ކުޅިވަރަކީ ކޮންމެ ބައެއްގެ ތެރޭގައިވެސް ވަރަށް އިސްކަންދެވޭ އެއްޗެކެވެ. އެކި ކުޅިވަރުތަކުގައި އެންމެ ފާހަގަކުރެވޭ ތަރިން ހޮވުމަކީ ދުނިޔޭގެ ހަމަ ކޮންމެ ގައުމެއްގައިވެސް އޮންނަ ކަމެކެވެ. އޮންނަ ޒަމާންވީ ދުޅަހެޔޮ އާދައެކެވެ. ގައުމީ ލެވެލްގައި މިކަން ކުރުމުގެ އިތުރަށް ދުނިޔެެއިން އެންމެ ފާހަގަކުރެވޭ ތަރިން ހޮވުމަކީވެސް ވަރަށް ފޯރިޔާއެކު ކުރާ ކަމެކެވެ. ގައުމީ ތަރިން ހޮވުމާއި މުޅި ދުނިޔޭގެ ތަރިން ހޮވުމުގައި ތަފާތުތަކެއް ހުރެއެވެ. އެކަމުގައި ގެންގުޅޭ ވިސްނުމާއި އަމަލުކުރާ އުސޫލުވެސް ތަފާތެވެ. މިސާލަކަށް ގައުމެއްގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ ހޮވާގޮތް އެ ގައުމެއް ހިމެނޭ ބައްރުގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވާގޮތާއި ތަފާތުވެދާނެއެވެ. އަދި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމުގައި ބަލާ މިންގަނޑުވެސް ތަފާތުވެދާނެއެވެ.
މިދެންނެވި ބަހުގެ މިސާލެއް އެފްރިކާ ބައްރުން ނަގަމާތޯއެވެ. މިސްރަކީ އެފްރިކާގެ ގައުމެކެވެ. މިސްރުގައި ހުސްވި 2021 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކީ އިނގިރޭސިވިލާތުގެ ލިވަރޕޫލަށް ކުޅޭ މިސްރުގެ ފޯވާޑް މުހައްމަދު ސަލާހެވެ. ހަމަ އެގޮތަށް މުޅި އެފްރިކާ ބައްރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔަކަށް 2021 ވަނަ އަހަރު ހޮވިފައިވަނީވެސް ސަލާހެވެ. އެހެންނަމަވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔަކަށް 2021 ވަނަ އަހަރު ހޮވުނީ ފްރާންސްގެ ޕީއެސްޖީއަށް ކުޅޭ އާޖެންޓީނާގެ ފޯވާޑް ލަޔަނަލް މެސީއެވެ. ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާކަމުގައި ބަލަނީ ޔޫރަޕުންދޭ ބޮލޯން ކާމިޔާބުކުރާ ކުޅުންތެރިޔެކެވެ. ދުނިޔޭގެ ތާޖު އެޅުވެނީ އެމީހެއްގެ ބޮލުގައެވެ. މިއީ ކުޅިވަރުގައި ދުނިޔޭގެ އެންމެ ޝަރަފުވެރި މަގާމުކަމަށްވެސް އޮންނަނީ ބެލެވިފައެވެ.
މިދެންނެވުނީ ފުޓްބޯޅައިގެ ވާހަކައެވެ. އެހެން ކުޅިވަރުތަކުގައިވެސް ގައުމީ ވަނަތަކާއި ސަރަހައްދީ ވަނަތަކާއި ދުނިޔޭގެ ވަނަތައް ހޮވުން އޮވެއެވެ. އެކަމަކު ފުޓްބޯޅައިގައި މިކަން ކުރާގޮތާއި އެހެން ކުޅިވަރުތަކުގައި މިކަން ކުރާ ގޮތް ވަރަށް ތަފާތެވެ. މިސާލެއް ނަގަން މިފަހަރު ޖެހެނީ އޮލިމްޕިކް ކުޅިވަރު މުބާރާތުންނެވެ. ހޫނު މޫސުމުގެ ކުޅިވަރު މުބާރާތް ނުވަތަ ސަމަރ އޮލިމްޕިކަކީ ކޮންމެ ހަތަރު އަހަރަކުން އެއް އަހަރު މުޅި ދުނިޔެއަށް ހުޅުވާލައިގެން މުޅި ދުނިޔޭގައި އެ ކުޅިވަރުތަކެއްގައި އެންމެ ހުނަރުވެރި ކުޅުންތެރިން ވާދަކުރާ މުބާރާތެކެވެ. އޭގައި ހިމެނެނީ ދުނިޔޭގެ އެންމެ މަގްބޫލު ޓީމު ކުޅިވަރުތަކާއި ވަކިވަކި ފަރުދުން ވާދަކުރާ ކުޅިވަރުތަކެވެ. ވަކިވަކި ފަރުދުން ވާދަކުރާ ކުޅިވަރުތަކުން ރަން މެޑަލް ހޯދާ މީހަކީ އެކުޅިވަރެއްގައި ދުނިޔޭގެ އެއްވަނަ މީހާ ކަމުގައި ބަލައެވެ.
