އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބާއްވާ މޯލްޑިވްސް ސްޕޯރޓްސް އެވޯޑްސްގައި ބައިވެރިވުމަށް އެކި ކުޅިވަރުތަކުން ދުނިޔޭގެ ޗެމްޕިއަނުންނާއި, ލެޖެންޑުން ރާއްޖެ އަންނަނީ ހަމައެކަނި އެވޯޑް ހަފްލާގައި ބައިވެރިވެލަން ނޫންކަމަށް ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދޭ ކައުންޓްޑައުން ޝޯވގައި މިނިސްޓަރު މަހުލޫފް ވިދާޅުވީ އެވޯޑް ހަފްލާގައި ބައިވެރިވުމަށް 15 ޗެމްޕިއަނުން, ލެޖެންޑުން ރާއްޖެ އަންނާނެކަމަށެވެ. އަދި ޗެމްޕިއަނުން މިހާރު ވަނީ ރާއްޖެ އަންނަން ފަށާފައެވެ. މިނިސްޓަރު ވިދާޅުވީ އެވޯޑް ހަފްލާގައި ބައިވެރިވުމުގެ އިތުރުން ކުޅިވަރު އެތުލީޓުންނާއި, އެސޯސިއޭޝަންތަކާއެކު ޗެމްޕިއަނުން ވަގުތު ހޭދަކުރާނެކަމަށެވެ. އެކިކަހަލަ ޕްރޮގްރާމްތައް ރޭވިފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މިކަން ރޭވުމުގެ އެންމެ ބޮޑު އެއް މަޤްޞަދު އެއީ މީގެސަބަބުން އަޅުގަނޑުމެންގެ އެތުލީޓުންނަށް ހިތްވަރު ލިބުން, އަދި އެމީހުންގެ ފަރާތުން އަޅުގަނޑުމެންގެ އެތުލީޓުންނަށް ކަންތައްތަކެއް ދަސްވުން. އަދި އޭގެބޭރުން ކުޅިވަރު މެދުވެރިކޮށް ރާއްޖެ އިޝްތިހާރުވެގެންދިޔުންއަހުމަދު މަހުލޫފު / ޔޫތު މިނިސްޓަރު
ޔޫތު މިނިސްޓަރު މަހުލޫފު ވިދާޅުވީ މިހާރުވެސް ދުނިޔޭގެ ޗެމްޕިއަނުން ރާއްޖެ އަންނަކަން އިއުލާންކުރަން ފެށި ހިސާބުން, އަދި އެމީހުން ރާއްޖެ އައިސް ރާއްޖޭގެ ބައެއް މަންޒަރުތައް ސޯޝަލް މީޑިޔާގައި ހިއްޞާކުރަން ފެށުމުން އެވޯޑްގެ ވާހަކަ ވަރަށް ބޮޑަށް ފެތުރެމުންދާކަމަށެވެ. ދުނިޔޭގެ ބައެއް މީޑިޔާތަކުންނާއި, ބައެއް އެތްލީޓުންވެސް ގުޅުއްވަމުންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ ބައެއް ބޭފުޅުންނަށް ޤަބޫލުކުރެއްވިފައިވާ ގޮތަށް ޗެމްޕިއަނުން ރާއްޖެ ގެނައުމަށް ބޮޑު ޚަރަދެއް ނުކުރައްވާކަމަށެވެ. އެކަމަށް ކުރައްވަނީ ނިސްބަތުން ކުޑަ ޚަރަދެއްކަމަށް ވިދާޅުވިއެވެ. ރާއްޖޭގެ އެތުލީޓުންނާއި, ކުޅިވަރުގެ ދާއިރާގެ ޚިދުމަތްތެރިންގެ އަގު ވަޒަން ކުރަންޖެހޭނީ ބޮޑުކޮށް ކަމަށާއި, ސަރުކާރުން އެކޮމިޓްމަންޓް ދޭނަމަ ކޮންމެ އަހަރަކުވެސް އެކަން އެގޮތަށް ކުރެވޭނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މީގެކުރިން ކުޅިވަރު އެވޯޑް އެތުލީޓުން ވާ ޤުރުބާނީގެ އަގުވަޒަންކުރަން ޖެހޭ މިންވަރަށް ވަޒަންކުރެވިފައި ނެތް. އިންޤިލާބީ ބަދަލުތަކެއް ކުޅިވަރަށް އެބަގެންނަން. އެބަދަލުތަކުގެ ތެރެއިން ހިތްވަރުދީ, އަގުވަޒަން ކުރަންވެސް މަސައްކަތްތަކެއް ކުރަން އެބަޖެހޭ. އެކުރާކަމަކީ ވަރަށް ރަނގަޅަށް ވަރަށް ފުރިހަމައަށް ކުރާކަމަކަށް ހެދުން ބޭނުމަކީ. އިރާދަކުރެއްވިއްޔާ އެކަމަށް އަޅުގަނޑުމެން އަމާޒު ހިފާފައި މިތިބީ.އަހުމަދު މަހުލޫފު / ޔޫތު މިނިސްޓަރު
މިނިސްޓަރު މަހުލޫފް ދެއްވި ޔަޤީންކަމަކީ އެވޯޑް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި މިނިސްޓްރީގެ އެއްވެސް ދައުރެއް ނޯންނާނެކަމެވެ. އަދި ވަކި މީހަކަށް ނުވަތަ އެތްލީޓަކަށް އެވޯޑް ދިނުމަށް އަދި ނުދިނުމަށްވެސް މިނިސްޓްރީންވެސް އަދި މިނިސްޓަރުވެސް އެއްވެސް މަސައްކަތެއް ނުކުރައްވާނެކަމުގެ ޔަޤީންކަން ދެއްވިއެވެ.