ހުރިހާ ގޮތަކުންވެސް ބައިނަލްއަގުވާމީ ހަފުލާއެކެވެ.

މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި ހުސްވި ހަފުތާގެ ބުރާސްފަތި ދުވަހުގެރޭ މާލޭގެ ޓްރެކް ދަނޑުގައި އެބޭއްވުނީ ހާދަހާވާ ބޮޑު، ހާދަހާވާ ފުރިހަމަ ހަފުލާއެކެވެ. އެއީ ހުރިހާ ގޮތަކުން ބެލިކަމަށްވިޔަސް ބައިނަލްއަގުވާމީ ހަފުލާއެކެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ނިސްބަތްވާ ފަނަރަ ޗެމްޕިއަނަކު ބައިވެރިކޮށްގެން ބޭއްވުނީ ދިވެހިރާއްޖެ މިހާތަނަށް ދެކިފައިނުވާވަރުގެ ބޮޑު ހަފުލާއެކެވެ. ކުޅިވަރާއި ޒުވާނުންނާއިބެހޭ ވުޒާރާއިންނެވެ. ސަރުކާރުންނެވެ. ދިވެހި ކުޅިވަރުތަކުގެ އެކި ފަންނާނުންގެ ޚިދުމަތާއި ފެންވަރުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ. ބައެއް މީހުންނަށް ހިތްވަރު ދިނުމުގެ ގޮތުންނެވެ. ދުނިޔެއިން ވަކިވެގެން ގޮސްފައިވާ ބައެއް މީހުންގެ ހަނދާނަށެވެ. ކޮންމެއަކަސް ކުޅިވަރުތަކުގެ ފަންނާނުންގެ އަގުވަޒަންކުރުމުގައި ސަރުކާރުން އެދަމައިލީ ރޮނގެކެވެ. މިޒާތުގެ ކަމެއް ކުރާ ބަޔަކު ދެން ތަބާވާން ޖެހޭނީ އެރޮނގަށެވެ.

ކުޅިވަރުގެ ޝަޚުސިއްޔަތުން ހޮވައި އިނާމު ދިނުމާއި އަގު ވަޒަންކުރުމުގެ ގޮތުން ޒާތްޒާތުގެ ހަނދާނީ ފިލާތަކާއި ޓްރޮފީތައް ބަހައި ހެދުމަކީ އާއްމުގޮތެއްގައި ސަރުކާރުތަކުން ކުރާ ކަމެއް ނޫނެވެ. އެކަން ކުރަނީ އަމިއްލަ ކޮންމެވެސް ބައެކެވެ. ކުޅިވަރާއިބެހޭ ގައުމީ އަދި ބައިނަލްއަގުވާމީ ޖަމިއްޔާ ޖަމާއަތްތަކާއި މުއައްސަސާތަކުގެ އެއްބާރުލުމާއެކީގައެވެ. އެހެންނަމަވެސް ގައުމެއްގައި އެކަން ހީނަރުވެ ވަޅުޖެހިފައިވާނަމަ އެކަން ނަގައި ކޮޅަށްޖަހައި ކުރިއަށްދާންވާ މަގު ދެެއްކުމަކީ ސަރުކާރުން ކުރަން ޖެހޭނޭ ކަމެކެވެ. ބައެއް ގައުމުތަކުގައި ކުރަމުން އަންނަވެސް ކަމެކެވެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުޅިވަރާއި ޒުވާނުންނާއި ބެހޭ ވުޒާރާއިން މިފަހަރު އެނެންގެވީ އިސްނެންގެވުމެކެވެ. ކަންކުރާން އޮތް މަގާއި ފެންވަރު ދެއްކެވީއެވެ.

