ސާބިއާގައި މިހާރު ކުރިއަށްދާ ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގައި ކުރިއަށް ދިއުމުގެ ފުރުސަތު، ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ސާއިދުއަށް ގެއްލިއްޖެއެވެ.
މި މުބާރާތުގައި ސާއިދު ބައިވެރިވީ 60 މީޓަރުގެ ދުވުމުގައެވެ. މިއީ ރާއްޖޭގެ އެތުލީޓަކު ވޯލްޑް އިންޑޯ ޗެމްޕިއަންޝިޕްގެ ދުވި ފުރަތަމަ ފަހަރެވެ. ސާއިދުއަށް މުބާރާތް ގެއްލުނީ ފުރަތަމަ ހީޓުގައި ވާދަކޮށް އެންމެ ފުލުން ރޭސް ނިންމާލެވުމާއެކުއެވެ. ފުރަތަމަ ހީޓުގައި ސާއިދު ރޭސް ނިންމީ 6.87 ސިކުންތުންނެވެ. ސާއިދުގެ ކޯޗަކީ އަހުމަދު ފާއިލްއެވެ.
މި ހީޓުގެ އެއްވަނަ ހޯދީ މާސެލް ޖެކޯބްސްއެވެ. އޭނާ ވަނީ މީގެ ކުރިން މުބާރާތުގެ 60 މީޓަރު ދުވުމުން ރަން މެޑަލްވެސް ހޯދާފައެވެ. ހީޓުގެ ދެވަނަ ހޯދީ ޓްރިންޑާޑް އެންޑް ޓޮބޭގޯގެ ޖެރޮޑް އެލްކޮކްއެވެ. އޭނާ ރޭސް ނިންމީ 6.63 ސިކުންތުންނެވެ. ގައުމުގެ ރެކޯޑަކާއެކު 6.64 ސިކުންތުގެ ޓައިމިން އަކުން ތިންވަނަ ހޯދީ ބަންގްލަދޭޝްގެ އިމްރާނުރް ރަހުމާންއެވެ. ހީޓުގެ ހަތަރުވަނަ، 6.68 ސިކުންތުގެ ޓައިމިންއަކުން އޮސްޓްރިއާގެ މާކަސް ފުޗްސް ކާމިޔާބުކުރިއިރު، ފަސްވަނައަށް ދިޔަ ޕުއެޓަ ރީކޯގެ ދުވުންތެރިޔާ މައިލްސް ލެވިސް ރޭސް ނިންމީ 6.69 ސިކުންތުންނެވެ.
ރާއްޖޭގައި މުޅިން އަލަށް ބޭއްވުނު މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 ގައި ރާއްޖޭގެ އެންމެ މޮޅު އެތުލީޓަކަށް ހޮވުނު ސާއިދު އަކީ 60 މީޓަރުގެ ދުވުމުގައިވެސް ގައުމީ ރެކޯޑު ހޯލްޑަރެވެ. 2016 ވަނަ އަހަރު ގަތަރުގެ ވެރިރަށް ދޯހާގައި އޮތް އޭޝިއަން އިންޑޯ ޗެމްޕިއަންޝިޕްގައި 60 މީތަރުގެ ދުވުމުން 6.81 ސިކުންތުގައި ނިންމާ އޭނާ ވަނީ ގައުމީ ރެކޯޑު ހަދާފައެވެ. އޭގެ ފަހުން ދެވަނަ ހީޓުގައި 6.75 ސިކުންތުން ރޭސް ނިންމާ ސާއިދު ރެކޯޑު އޭނާ އައުކުރިއެވެ. އެފަހަރުގެ ފައިނަލް ހީޓުގައި ވާދަކޮށް ސާއިދު ރޭސް ނިންމީ ފަސްވަނައިގައެވެ.
ސާއިދު ވަނީ އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރުން ރަން މެޑަލް, 200 މީޓަރުން ރިހި މެޑަލް, ސައުތް އޭޝިޔަން ގޭމްސްގެ 100 މީޓަރާއި, 200 މީޓަރުންވެސް ރިހި މެޑަލް ހޯދާފައެވެ.
އެންމެފަހުން ބޭއްވި ޤައުމީ އެތްލެޓިކްސް ޗެމްޕިއަންޝިޕްގެ ފިރިހެން އެންމެ މޮޅު އެތްލީޓަކީވެސް ސާއިދުއެވެ. އެއީ 4 ރަން މެޑެއްޔާއި, ލޯ މެޑެއްޔެއް ހޯދައިގެންނެވެ. 100 މީޓަރާއި, 200 މީޓަރާއި, 400 މީޓަރުންވެސް ރަން މެޑަލް ހޯދީ ސާއިދުއެވެ.