މޯލްޑިވްސް ސްޕޯޓްސް އެވޯޑަކީ ދުނިޔޭގެ ސަމާލުކަން ލިބޭ އެވޯޑަކަށް ހެދުމުގެ ވާހަކަ ބުނުމުން މަލާމާތް ރައްދުވި ނަމަވެސް، އެވޯޑުގެ ސަބަބުން ދުނިޔެއަށް ރާއްޖެ އިޝްތިހާރުވަމުންދާކަމަށް ކުޅިވަރާއި ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ވިދާޅުވީ މިއަދު ދުނިޔޭގެ އެކި ޤައުމުތަކުގެ ބޮޑެތި ނޫސްތަކުގެ ހެޑްލައިނުން ސްޕޯޓްސް އެވޯޑު ޖާގަ ހޯދާ ރާއްޖެ އިޝްތިހާރުވާތީ އެކަމާއި އުފާކުރައްވާ ކަމަށެވެ.
ދުނިޔޭގެ އެކި ޤައުމުތަކުގެ ބޮޑެތި ނޫސްތަކުގައި ރާއްޖޭގެ ސްޕޯޓްސް ޖާގަ ހޯދާފައިވާއިރު، އޭގެ ތެރޭގައި ޒީނިއުންސް، ހިންދުސްތާން ޓައިމްސް، ދަޕޭޕާ.ކޮމް، ސައުދީ ގެޒެޓް، ކްރިކެޓް ކަންޓްރީ އަދި އިންސައިޑް ސްޕޯޓް ފަދަ މަޝްހޫރު ނޫސްތައް ހިމެނެއެވެ.
މި ނޫސްތަކުގައި ރާއްޖޭގެ ސްޕޯޓްސް އެވޯޑުން ޖާގަ ހޯދުމުގެ ސަބަބުން ރާއްޖެ އިޝްތިހާރުވެ، ރާއްޖޭގެ ފަތުރުވެރިކަމަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ. އަދި ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ރާއްޖެއައި ދުނިޔޭގެ ފެންވަރުގެ ކުޅިވަރު ޝަހުސިއްޔަތުން ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ރާއްޖޭގެ މޫދުތަކާއި އަތިރިމަތިތަކުގެ ފޮޮޓޯތައް ހިއްސާކުރުމުގެ ފައިދާވެސް ފަތުރުވެރިކަމަށް ކުރާނެކަމަށް މީގެ ކުރިންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މުޅިން އަލަށް ބޭއްވުނު ސްޕޯޓްސް އެވޯޑްސްއަކީ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތައް އަގުވަޒަންކުރުމަށް މިހާތަނަށް ބޭއްވުނު އެންމެ ބޮޑު ހަފްލާއެވެ. މި ހަފްލާގައި އެކި ގައުމުތަކުގެ ކުޅިވަރާއި ބެހޭ ވަޒީރުންގެ އިތުރުން ދުނިޔޭގެ އެހާރާއި މިހާރުގެ މަޝްހޫރު އެތަކެއް ކުޅުންތެރިން ނޫނީ ކުޅިވަރުގެ ޝަހުސިއްޔަތުން ވަނީ ރާއްޖެ އައިސްފައެވެ.
މިފަދަ ބޮޑު ހަފްލާއެއް ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ކުޑަ ޚަރަދެއްގައިކަމަށް މީގެ ކުރިންވެސް މިނިސްޓަރު ވިދާޅުވިއެވެ. މި އިވެންޓަށް ކޮށްފައިވާ ޚަރަދު ކުޑަކަން ހާމަކުރައްވާ މިނިސްޓަރު ވިދާޅުވީ 30 މިލިއަން ރުފިޔާއަށް މީގެ 6 އިވެންޓު ބޭއްވޭނެކަމަށެވެ. އަދި ބައެއް ފަރާތްތަކުން މީގެ ކުރިން މިފަދަ އިވެންޓުތައް ހިންގާ ގޮތާއި ޚިލާފަށް މި އިވެންޓު ކުރިއަށް ގެންގޮސްފައިވަނީ ވަރަށް ކުޑަ ބަޖެޓަކުން ކަމަށެވެ. އަދި މި އިވެންޓަކީ މިހާތަނަށް ރާއްޖޭގައި އެންމެ ކުޑަ ޚަރަދަކުން ބޭއްވި އެންމެ ބޮޑު އިވެންޓުކަމަށެވެ.
މި އިވެންޓުގައި ބައިވެރިވުމަށް ރާއްޖެއައި ލެޖެންޑުންގެ ޓިކެޓާއި ކެއުމާއި ހުރުން ފިޔަވައި އިތުރު ކަމަކަށް ޚަރަދުކުރާކަށް ނުޖެހެއެވެ. އަދި މި ފަރާތްތަކުގެ ސަބަބުން ރާއްޖެ އިޝްތިހާރުވުމުގެ އިތުރުން ލެޖެންޑުން ވަނީ ރާއްޖޭގެ ކުޅިވަރު އެސޯސިއޭވަންތަކާއި ކުޅުންތެރިންނާއެކު ވަގުތު ހޭދަކޮށް ތަޖުރިބާތައް ހިއްސާ ކޮށްފައެވެ.