ކ. މާލެ
|
16 މާރޗް 2022 | ބުދަ 09:10
ކްރިކެޓް ބޯޑްގެ ނައިބު ރައީސް އަހުމަދު ހުސެއިން
ކްރިކެޓް ބޯޑްގެ ނައިބު ރައީސް އަހުމަދު ހުސެއިން
މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސް 2022
ޤައުމީ ކުޅިވަރު އެވޯޑަކީ ކުޅިވަރުގައި ކުޅުންތެރިން ކުރިއަށްދާން ލާ އިތުރު ހިތްވަރެއް- ކްރިކެޓް ބޯޑް
ކުޅިވަރު އެވޯޑް ހަފްލާ އޮންނާނީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ

ޤައުމީ ކުޅިވަރު އެވޯޑަކީ ކުޅިވަރުގައި ކުޅުންތެރިން ކުރިއަށްދާން ލާ އިތުރު ހިތްވަރެއްކަމަށް ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

ކްރިކެޓް ބޯޑްގެ ނައިބު ރައީސް އަހުމަދު ހުސެއިން (ކުޑަދޮނާ) ވިދާޅުވީ ދާއިމީ ގޮތެއްގައި މިކުޅިވަރު އެވޯޑް ކުރިއަށް ގެންދެވިއްޖެނަމަ މިއެވޯޑަށް ހުރިހާ ކުޅުންތެރިންވެސް އިންތިޒާރުކުރާނެކަމަށެވެ. އަދި މިއެވޯޑަކީ ކުޅުންތެރިން އުއްމީދު ކުރާ އެވޯޑަކަށް ވާނެ ކަމަށެވެ.

ދާއިމީކޮށް ބޭއްވޭނަމަ ހުރިހާ ކުޅުންތެރިންވެސް ވަރަށްބޮޑަށް އެވޯޑަށް މަސައްކަތްކުރާނެ، މިއެވޯޑް ހޯދަން. އެހެންވީމާ ކުޅުންތެރިން ކުޅިވަރުގައި ކުރިއަށްދާން ލާހިތްވަރު އިތުރުވެގެންދާނެ.
އަހުމަދު ހުސެއިން (ކުޑަދޮނާ) / ކްރިކެޓް ބޯޑުގެ ނައިބު ރައީސް

ކުޅިވަރު އެވޯޑް ކުލަގަދަކޮށް ބޮޑުކޮށް ބާއްވާ ބޭއްވުމާމެދު އޭނާ ވިދާޅުވީ ދުނިޔޭގެ އެހެން ތަންތާންގައިވެސް ދުނިޔޭގެ ކުޅިވަރު އެވޯޑްތައް ބާއްވަނީ ކުލަގަދަކޮށް, ބޮޑުކޮށް ކަމަށެވެ. އަދި އެފަދަ އެވޯޑް ހަފްލާތަކުގައި މަޝްހޫރު ފަރާތްތައް ބައިވެރިކުރާކަމަށެވެ. އޭގެ މާނައަކީ ރާއްޖޭގައިވެސް ކުޅިވަރުގެ އަގުވަޒަން ކުރާ މިންވަރު ބޮޑުވުންކަމަށް އޭނާ ވިދާޅުވިއެވެ.

މީގެކުރިން ބައެއް މީޑިޔާތަކުންނާއި, އެސޯސިއޭޝަންތަކުން އެވޯޑް ހަފްލާތައް ބާއްވާފައިވާކަން ފާހަގަކުރައްވަމުން އަހުމަދު ހުސެއިން ވިދާޅުވީ ޤައުމީ ކުޅިވަރު އެވޯޑަކީ ރާއްޖޭގައި ބާއްވާ މައިގަނޑު ހުރިހާ ކުޅިވަރެއްގެ އެތްލީޓުންނާއި, ކޯޗުންނާއި, ޓެކްނިކަލް މީހުންނާއި, މީޑިޔާ ހިމެނޭ ގޮތަށް ބޭއްވޭ އެވޯޑް ހަފްލާއެއްކަމުން މިއެވޯޑް ޚާއްޞަވާކަމަށެވެ. އޭނާ ވިދާޅުވީ މިޕްލެޓްފޯމަކީ ހަޤީޤަތުގައި މީގެކުރިން އަދި ބޭއްވިފައި ނުވާފަދަ ޕްލެޓްފޯމެއްކަމަށެވެ.

އެވޯޑަށް ނަން ހުށަހެޅުމުގައި ކްރިކެޓް ބޯޑުން ބެލި ކަންކަން ފާހަގަކުރައްވަމުން އަހުމަދު ހުސެއިން ވިދާޅުވީ ކްރިކެޓްގައި ބެލީ މިދިޔަ ތިން އަހަރުގެ މުބާރާތްތަކަށް ކަމަށެވެ. އެގޮތުން ކުޅުންތެރިން ކަނޑައެޅުމުގައި ކުޅުންތެރިން ހަދާފައި ހުރި ލަނޑާއި, ނަގާފައި ހުރި ވިކެޓާއި, ހިފާފައި ހުރި ކެޗަށް ބެލިކަމަށް ވިދާޅުވިއެވެ. މީޑިޔާތަކުގެ ނަން ހުށަހެޅުމުގައި ބެލީ ކްރިކެޓް އެންމެ ބޮޑަށް ކަވަރުކުރި ނޫސްވެރިޔާ އަދި މީޑިޔާއަށްކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް