ސްރީލަންކާއަށް މިވަގުތު ކުރިމަތިވެފައި އިގުތިސާދީ ދަތިހާލަތުން ސަލާމަތްވުމަށް އަޅާ ފިޔަވަޅެއް ގޮތުން ބައެއް ގަޑިތަކުގައި ކަރަންޓު ކަނޑާނެކަން އަންގައިފިއެވެ.
ޕަބްލިކް ޔޫޓިލިޓީސް ކޮމިޝަން އޮފް ސްރީލަންކާއިން ބުރާސްފަތި ދުވަހު އިއުލާން ކޮށްފައިވާ ގޮތުގައި, ހުކުރު ދުވަހު ހެދުނު 8:00ން ފެށިގެން ރޭގަޑު 11:00އާ ހަމައަށް އެކި ގަޑިތަކުގައި އެކިހިސާބުން ކަރަންޓު ކަނޑަމުންގެންދާނެއެވެ.
މިކަމަށްޓަކައި ހުރިހާ ގޭބިސީތަކާ އޮފީސްތައް ވަނީ ގްރޫޕްތަކަކަށް ބަހާލާފައެވެ. މިގޮތުން ފުރަތަމަ 12 ގްރޫޕުގައި ހެނދުނު 8:00ން ފެށިގެން ހަވީރު 6:00އަށް ތިންގަޑިއިރެއްހާއިރަށް ކަރަންޓް ކަނޑާލާއިރު، އަނެއް 8 ގްރޫޕަށް ހެނދުނު 8:30ން ފެށިގެން ހަވީރު 5:30އަށް، ހަތަރު ގަޑިއިރާ ތިރީސް މިނެޓަށް ކަރަންޓު ކަނޑާލާނެއެވެ.
މީގެ އިތުރުން ހަވީރު 5:30ން ރޭގަނޑު 11:00އަށް، ދެގަޑިއެއްހާއިރަށް ހުރިހާ ހިސާބަކުންވެސް ކަރަންޓު ކަނޑާލާނެއެވެ.
ސްރީލަންކާގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާއިރު ބޭރުފައިސާގެ ރިޒަރވް އެއްކޮށް ހުސްވެފައިވާ ކަމަށް ޚަބަރުތައް ބުނެއެވެ.
އެގައުމުގައި މިވަގުތު އަސާސީ ގިނަ ތަކެތީގެ އަގުވަނީ އަތްނުފޯރާ ހިސާބަށް އުފުލިފައެވެ. ތެލާއި ގޭހުގެ ސަޕްލައި ދަށްވެ އަގުތައް އިންތިހާއަށް އުފުލިފައިވާއިރު, ތެލާއި ގޭސް އަދި ކާބޯތަކެތި ހޯދުމަށް މަގުތަކުގައި ދިގު ކިއުތައް ވަނީ ހަދާފައެވެ. ބުރާސްފަތި ދުވަހުވެސް މިފަދަ ކިއުއެއްގައި ހުރި މީހަކު މަރުވެފައިވާކަމަށްވެސް ޚަބަރުލިބެއެވެ.
ބައެއްމީހުން ސިފަކުރާގޮތުގައި އެގައުމަށް މިވަގުތު ކުރިމަތިވެފައިވަނީ ތަމަޅައިންނާ ދެކޮޅަށް ހަގުރާމަ ކުރިޔަށް ދިޔައިރު ކުރިމަތިވި ދަތި ދުވަސްތަކަށްވުރެވެސް ދަތި ދުވަސް ތަކެކެވެ.
މި ދަތިކަމުން އަރައިގަތުމަށް ސްރީލަންކާ ސަރުކާރުން މިހާރުވަނީ އައިއެމް އެފްއާއި ވަރޑް ބޭންކް ފަދަ އިދާރާތަކުގެ އެހީތެރިކަމަށް އެދެން ނިންމާފައެވެ.