ކޮންމެ އަހަރަކު އެއްފަހަރު މިގޮތަށް މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގެ ނަމުގައި ސަރުކާރުން އެތައް މިލިޔަން ރުފިޔާއެެއް ޚަރަދު ކުރައްވައިގެން ކުލަގަދަ ހަފުލާތަކެއް ނުބާއްވަވާނެއެވެ. އެއީ އެގޮތަށް ކުރެވޭނޭ ކަމެއްވެސް ނޫނެވެ. އެހެންވީމާ މިފަހަރުގެ ސްޕޯޓްސް އެވޯޑް ހަފުލާ ނިމުނު ހިސާބުން، ކަމާއި ގުޅުންހުރި އެސޯސިއޭޝަންތަކާއި ނޫސްތަކާއި ސްޕޮންސަރުން ގުޅިގެން ދެން އޮތީ އެއްކަލަ ރޮނގަށް ބަލައިގެން ކުރިއަށް ދިއުމެވެ. އެކި ބައިތަކަށް ބަހާލައިގެންވިޔަސްމެއެވެ. އަދި ހުރިހާ ކުޅިވަރުތައް އެއްކޮށްލައިގެން އެއް ހަފުލާއެއްގެ ގޮތުގައިވިޔަސްމެއެވެ. ކުޅިވަރު ކުޅޭ ކުދީންނާއި ކުޅިވަރު އާއިލާއަށް ހިތްވަރުދީ ކުޅިވަރު ކުރިއަށް ގެންދިއުމަށް މިއީ ނުހަނު ބޭނުންތެރި ކަމެއްކަމާމެދު ޝައްކެއްވެސް ނެތެވެ.

ކުޅިވަރު ޝަޚުސިއްޔަތުން ހޮވައި އިނާމުދީ ހިތްވަރާއި ޝަރަފުވެރިކަން ދިނުމުގެ ހަފުލާތައް އިންތިޒާމު ކުރުމާއި ބޭއްވުމަކީ ފަސޭހަކަމެއް ނޫނެވެ. އެއްގޮތަކަށްވެސް ފަސޭހަކަމެއް ނޫނެވެ. އެހެން މިދަންނަވަނީ ތަޖުރިބާކޮށްފައެވެ. ތަޖުރިބާތަކެއް ލިބިގެންހުރެއެވެ. ރާއްޖޭގައި މިހާތަނަށް ބޭއްވެމުން އައި އެންމެ ކުލަގަދަ ކުޅިވަރު ހަފުލާ ބާއްވަމުން އައީ އަމިއްލަ ނޫހަކުންނެވެ. އެކަންތައް ފެށުމުގައި އަމަލީގޮތުން އިސްދައުރެއް ވަނީ އަދާކުރެވިފައެވެ. އެންމެ ފުރަތަމަ މޯލްޑިވިއަން ފުޓްބޯލަރ އޮފް ދި އިޔަރގެ ނަމުގައެވެ. ކަމުގެ ޚިޔާލާއި ފިކުރު ނެރުނީ މި ސިކުނޑިން 1994 ގައެވެ. ކޮންމެއަކަސް ފުޓްބޯޅަޔާއި ވޮލީޔާއި އެތުލެޓިކްސް އާއި މިހެންގޮސް ރާއްޖޭގައި މަގްބޫލު ކުޅިވަރުތަކުގެ ޝަޚުސިއްޔަތުން ހޮވައި އެވޯޑުދިނުމުގެ މާކުރުނޫން މާޟީއެއް މިގައުމުގައި އެބައޮތެވެ.

ބައެއް ފަހަރު އެކިއެކި ކުޅިވަރު އެސޯސިއޭޝަންތަކުން އެކަންކުރެއެވެ. އެކިއެކި އެވޯޑް ނައިޓްގެ ނަމުގައެވެ. މީގެ މިސާލަކީ ކުރިކެޓް އެސޯސިއޭޝަނާއި ފުޓްބޯޅަ އެސޯސިއޭޝަނުން ބާއްވަމުން އައި ހަފުލާތަކެވެ. އަޅުގަނޑު ގަބޫލުކުރާގޮތުގައި ސަރުކާރުން މިފަހަރު އެ ބޭއްވެވީ 2022 ވަނަ އަހަރުގެ ހަފުލާއޭ ބޯޑެއްގައި ލިޔެފައި އޮތަސް އެއީ ވަކި އަހަރެއްގެ ހަފުލާއެއް ނޫނެވެ. އެއީ ދިވެހި ކުޅިވަރުގެ އަލިމަސްޔޫބީލް ހަފުލާއެވެ. އެހެންވީމާ ކުލަވެސް ގަދަވާން ޖެހޭނެތާއެވެ. އަލިމަހެއްހާ ވިދުމާއި ޒީނަތްތެރިކަންވެސް ހުންނަންވާނެތާއެވެ. އިންތިޒާމުކުރުމުގެ ވައްޓަފާޅިޔާއި ކަންކަން ކުރެވުނު ގޮތުގެ ބައްޓަމަށް ބަލާއިރު ސާބަހޭ ނޫން އެއްޗެއް ދެންނެވޭކަށް ނެތެވެ. އެކަމަކު އެކި ބައިތަކަށް މީހުން ހޮވުމާއި ހިތްވަރު ދިނުމުގައި އިންސާފުކުރެވުނު ގޮތާއި މިންގަނޑާމެދު ދަންނަވާން އޮތީ އަދި އެހެން ވާހަކައެކެވެ.

