ޕްލޭނެއް ނޫންކަމަށް ޖަހާފައިވާ ބެނާތައް ގެންގުޅެފައިވެއެވެ. މުޒާހަރާ ކުރި ކުދިން ވަކި ހިސާބަކަށް ދިޔަތަނާއި އެތަނަށް ތާލިބާނު ހަނގުރާމަވެރިން އައުމުން އެކުދިން ވަނީ އެސަރަހައްދު ދޫކޮށް ގޮސްފައެވެ.

މިދިޔަ އަހަރުގެ އޮގަސްޓް މަހު ތާލިބާނުން އަފްޣާނިސްތާނުގެ ވެރިކަމާއި ހަވާލުވިފަހުން މަތީ ގްރޭޑްތަކުގައި ކިޔަވަމުން އަންނަ އަންހެން ކުދިންނަށް ވަނީ ތައުލީމު އުނގެނުމުގެ ފުރުސަތު ބަންދުވެފައެވެ. ގާތްގަނޑަކަށް ހަތް މަސްފަހުން އަންހެން ކުދިންނަށް ސްކޫލްތައް ހުޅުވާލާފައިވަނީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. ނަމަވެސް އެދުވަހު ދަރިވަރުން ސްކޫލަށް ހާޒިރުވުމުން ވަނީ އެކުދިންނަށް ސްކޫލްތައް ބަންދުކޮށްފައިވާކަން އިއުލާންކޮށްފައެވެ.

އެއާއެކު އަނެއްކާވެސް ނުތަނަވަސްކަން ވަނީ ވެރިވެފައެވެ. ކިޔެވެމުގެ ފުރުސަތު ބަންދުވާތީ އެކަމުގެ ކަންބޮޑުވުން ކުދިން ފާޅުކޮށްފައިވާއިރު ބައިނަލްއަގްވާމީ މުޖުތަމައުން ވަނީ އެކަމުގެ ނުރުހުން ފާޅުކޮށް ތާލިބާނުންނަށް ނިންމުން ބަދަލުކުރުމަށް ގޮވާލާފައެވެ.

އަންހެން ކުދިންނަށް ސްކޫލްތައް ބަންދުކުރި ސީދާ ސަބަބެއް ތާލިބާނުން ހާމަކޮށްފައެއްނުވެއެވެ. ނަމަވެސް އަންހެން ކުދިން ސްކޫލުތަކުން ކިޔެވުމުގެ ޕްލޭނެއް އެކުލަވާލަންދެން ސްކޫލްތައް ބަންދުވާނެކަމަށް ބުދަ ދުވަހު ވަނީ ބުނެފައެވެ.

އަނެއްކޮޅުން ހުކުރު ދުވަހު ތާލިބާނުންނާއި އެމެރިކާ އާއި ދެމެދު ކުރިޔަށް ގެންދިޔުމަށް ރާވާފައިވާ ވާހަކަތައްވެސް އެމެރިކާއިން ވަނީ މިކަމާއި ގުޅިގެން ފަހުވަގުތު ކެންސަލުކޮށްފައެވެ. ގަތަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ މިބައްދަލުވުމަކީ އަފްޣާނިސްތާނަށް ދިމާވެފައިވާ އިގްތިޞާދީ މައްސަލަތައް ހައްލުކުރުމާއި ގުޅޭގޮތުން ބޭއްވުމަށް ހަމަޖެހުނު ބައްދަލުވުމެކެވެ.

- ކޮމެންޓް