ސްރީލަންކާއަށް މިހާރު ދިމާވެފައިވާ އިގްތިޞާދީ ފުން އަނދަވަޅާއެކު ކަރުދާސް ގަނެވޭ ވަރަށް ފައިސާ ނެތުމުގެ ސަބަބުން އެގައުމުގެ ހުޅަނގު ޕްރޮވިންސްގެ ދަރިވަރުންގެ ޓެސްޓުތައް ކެންސަލްކޮށްފިއެވެ.
ޑޮލަރުގެ ތާށިކަމާއެކު ލަންކާއަށް ވަނީ ބޭނުންވާ ތަކެތި އެތެރެކުރުމަށް ދަތިތަކާއި ކުރިމަތިވެފައެވެ. މިއާއެކު ޕްރިންޓް ކުރެވޭ ވަރަށް ކަރުދާސް ނެތުމުގެ ސަބަބުން ހޯމަ ދުވަހުން ފެށިގެން ހަފްތާއެއް ވަންދެން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ޓެސްޓުތައް ވަނީ ކެންސަލްކޮށްފައެވެ. އެސަރަހައްދުގައި 4.5 މިލިއަން ކުދިން ތައުލީމު ހާސިލުކުރަމުންދެއެވެ.
ހުޅަނގު ޕްރޮވިންސްގެ އެޑިޔުކޭޝަން ޑިޕާޓްމަންޓުން ބުނީ ސްކޫލްތަކުގެ ޕްރިންސްޕަލުންނަށް ކުދިންނަށް ޓެސްޓް ނުދެވޭކަމަށެވެ. ސަބަބަކީ ޕްރިންޓަރަށް ބޭނުންވާ ދެއްޔާއި ކަރުދާސް އެކަށީގެންވާ މިންވަރަށް އެތެރެ ނުކުރެވޭތީއެވެ.
ގްރޭޑް، 9،10,11 ގެ ދަރިވަރުންނަށް ބޭއްވުމަށް ހަމަޖެހިފައިވާ މިޓެސްޓްތަކަކީ އަންނަން އޮތް ގްރޭޑަށް އެކުދިން ބަދަލުވާނެތޯ ކަނޑައަޅާ ޓެސްޓްތަކެވެ.
ލަންކާގެ އިގްތިޞާދަށް ދިމާވެފައިވާ މައްސަލަތަކާއެކު ފޮރިން އެކްސްޗޭންޖް ރިޒަރވް ވަނީ ވަރަށް ބޮޑަށް ދަށަށްގޮސްފައެވެ. މިއާއެކު އެގައުމަށް ބޭނުންވާ މިންވަރަށް ކާނާ އާއި ތެޔޮ އަދި ބޭސްފަރުވާ އަށް ބޭނުންވާ ފަރމަޝޫޓިކަލް ތަކެއްޗެއް ނުލިބެއެވެ.
22 މިލިއަން މީހުން ދިރިއުޅެމުން އަންނަ ލަންކާއަށް ފައިސާ ލިބުމުގައި ދަތިތައް ކުރިމަތިވުމާއެކު އައިއެމްއެފްގެ އެހީތެރިކަމަށް އެގައުމުން ވަނީ އެދިފައެވެ. އައިއެއެމްއެފުން ވަނީ ލަންކާ ސަރުކާރުގެ މިހުށަހެޅުމާމެދު ވިސްނަމުންދާކަމަށް ބުނެފައެވެ.
އަނެއްކޮޅުން ލަންކާއިން ވަނީ އެންމެ އަސާސީ ތަކެތި ކަމުގައިވާ ކާނާ އާއި ބޭސް ފަދަ ތަކެތި ގަތުމަށް އިންޑިޔާއިން 1 ބިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނެއް ނަގާފައެވެ.
މިއަހަރު ލަންކާގެ ދަރަނިތަކުގެ ތެރެއިން 6.9 ބިލިއަން ޑޮލަރު ދައްކަން ޖެހޭއިރު އެގައުމުގެ ފޮރިން ކަރަންސީ ރިޒަރވް ފެބްރުއަރީ މަސް ނިމުނުއިރު ހުރީ 2.3 ބިލިއަން ޑޮލަރުގައެވެ.
ލަންކާއަށް އެންމެ ގިނައިން ލޯނުދޫކޮށްފައިވަނީ ޗައިނާއިން ކަމަށްވާއިރު ލަންކާއިން ވަނީ ލޯނުތައް އަނބުރާ ދެއްކުމުގައި ފަސޭހަ ގޮތްތަކެއް ހަމަޖައްސައިދިނުމަށް ޗައިނާގައި އެދިފައެވެ. ނަމަވެސް އެކަމަށް ޗައިނާއިން ރަސްމީކޮށް އަދި ޖަވާބެއް ނުދެއެވެ.
ލަންކާގެ އިގްތިޞާދަށް މިހާރު ދިމާވެފައިވާ އިގްތިޞާދީ މައްސަލަތަކަކީ އެގައުމަށް 1948 ވަނަ އަހަރު މިނިވަންކަން ލިބުނު ފަހުން އެގައުމަށް ކުރިމަތިވި އިގްތިޞާދީ އެންމެ ބޮޑު ކާރިސާއެވެ.