ކ. މާލެ
|
19 މާރޗް 2022 | ހޮނިހިރު 09:21
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު
ސީރިޔާގެ ރައީސް ބައްޝާރުލް އަސަދު
ރޮއިޓަރސް
އަސަދު ޔޫއޭއީ އަށް ވަޑައިގެންނެވުން
ހަނގުރާމަ ފެށުނުފަހުން ރައީސް އަސަދު ފުރަތަމަ ފަހަރަށް ޔޫއޭއީއަށް ވަޑައިގެންފި
2011 ވަނަ އަހަރު ސީރިޔާގައި ހަނގުރާމަ ފެށުނުފަހުން ބައްޝާރުލް އަސަދު ފުރަތަމަ ފަހަރަށް ވަޑައިގެންނެވި އަރަބި ގައުމަކީ ޔޫއޭއީ
ރައިސް ބައްޝާރުލް އަސަދު މީގެކުރިން ވަޑައިގަންނަވާފައިވަނީ އިރާނާއި ރަޝިޔާއަށް

ސީރިޔާގެ ހަނގުރާމަ ފެށުނުފަހުން އެގައުމުގެ ރައީސް ބައްޝާރުލް އަސަދު ފުރަތަމަ ފަހަރަށް އަރަބި ގައުމަކަށް ޒިޔާރަތްކުރައްވައިފިއެވެ.

2011 ވަނަ އަހަރު ސީރިޔާގައި ހަނގުރާމަ ފެށުނުފަހުން ރައިސް އަސަދު ފުރަތަމަ ފަހަރަށް ވަޑައިގެންނެވި އަރަބި ގައުމަކީ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)އެވެ. އަސަދު ޔޫއޭއީއަށް ކުރައްވާ ދަތުރުފުޅުގައި ވަނީ އެގައުމުގެ ވަލީއަހުދު ޝެއިޚް މުހައްމަދު ބިން ޒައިދް އަލް ނަހްޔާން އާ ބައްދަލުކުރައްވާ އަރަބި ގައުމުތަކުގެ ސަލާމަތީ ކަންތައްތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. އެގޮތުން ސީރިއާއަކީ އަރަބި ގައުމުތަކުގެ ސަލާމަތީ ކަންކަމުގައި އެންމެ މުހިންމު އެއް ގައުމުކަމަށާއި ޔޫއޭއީއަކީ ސަލާމަތީ ކަންކަން ޚަރުދަނާކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރާ ގައުމުކަމަށް ވިދާޅުވިއެވެ.

އަސަދުގެ ދަތުރުފުޅުގައި ވަނީ އެގައުމުގެ ވެރިޔާ ޝެއިޚް މުހައްމަދު ބިން ރާޝިދު އަލް މަޚުތޫމްއާ ވެސް ބައްދަލުކުރައްވާފައި ކަމަށް ސީރިޔާގެ ރައީސް އޮފީހުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވެއެވެ.

ބައްޝާރުލް އަސަދު މީގެކުރިން ވަޑައިގަންނަވާފައިވަނީ އިރާނާއި ރަޝިޔާއަށެވެ. ދެގައުމަކީވެސް ސީރިޔާގައި ހިނގަމުންދާ ދާހިލީ ހަނގުރާމައިގައި އަސަދަށް ވާގިވެރިވާ ދެގައުމެވެ.

އަސަދު ޔޫއޭއީ އަށްކުރެއްވި ދަތުރުފުޅުގައި ވަނީ ސީރިޔާގެ ސަރަހައްދުގެ ރައްކާތެރިކަމާއި ގުޅޭގޮތުންނާއި ސީރިޔާގައި ތިބި ބޭރު ގައުމުތަކުގެ އަސްކަރީ ފައުޖުތައް އެގައުމުން ބޭލުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ސީރިޔާގައި މިހާރުވެސް ރަޝިޔާ، އިރާނު، ތުރުކީ އަދި އެމެރިކާގެ އަސްކަރީ ފައުޖުތައް ހަރަކާތްތެރިވަމުންދެއެވެ.

މީގެއިތުރުން ސިޔާސީ ގޮތުންނާއި އިންސާނިއްޔަތަށްޓަކާ ވާ އެހީގޮތުން ސީރިޔާއަށާއި ސީރިޔާގެ ރައްޔިތުންނަށް ފޯރުކޮށްދެވޭނެ އެހީތެރިކަމާއި މިހާރު ހިނގަމުންދާ ހަނގުރާމައަށް ސުލްހަވެރި ހައްލެއް ގެނެވޭނެ ގޮތްތަކާއި ގުޅޭގޮތުންވެސް މަޝްވަރާކުރައްވާފައިވެއެވެ.

ޔޫއޭއީގެ ވެރިޔާ ޝެއިޚް މުހައްމަދު ވަނީ އަސަދުގެ މިދަތުރުފުޅަކީ ސީރިޔާއަށާއި މުޅި ސަރަހައްދަށް ސަލާމަތާއި ހަމަޖެހުން ލިބިގެންދާނެފަދަ ދަތުރުފުޅަކަށް ވެގެންދާނެކަމަށް އުންމީދުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި އަސަދު ވަނީ ސީރިޔާގެ އެންމެ ފަހުގެ ހާލަތު ޝެއިޚް މުހައްމަދަށް ތަފްސީލުކޮށްދެއްވާފައެވެ.

މި ބައްދަލުކުރެއްވުމަކީ މިފަހުން އަރަބި ގައުމުތަކުން ސީރިޔާ އާއެކު އަލުން ގުޅުން ބޭއްވުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިޔަށްގެންދިޔަ އެންމެ ފަހުގެ ބައްދަލުވުމެވެ.

މިދިޔަ އަހަރު އުރުދުންގެ ރަސްގެފާނު އަބްދުﷲވެސް ވަނީ ބައްޝާރުލް އަސަދުއާ ފޯނުން ގުޅުއްވާ ހަގުރާމަ ހުއްޓުވޭނެ ގޮތެއް އޮތްތޯ ބެއްލެވުމަށް ވާހަކަ ފުޅު ދައްކަވާފައެވެ.

ހަނގުރާމަ ހުއްޓުމާ ބެހޭ ގޮތުން ސިޔާސީ ހައްލެއް ހޯއްދެވުމަށް ބައްޝާރުލް އަސަދު މަސައްކަތް ނުކުރައްވާކަމަށް ބުނެ ރައީސް ބައްޝާރުލް އަސަދު އާއެކު އެކިފަރާތްތަކުން ގުޅުން ބޭއްވުމަށް ވޮޝިންގޓަން އިން އަންނަނީ ދެކޮޅު ހަދަމުންނެވެ. މިގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރ މަހު ޔޫއޭއީގެ ފޮރިން މިނިސްޓަރ ސީރިޔާއަށް ވަޑައިގަތުމުން އެމެރިކާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.

- ކޮމެންޓް