ޗައިނާގެ ބައެއް ހިސާބުތަކުގައި އަނެއްކާވެސް އާދަޔާ ޚިލާފަށް ބާރަށް ކޮވިޑް ފެތުރެމުންދާކަމަށް ޚަބަރު ލިބިއްޖެއެވެ.
މިގޮތުން ޗައިނާގެ އިރު އުތުރު ޕްރޮވިންސެއް ކަމަށްވާ ޖީލިންގައި އެކަނިވެސް އަންގާރަ ދުވަހު 5000 ކޮވިޑް ކޭސް ރިޕޯޓް ކުރުމާއި ގުޅިގެން އެސަރަހައްދު މިހާރުވަނީ އެއްކޮށް ލޮކްޑައުން ކޮށްފައެވެ. ޖީލިންގައި މިހާރު ވަނީ ބަލިމީހުން ކަރަންޓީނުކޮށް އަދި ފަރުވާ ދެވޭގޮތަށް ވަގުތީ ފަސް ހޮސްޕިޓަލް ތައްޔާރުކޮށްފައެވެ. ޖީލިންގައި ބުދަ ދުވަހުވެސް 1456 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.
ޖީލިންގައި ދިރިއުޅޭ 24 މިލިއަން މީހުންނަށް ވަނީ ގެއިން ބޭރަށް ނިކުމެ އުޅުން މަނާކޮށްފައެވެ. އަދި ރަށުން ބޭރަށް ދިއުމަށްވެސް ޕޮލިސް ހުއްދަ ހޯދަންޖެހޭނެ ކަމަށް ވަނީ އަންގާފައެވެ. މިއީ މީގެ ދެއަހަރު ކުރިން ވޫހާން ޕްރޮވިންސުން ކޮވިޑް19 ބަލިފެނި، ޕެންޑަމިކް ފެށުނު ފަހުން މުޅި ޕްރޮވިންސެއް މިގޮތަށް ބަންދުކުރި ފުރަތަމަ ފަހަރެވެ.
ހަމަ އަންގާރަ ދުވަހު ވެރިރަށް ބޭޖިންގ އާއި އިންވެގެން އޮންނަ ލަންފަންގ ސިޓީގެ އިތުރުން ދެކުނުގެ ޕްރޮވިންސެއްކަމަށްވާ ގުއަންގ ޑޮންގުއަން ވެސް ވަނީ ވަގުތުން ލޮކްޑައުން ކުރަން ޖެހޭ ކަމަށް އަންގާ އެކަންކޮށްފައެވެ.
ހޯމަ ދުވަހު 12.5 މިލިއަން މީހުންގެ އާބާދީ އެއް އޮންނަ ޝެންޒެން ވެސް ވަނީ ފަސް ދުވަހަށް ލޮކްޑައުން ކޮށްފައެވެ. މިއާއެކު ބަސްދަތުރުތަކާއި ސަބްވޭގެ ޚިދުމަތްވެސް ވަނީ ހުއްޓާލާފައެވެ.
މިހުރިހާ ތަންތަން އެއްފަހަރާ ލޮކްޑައުންކޮށް އަދި މަޖްބޫރުން އާންމުން ޓެސްޓް ކުރަމުންދާ ކަމަށް ޚަބަރު ލިބެއެވެ. މިއާއެކު މިހާ ފުޅާކޮށް ސިއްހީ ޚިދުމަތް ދޭންޖެހުމުން އެކަމަށް ތައްޔާރުވުމަށް ޗައިނާއަށް ވަނީ ދަތިތަކަކާއި ކުރިމަތިލާން ޖެހިފައެވެ.
ޗައިނާގައި ހިންގަމުން އައި ބޭރުގެ ގިނަ ވިޔަފާތި ތަކުންވެސް ލޮކްޑައުންތަކާއި ގުޅިގެން ޗައިނާ ދޫކޮށް ވަގުތީ ގޮތުން ނަމަވެސް ގޮސްފައިވާތީ އިގްތިސާދީ ގޮތުންވެސް ޗައިނާއަށް ވަނީ ބޮޑެތި ގޮންޖެހުންތަކާއި ކުރިމަތިވެފައެވެ.
ބުދަ ދުވަހު ޗައިނާގެ ސްޓޭޓް ޓީވީއާއި ހަވާލާދީ ރޮއިޓަރސްއިން ރިޕޯޓް ކޮށްފައިވާ ގޮތުގައި ދުވާލަކު އެއްހާހުން މަތިން ކޭސްތައް ރިޕޯޓް ކުރަމުންދާތާ މިއީ ހަތަރުވަނަ ދުވަހެވެ. މީގެ ތެރެއިން ގިނަ ކޭސްތައް ފެނިފައިވަނީ އިރު އުތުރު ސަރަހައްދުތަކުންނެވެ.
މިސަރަހައްދުގެ ޖީލިން ގައި މިހާރު ވަނީ ބަލިމީހުން ކަރަންޓީނުކޮށް އަދި ފަރުވާ ދެވޭގޮތަށް ވަގުތީ ފަސް ހޮސްޕިޓަލް ތައްޔާރުކޮށްފައެވެ. ޖީލިންގައި ބުދަދުވަހު 1456 ކޭސް ރިޕޯޓް ކޮށް ފައިވާއިރު އަންގާރަ ދުވަހު 5000 ކޭސް ރިޕޯޓް ކޮށްފައިވެއެވެ.