ރޯދަ މަސް ފެށުމުގެ ކުރިން ކޮވިޑް-19 ވެކްސިންގެ ބޫސްޓަރ ޑޯޒް ޖެހުމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކުން ބޫސްޓަރ ޑޯޒް ޖެހުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ން އިލްތިމާސްކޮށްފިއެވެ.
އެޗްޕީއޭއިން އެގޮތަށް އިލްތިމާސްކޮށްފައިވަނީ ރޯދަ މަހު ވެކްސިން ޖެހުމަށް ހަމަޖެހިފައިވާ ގަޑިތަކާއި ތަންތަން ހާމަކުރަމުންނެވެ. އެޗްޕީއޭއިން ބުނީ ރޯދަ މަހު ވެކްސިން ޖެހުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 21:00ން 23:00ށް ކަމަށެވެ. ރޯދަ މަހު މާލެ ސަރަހައްދުގައި ވެކްސިން ޖަހަމުންދާނީ ދެ ސެންޓަރަކުންނެވެ. އެއީ ދަރުމަވަންތަ ހޮސްޕިޓަލާއި ހުޅުމާލެ ހޮސްޕިޓަލުންނެވެ.
އެޗްޕީއޭއިން މިހާރު އަންނަނީ މާލެ ސަރަހައްދުން 9 ސެންޓަރަކުން ވެކްސިން ޖަހައިދެމުންނެވެ. އަދި އަތޮޅުތަކުން 185 ސެންޓަރަކުން ވެކްސިން ޖަހައިދެމުންނެވެ. މީގެއިތުރުން މާލެ ސަރަހައްދުގައި އެނދުމަތިވެފައި ތިބި މީހުންގެ ގޭގެއަށް ގޮސްވެސް ވެކްސިން ޖަހައިދެމުންދެއެވެ.
ރާއްޖޭގައި ބޫސްޓަރ ޑޯޒް މިދިޔަ އަހަރުން ފެށިޖެން ޖަހަމުން އަންނައިރު ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އުމުރުން 18 އަހަރުން މަތީގެ ހުރިހާ މީހުންނަށް ބޫސްޓަރ ޑޯޒް ޖެހުން ވަނީ ހުޅުވާލާފައެވެ. ބޫސްޓަރ ޑޯޒްގެ ގޮތުގައި ޖަހަމުން އަންނަނީ ފައިޒަރ ވެކްސިނެވެ.
އެޗްޕީއޭ އިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު މިމަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖޭގައި 398،348 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވެއެވެ. އަދި 371،439 މީހުން ދެވަނަ ޑޯޒް ޖަހާފައިވާއިރު ބޫސްޓަރ ޑޯޒް ޖަހާފައިވަނީ 143،477 މީހުންނެވެ.