އޮސްޓްރޭލިޔާއަށް ކުރިމަތިވަމުންދާ މޫސުމީ ކާރިސާތަކާއި ގުޅިގެން ސަރުކާރުން އެކަން ހައްލުކުމަށް ފިޔަވަޅު އަޅަމުން ނުދާކަމަށް ބުނެ އެތައްސަތޭކަ ބަޔަކު ނިކުމެ މުޒާހަރާކޮށްފިއެވެ.
ސިޑްނީގެ ރަށްފުށު ހިސާބެއްގައި ހުންނަ ބޮޑުވަޒީރު ސްކޮޓް މޮރިސަންގެ ގެކޮޅު ކުރިމައްޗަށް ހުކުރު ދުވަހު މުޒާހަރާ ކުރުމަށް އެއްވި މީހުންގެ ތެރޭގައި ޔުނިވަރސިޓީތަކުގެ ކިޔަވާ ކުދިންނާއި އެކުދިންގެ ބެލެނިވެރިން އަދި މަސައްކަތް ތެރިންގެ ގިނަ ބަޔަކު ހިމެނެއެވެ. އެފަރާތްތަކުން ގޮވަމުން ދިޔަގޮތުގައި އޮސްޓްރޭލިޔާއަށް މޫސުމީ ކާރިސާއަކަށް ފަހު ކާރިސާއެއް ކުރިމަތިވަމުންދާއިރު ސަރުކާރުން މިކަމަށް އެދެވޭ ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުންދާތަނެއް ނުފެނެއެވެ. މިހުރިހާ ކާރިސާވެސް ހިނގަމުން ދަނީ ފޮސިލް ފިއުލް ނުވަތަ ބޯޓުދެލި އަދިވެސް ބޭނުން ކުރަމުން ދާތީ ކަމަށް އެމީހުން ފާހަގަކޮށްފައިވެއެވެ. އަދި ބޯޓުދެލި ނެގުން ހުއްޓުވުމުގެ ބަދަލުގައި ސަރުކާރުން ސަބްސިޑީދީގެން އަދިވެސް އެކަން ކުރިޔަށް ގެންދާތީ އެމީހުން ނުރުހުން ފާޅުކޮށްފައިވެއެވެ.
ފާއިތުވި ދެމަހެއްހާ ދުވަހުގެތެރޭ އޮސްޓްރޭލިޔާގެ އެތައް ސްޓޭޓެއްގައިވަނީ ފެންބޮޑުވުމުގެ ބޮޑެތި ކާރިސާތަކުގެ އިތުރުން ޖަންގަލިތަކުގައި ރޯވުމުގެ ކާރިސާތައްވެސް ހިނގާފައެވެ. އަދި ފެންބޮޑުވުމުގެ ކާރިސާތަކަކީ ފާއިތު އެއްހާސް އަހަރުތެރޭވެސް ހިނގާފައި ނުވާވަރުގެ ބޮޑު ކާރިސާތައް ކަމަށް ރިޕޯޓްތައް ބުނެފައިވެއެވެ.
އޮސްޓްރޭލިޔާގެ ސަރުކާރުން ބުނެފައިވަނީ ކާބަންޑައިއޮކްސައިޑް ޖައްވަށް ދޫކުރާ މިންވަރު ނެޓްޒީރޯ ޓާގެޓަކަށް އަމާޒު ކުރާނީ 2050 ވަނަ އަހަރާއި ހަމައިގައިކަމަށެވެ. މިކަމަށް ތިމާވެށި ހިމާޔަތް ކުރުމަށް ގޮވާލާ އެކްޓިވިސްޓުންގެ ފާޑުކިޔުންތައް އަންނަނީ އަމާޒުވަމުންނެވެ.