ދިވެހި ރާއްޖޭގެ ހާރިޖީ ސިޔާސަތު ދޮލަނގަކަށް ލައިގެން ގަންނާނެބާ ކިޔަމުން މުޅި ދުނިޔެއަށް މިސިޔާސަތު ވިއްކަމުންދާ އުސޫލު ސަރުކާރުން ގެންގުޅެމުންދާ މަންޒަރު ފެންނަމުންދާ ކަމަށާއި މިއީ ހިތަމާވެރި ކަމެއް ކަމަށް ކުރީގެ ހާރިޖީ ވަޒީރު އަދި ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ 60މިނިޓް ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް އިއްޔެ ވާހަކަދެއްކުމަށްފަހު މިއަދު ގަތަރާއި އެކުއޮތް ސިޔާސީ ގުޅުން ކަނޑާލަން މިނިންމުމަކީ މިއަދުގެ ސަރުކާރުގެ ލާހޫރޭ ސިޔާސަތުގެ ދަށުން ނިންމި ނިންމުމެއް ކަމަށެވެ.
މިއީ އިސްލާމީ ގައުމުގެ ކުރިމަތީގައި ދިވެހި ސަރުކާރުގެ ނަން ކިލަނބު ވެގެންދިޔަ ކަމަކަށްވާއިރު ބައިނަލްއަޤްވާމީ އެހެން ގައުމުތަކުގެ ކުރިމަތީގައިވެސް ރާއްޖޭގެ އަގުވެއްޓިގެން ދިޔަ ކަމެއް ކަމަށެވެ.
އެހެންކަމުން މިއަދު ފެނިގެންމިދަނީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ މައްޗަށް ބަސްކިޔަމުންދަނީ ބޭރުގެ ފަރާތްތަކުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
އަދި ގަތަރާއި މުސްލިމް އެހެން ގައުމުތަކުގެ މެދުގައި އޮތް ގުޅުން ތަކުގެ ތެރެއަށް ރާއްޖެ ވަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި މިފަދަ ކަންކަމުގެ ތެރެއަށް ރާއްޖެ ވަނުމުން ބޭރުގެ ފަރާތްތަކުން ކުރަމުންދާ ކަންކަމުގެ ތެރޭގައި ރާއްޖެ ތާށިވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ހޯމަ ދުވަހަކީ ރާއްޖޭގެ އަގު ބޭރު ގައުމުތަކުގެ ކުރިމަތީގައި ވެއްޓިގެންދިޔަ ދުވަހެއް ކަމަށް ސިފަކުރައްވާ ވާހަކަދައްކަވަމުން އެމްޑީޕީގެ ފޮރިން ރިލޭޝަންސް ކޮމިޓީގެ ޗެއަރކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ ގަތަރާއެކު ރާއްޖޭގެ ހާރިޖީ ގުޅުން އޮންނަތާ 33 އަހަރު ވެފައިވާއިރު، އެގައުމަކީ ރާއްޖޭގެ އިގްތިޞާދީ ތަރައްޤީއަށް ވަރަށް ބޮޑެތި އެހީތައް ވަމުންދާ ގައުމެއް ކަމަށެވެ.