މިވާހަކަ މިގޮތަށް ދަންނަވާއިރުވެސް އަޅުގަނޑަށް އެނގެއެވެ. މޭރުންވެއެވެ. މިޒާތުގެ ކަންކަމުގައި ކޮންމެ ދެމީހެއްގެ ޚިޔާލު ތަފާތުވާނެއެވެ. ސަބަބުތަކާ ލައިގެންނެވެ. މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް ހަފުލާ މިފަހަރު ވަރަށް ގާތުން ފެނުނެވެ. ހަމަދިމާ ކުރިމަތިންނެވެ. އެކަމަކު ރަސްމީގޮތުން ދައުވަތު ލިބިގެން ދިޔަ ދިޔުމެއް ނޫނެވެ. ހަފުލާ ބްރޯޑްކާސްޓް ކުރުމުގެ ހައްގު ލިބިފައިވާ ފަރާތުގެ އެދުމަކަށް ބްރޯޑްކާސްޓިން ފުރިހަމަކުރުމުގެ ގޮތުން މީޑިޔާ ފާސް އަޅައިގެން ވަދެހުރި ހުރުމަކީއެވެ. މީހަކަށްވާ މީހެއްގެ ގޮތުގައި ވަދެވުނު ވަނުމެއް ނޫނެވެ. ދައުވަތު ލިބިގެން އެތަނަށް އެތައްސަތޭކަ ބަޔަކު ވަދެ ތިއްބެވެ. މަދަކު ބައިވަރެެއް ނޫނެވެ. ކޮންމެވެސް ގޮތަކުން ދައުވަތު ލިބިގެންނެވެ. މަރުޒޫގުމެން ކުޑަހީނާމެން އެ ލިސްޓުގައި ނެތަސް ލިސްޓުވެސް ކުރެެއް ނޫނެވެ.

އޮޅީގައި ނުހިމެނުނެއްކަމަކު ދިވެހި ކުޅިވަރަށް ގިނަ ދުވަސްތަކަކަށް ދިގު ޚިދުމަތްތަކެއް ކުރެވިފައިވާ މީހެއްގެ ގޮތުގައި އަދި މި ހަފުލާއަށް ބައިނަލްއަގުވާމީ އެތައް އެތައް ތަރީންނެއް އައިސްތިބުމާއެކު ބައިނަލްއަގުވާމީ ކުޅިވަރަށް ދިވެހީންގެ ލޯތައް ހުޅުވައިދިނުމުގައި އެހެން އެއްވެސް ދިވެއްސަކު އެހިސާބަށް ނުކުރާކަހަލަ މަސައްކަތްތަކެއްކޮށް ބައިނަލްއަގުވާމީ ކުޅިވަރުތައް ދިވެހިންގެ ވިންދާވެސް ގުޅުވައިލުމުގައި އިސް ދައުރެއް އަދާކުރެވިފައިވާތީ ވަރަށް ޝައުގުވެރިކަމާއެކު މަންޒަރު ބަލަން ހުރެވުނެވެ. ހަފުލާގައި ބައިވެރިވި ބައިނަލްއަގުވާމީ ލެޖެންޑުންގެ ތެރެއިން ހޮލެންޑުގެ އެޑްގާ ޑާވީޑްސް އާއި ބްރެޒިލްގެ ރޮބާރޓޯ ކާލޯސް އާއި ސްޕޭނުގެ މިޝެލް ސެލްގާޑޯ އާއި ޖާމަނީގެ މާކަސް މާރކްމެން ފަދަ މީސްމީހުންގެ ނަން ދިވެހީންގެ ކަންފަތްތަކާއި ދޫތަކާއި ރައްޓެހި ނަންނަމަށް ހަދައިދެވުނެވެ.

