ކ. މާލެ
|
20 މާރޗް 2022 | އާދީއްތަ 22:46
ދުނިޔޭގެ އުފާވެރިކަމުގެ ދުވަސް
ދުނިޔޭގެ އުފާވެރިކަމުގެ ދުވަސް
އަލްޖަޒީރާ
ދުނިޔޭގެ އުފާވެރިކަމުގެ ދުވަސް
އެންމެ ހިތްދަތި ހާލުގައި އުޅެނީ އަފްޣާނިސްތާންގެ ރައްޔިތުން: އދ.ގެ ރިޕޯޓް
ސަރވޭގައި 149 ގައުމެއްގެ މައުލޫމާތު އެއްކޮށްފައިވޭ
އުފާވެރިކަމުގެ ގޮތުން އެންމެ ކުރީގައި އުޅެނީ ފިންލަންޑް

ދުނިޔޭގައި އެންމެ ހިތްދަތި ހާލުގައި އުޅެނީ އަފްޣާނިސްތާންގެ ރައްޔިތުން ކަމަށް އދ.ގެ ރިޕޯޓްއެއްގައި ބުނެފިއެވެ. އާދީއްތަ ދުވަހު ފާހަގަކުރި ދުނިޔޭގެ އުފާވެރިކަމުގެ ދުވަހާ (އިންޓަރނޭޝަނަލް ޑޭ އޮފްހެޕިނަސްއާ) ގުޅިގެން ނެރުނު ޚާއްސަ ރިޕޯޓް ބުނާ ގޮތުން ސަރވޭ ކުރެވުނު 149 ގައުމުގެތެރެއިން އުފާވެރިކަން އޮތް މިންވަރުގެ ގޮތުން އެންމެ ފުލުގައި އޮތީ އަފްޣާނިސްތާނެވެ. އެގައުމުގެ އުފާވެރިކަމުގެ ރޭޓަކީ 2.5 އެވެ. އެއާ ޖެހިގެން ލުބްނާން އޮތްއިރު ދެން ލިސްޓްގެ އެންމެ ފުލުގައިތިބި ގައުމުތަކަކީ ބޮޓްސުވާނާ، ރުވަންޑާ އަދި ޒިމްބާބްވޭއެވެ.

7.8ގެ ސްކޯރއަކާއެކު އުފާވެރިކަމުގެ ގޮތުން އެންމެ ކުރީގައި އުޅެނީ ފިންލަންޑްއެވެ. ދެން އެންމެ ކުރީގައި އުޅޭ ހަތަރު ގައުމަކީ ޑެންމާރކް، ސްވިޓްޒަރލަންޑް، އައިސްލަންޑް އަދި ނެދަރލަންޑްސް އެވެ. ލިސްޓްގެ އެންމެ ކުރިޔަށް ފިންލަންޑް އައި މިއީ ހަތަރުވަނަ އަހަރެވެ.

ގައުމުތަކުގައި އުފާވެރިކަމުގެ ލެވެލް ހުރި މިންވަރު ރިސަރޗް ކުރި ފަރާތްތަކުން ގައުމުތައް ރޭންކްކޮށްފައިވަނީ ތިންއަހަރުދުވަހުގެ ޑޭޓާއަށް ބެލުމަށްފަހުއެވެ. މިގޮތުން އެފަރާތްތަކުން ބެލި ކެޓަގަރީ ތަކުގެތެރޭގައި ޖީޑީޕީ، ސޯޝަލް ސޭފްޓީ ނިޒާމް، މީހުންގެ އެވްރެޖް އުމުރު، މުހިންމު ނިންމުންތައް އަމިއްލަޔަށް ނިންމުމުގެ މިނިވަންކަން އޮތް މިންވަރު، އާންމު ރައްޔިތުންގެ މެދުގައި ތަނަވަސްކަމާއި ދީލަތިކަން ހުރި މިންވަރު، ކޮރަޕްޝަންގެ ކަންތައް އޮތް ހާލަތު ފަދަ މުހިންމު ދާއިރާތަކުން މައުލޫމާތު އެއްކޮށްފައިވެއެވެ.

މި ދިރާސާތަކުން ހާމަވެފައިވާ ގޮތުން އަފްޣާނިސްތާނަށް މިހުރިހާ ކެޓަގަރީ އަކުންވެސް ލިބިފައިވަނީ ވަރަށް ދަށް ސްކޯރއެކެވެ. މިދިޔަ އަހަރުގެ އޮގަސްޓްމަހު ތާލިބާން ޖަމާއަތް އަލުން ވެރިކަމަށް އައުމުގެ ކުރިންވެސް އެގައުމުގެ ހާލަތު ވަކި ރަގަޅު ނޫން ކަމަށް ރިޕޯޓްގައި ބުނެފައިވެއެވެ. އަހަރުތަކަކަށް ދެމިގެން ދިޔަ ހަގުރާމައާއި އިންތިހާދަރަޖައިގެ ފަގީރުކަމާއި ވަޒީފާ ނެތުމާއި އަދި އިންތިހާދަރަޖައިގެ ކޮރަޕްޝަންގެ ސަބަބުން އެންމެންހެން މާޔޫސްވެފައިތިބި އިރު، ސުވާލު ކުރެވުނު ގިނަބަޔަކު މުސްތަގްބަލާމެދު އެއްވެސް އުންމީދެއް ނުކުރާކަމަށް ބުނެފައި ވެއެވެ.

- ކޮމެންޓް