6 އަހަރު ދުވަހުގެ ތެރޭގައި ފުރަތަމަ ފަހަރަށް އިންޑިޔާއިން އެކްސްޕޯޓްކުރާ ހަކުރުގެ މިންވަރު ކޮންޓްރޯލްކުރުމަށް އިންޑިޔާ ސަރުކާރުން ނިންމާފައިވާކަމަށް ރޮއިޓަރސްއިން ބުނެފިއެވެ.
އިންޑިޔާ ސަރުކާރާއި ހަކުރުގެ އިންޑަސްޓްރީގައި މަސައްކަތްކުރާ ބައެއް ފަރާތްތަކާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ, އިންޑިޔާ ސަރުކާރުން ނިންމާފައިވަނީ މިސީޒަންގައި އެކްސްޕޯޓްކުރާ ހަކުރުގެ އެންމެ ގިނަ މިންވަރަކީ 8 މިލިއަން ޓަނު ކަމަށްހެދުމަށެވެ. މިނިންމުން އަންނަ މަހު އިންޑިޔާ ސަރުކާރުން ހާމަކުރާނެކަމަށްވެސް ރޮއިޓަރސްއިން ބުނެއެވެ.
އިންޑިޔާ ސަރުކާރުން މިނިންމުން މިނިންމަނީ, އެއްވެސް ކޮންޓްރޯލެއް ނެތި ހަކުރު އެކްސްޕޯޓްކުރަމުން ދިޔުމުގެ ސަބަބުން އިންޑިޔާގެ އެތެރޭގައި ހަކުރުގެ އަގު މާބޮޑަށް މައްޗަށްދާތީއެވެ.
މިޚަބަރާއެކު އިންޑިޔާގައި ހަކުރު އުފައްދާ ކުންފުނިތަކުގެ ޝެއަރގެ އަގު ވަނީ ދަށަށް ޖެހިލާފައެވެ.
އިންޑިޔާ ސަރުކާރުގެ ސީނިއަރ އޮފިޝަލަކު ވިދާޅުވީ އިންޑިޔާގައި ހަކުރު އުފައްދަމުން އަންނަނީ ރިކޯޑް މިންވަރަކަށް ނަމަވެސް ސްޓޮކް ދާދި އަވަހަށް ހުސްވާކަމަށެވެ. އެއީ ހަކުރު އެކްސްޕޯޓްކުރުމުގައި އެއްވެސް ކޮންޓްރޯލެއް ނެތުމުގެ ސަބަބުންކަމަށާއި, ފެސްޓިވަލްތަކާ ދިމާކޮށް ހަކުރުގެ އަގު އިންތިހާއަށް މައްޗަށް އަރައިގެންދާކަމަށެވެ.
އިންޑިޔާ ސަރުކާރުގެ ދެތިން މަސްދަރަކާ ހަވާލާދީ ރޮއިޓަރސްއިން ބުނެފައިވަނީ, ސަރުކާރުން ޕްލޭންކޮށްފައިވަނީ އެކްސްޕޯޓްކުރެވޭ މިންވަރުގައި 8 މިލިއަން ޓަނުގެ ކެޕެއް އެޅުވުމަށެވެ. އެހެން އޮފިޝަލަކާ ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވަނީ އިންޑިޔާއިން އެކްސްޕޯޓްކުރާ ހަކުރަށް ކޮންމެސް ވަރެއްގެ ޓެކްސް އެއް ކަހަލަ އެއްޗެއް ނަގާގޮތަށް ސިޔާސަތު ބަދަލުކުރުމަށްވެސް ސަރުކާރުން އަންނަނީ ވިސްނަމުންކަމަށެވެ. އެއީ އެކްސްޕޯޓްކުރާ މިންވަރު ދަށްކުރުމުގެ ގޮތުންނެވެ.
ނަމަވެސް އިންޑިޔާގެ ކޮމަރސް އެންޑް އިންޑަސްޓްރީ މިނިސްޓްރީން މިކަމާމެދު އަދި ވަކި އެއްޗެއް ނުބުނެއެވެ.
މިހާރުވެސް ހަކުރު އުފައްދާ ބައެއް ކުންފުނިތަކުން ވަނީ 7 މިލިއަން ޓަނުގެ ހަކުރު އެކްސްޕޯޓްކުރުމުގެ ޑީލްތައް ހަދާފައެވެ. އެހެންކަމުން 8 މިލިއަން ޓަނުގެ ކެޕެއް އަޅުވައިފިނަމަ އެކުންފުނިތަކަށް ދެން މިއަހަރު ހަކުރު އެކްސްޕޯޓެއް ނުކުރެވޭނެއެވެ.
އަންދާޒާކުރެވޭ ގޮތުގައި މިހާރު އެކްސްޕޯޓްކުރާ ރޭޓްގައި ހަކުރު އެކްސްޕޯޓްކުރާނަމަ އިންޑިޔާގެ އެތެރޭގައި ހަކުރުގެ ސްޓޮކް ހުރި މިންވަރު 6.8 މިލިއަން ޓަނަށް ވެއްޓޭނެއެވެ. އެއީ ފާއިތުވި ފަސް އަހަރާ އަޅައިބަލާއިރު އެންމެ ބޮޑަށް ސްޓޮކް ދަށަށްދާނެ ދިއުންވެސްމެއެވެ.
ދުނިޔޭގައި އެންމެ ގިނަ އަދަދަކަށް ހަކުރު އުފައްދާ އެކްސްޕޯޓްކުރަމުން އަންނަ ގައުމަކީ ބްރެޒިލްއެވެ. އިންޑިޔާއަކީ ދެވަނައަށް އެންމެ ގިނައިން ހަކުރު އެކްސްޕޯޓްކުރާ ގައުމެވެ. ނަމަވެސް ދާދިފަހުން ބްރެޒިލުން އުފައްދާ ހަކުރުގެ މިންވަރު މަދުވުމުން, ހަކުރު އުފައްދައިގެން އިންޑިޔާއަށް ލިބޭ ފައިދާ ވަނީ ބޮޑުވެފައެވެ.