ކ. މާލެ
|
6 ޖޫން 2017 | އަންގާރަ 18:58
އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް
އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް
މަޖިލިސް
ރަށްގިރުމުގެ މައްސަލަ
މިސަރުކާރުން މިހާތަނަށް 25.5 ކިލޯމީޓަރުގެ ގޮނޑުދޮށް ހިމާޔަތް ކޮށްފައިވާނެ: ތޯރިގް
ތޯރިގް ވިދާޅުވީ މިހާރުވެސް ރަށްގިރުމުގެ އެކިވަރުގެ 70 މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށް
ރަށްގިރުމުގެ މައްސަލަތަކަށް އެންމެބޮޑު ހައްލެއް ގެނެސްފައިވަނީ މިސަރުކާރުން
15 ރަށެއްގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް ތޯރިގް ވިދާޅުވި

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މިސަރުކާރުގެ މިވޭތުވެދިޔަ ތިން އަހަރާއި ބައިގެ ތެރޭގައި، ރަށްގިރުމުގެ މައްސަލަތައް ހައްލުކުމުގެ މަޝްރޫއުތަކުގެ ތެރެއިން މިހާތަނަށް 25.5 ކިލޯމީޓާރުގެ ގޮނޑުދޮށް ހިމާޔާތް ކޮށްފައިވާނެ ކަމަށް އެންވަޔަރަމަންޓް އެންޑް އެނާރޖީ މިނިސްޓަރު ތޯރިގް އިބްރާހީމް ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހުގެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވަޒިރާ ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ތޯރިގް ވިދާޅުވީ ރަށްގިރުމުގެ މައްސަލައަކީ ދިވެހިރާއްޖެއަށް ދިމަވެފައިވާ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ. އެގޮތުން މިހާރުވެސް ރައްޖޭގެ އެކި ސަރަހައްދުތަކުން ރަށްގިރުމުގެ އެކިވަރުގެ 70 މައްސަލައެއް އެމިނިސްޓްރީއަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިހާރު ވެސް ޖުމްލަ 23 ރަށެއްގެ ގޮނޑުދޮށް ހިމާޔާތްކުރުމުގެ އަމަލީ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި އޭގެ ތެރެއިން 15 ރަށެއްގެ އަމަލީ މަސައްކަތް ނިމި، 8.2 ކިލޯމީޓާރުގެ ގޮނޑުދޮށް ހިމާޔަތްކޮށް ނިންމާފައިވާ ކަމަށެވެ. އަދި މި މަޝްރޫތަކަށް 263 މިލިއަން ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދުކޮށްފައިވާ ކަމަށް ވެސް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ.

ތޯރިގް ވިދާޅުވީ 2013 ވަނަ އަހަރު ދެ ރަށެއްގެ ރަށްގިރުމުގެ މައްސަލަ ހައްލު ކުރެވިފައިވާ ކަމަށާއި 2014 ވަނަ އަހަރު ތިން ރަށެއްގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށުނު ކަމަށެވެ. އަދި 2015 12 ރަށެއްގެ މަސައްކަތް ފެށުނުއިރު، 2016 ހަ ރަށެއްގެ ރަށްގިރުމުގެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ބިން ހިއްކުމުގެ މަޝްރޫއުތަކުގެ ތެރެއިން ނުވަ ރަށެއްގައި 17.3 ކިލޯމީޓަރު  ގޮނޑުދޮއް ހިމާޔާތް ކޮށްފައިވާ ކަމަށާއި ޖުމްލަ 25.5 ކިލޯ މީޓަރުގެ  ގޮނޑުދޮއް މިސަރުކާރުން ހިމާޔަތް ކޮށްފައިވާ ކަމަށް މިނިސްޓަރު ތޯރިގް ވިދާޅުވި އެވެ. 

- ކޮމެންޓް