ހަމަލޮލުން އެމީހުން ފެންނަގޮތް މިވީއެވެ. އެހެންވީމާ ލައްކަ ޝައުގުވެރިކަމެއް އަޅުގަނޑުގެ ކިބައިގައި ހުންނާނެތާއެވެ. ކޮންމެ ގޮތަކަށް ވަދެވުނަސް ވަދެވިއްޖެއެވެ. އެނިމުނީއެވެ. ބަލާންހުރިއިރު އަދި އަޑުއަހާން ހުރިއިރު ހިތުގައި ޖެހުނެވެ. އަލިމަސްޔޫބީލް ފާހަގަކުރުމުގެ ހަފުލާއެއްވީމާ އެންމެ ކުޑަމިނުން މުހައްމަދު އަމީނުގެ ނަން އިވުނުބާވައެވެ. އިވުނު ހަނދާނެއް ނެތެވެ. އަމީނަކީ ކާކުބާވައެވެ. އެއީ މިރާއްޖޭގައި ކުޅިވަރަކީ ކުޅެންޖެހޭ އެއްޗެއްކަން ދަސްކޮށްދިން މީހާއެވެ. އަތޮޅުތަކުގައި ކުޅިވަރު ކުޅޭނޭ ތަންތަން އުފައްދަވައި މާލޭގެ ހަފޮޅުން ބޭރަށް ކުޅިވަރު ގެންދެވި އެކަމުގެ ބާނީއެވެ. މިހެންގޮސް ކޮންމެހެންވެސް މިފަދަ ހަފުލާއެއްގައި ނަން އިވޭނޭ ކަމަށް އަޅުގަނޑު ހީކުރި ކިތަންމެ ބައެއްގެ ނަން ނީވިދިޔައެވެ.

ކުޅިވަރަކީ ހަމައެކަނި މާލޭގެ ހަފޮޅުން އެތެރޭގައި ހިފެހެއްޓިފައި އޮތް އެއްޗެއް ނޫނެވެ. ހިފަހައްޓާން ބަޔަކު އުޅުނު އެއްޗެއްވެސް ނޫނެވެ. އެހެންވީމާ އަލިމަސް ޔޫބީލް ހަފުލާއެއްގައި ހޮވާލަން އޮންނަ ޕޫލް ކުޑައެއް ނުވާނެތާއެވެ. ސަރުކާރުން ކުރާ ކަމެއްގައި ބެލުންތައް ބޮޑުވެސްވާންވާނެތާއެވެ. އެހެންވެދާނެއެވެ. އެހުންނަނީ ގަސްތަކާއިނުލައި ވެވިފައި ހުންނަ ކަންކަމެވެ. ދެމީހެއްގެ ވިސްނުން އެއްގޮތް ނުވާތީވެސް ދިމާވާ ކަންކަމެވެ. ކޮންމެއަކަސް ކުޅިވަރާއި ޒުވާނުންނާއި ބެހޭ ވުޒާރާއިން މިފެއްޓެވި ކަންތައް މިރޫހުގައި އަދި މި ކުލައިގައި އެހެން ބަޔަކުވިޔަސް ދެމެހެއްޓުމަކީ ކުރެވޭ އުންމީދެކެވެ. އަނެއް އުންމީދަކީ ކޮންމެ ބަޔަކު ކުރިޔަސް އިންސާފާއި ދޭތެރޭ ބަސްބަސް ބުނާން ލިބޭ ފުރުސަތު ހަނިކޮށް ކުޑަކުރުމެވެ.

0%
50%
0%
50%
0%
0%