ހަމަ އެއުސޫލުން އޮލިމްޕިކްގެ ބައެއް ޓީމު ކުޅިވަރުތަކުން ރަން މެޑަލް ހޯދާ ޓީމަކީ އެ ކުޅިވަރެއްގައި މުޅި ދުނިޔޭގެ އެއްވަނަ ކަމުގައި ބަލައެވެ. އެހެންނަމަވެސް ދުނިޔޭގެ އެންމެ މަގްބޫލު ބައެއް ކުޅިވަރުތައް މިއިން އިސްތިސްނާވެއެވެ. މީގެ މިސާލަކީ ފުޓްބޯޅައެވެ. ފުޓްބޯޅަޔަކީ އޮލިމްޕިކްގައި ވެސް ހިމެނޭ ކުޅިވަރެކެވެ. އެކަމަކު އޮލިމްޕިކްސްގައި ވާދަކުރަނީ ގައުމުތަކުގެ 23 އަހަރުން ދަށުގެ ޓީމުތަކެވެ. ފުޓްބޯޅައިގެ އެންމެ ވަރުގަދަ މުބާރާތަކީ ވޯލްޑްކަޕެވެ. މުޅިދުނިޔޭގެ ޗެމްޕިއަނަކީ ވޯލްޑްކަޕް ކާމިޔާބުކުރާ ޓީމެކެވެ. ފުޓްބޯޅައިގެ އިތުރުންވެސް ދުނިޔޭގެ ތައްޓަށް ކުޅެވޭ އެހެން ކުޅިވަރުތައް ހުރެއެވެ. މިސާލަކީ ކުރިކެޓެވެ. ކުރިކެޓްގެ ކޮންމެ ފޯމެޓަކަށް ވަކި ވޯލްޑްކަޕެކެވެ. ތަށި ހޯދާ ބަޔަކީ އެ ފޯމެޓެއްގެ ދުނިޔޭގެ ޗެމްޕިއަނެވެ.
ޓީމު ކުޅިވަރުތަކާއި ވަކިވަކި އެތުލީޓުން ވާދަކުރާ ގިނަ ކުޅިވަރުތަކުގައި ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ހޮވުމުގައި ބަލާ ތަފާތު އުސޫލުތަކެއް ހުރެއެވެ. މީގެ މިސާލަކީ ޓެނިހެވެ. ޓެނިހުގައި ދުނިޔޭގެ އެއްވަނަޔަކީ އެ އަހަރެއްގައި ނުވަތަ އެ ފޯވައްސެއްގައި ހޯދާފައިވާ ކާމިޔާބީތަކަށް ބަލާފައި ދެވޭ ޕޮއިންޓުގެ އުސޫލުން އެއްވަނަ ރޭންކުގެ ކުޅުންތެރިޔާއެވެ. މިގޮތަށް ޓީމު ކުޅިވަރުގައިވެސް ޓީމުތައް ރޭންކު ކުރެއެވެ. މިސާލަކަށް ފުޓްބޯޅަޔާއި ކުރިކެޓެވެ. އެކަމަކު މި ކުޅިވަރުތަކުގެ އެއްވަނަ ރޭންކަކީ ދުނިޔޭގެ ޗެމްޕިއަނަށް ނުވަތަ އެންމެ މޮޅު ޓީމަށްވުން ލާޒިމެއް ނޫނެވެ. ދުނިޔޭގެ ޗެމްޕިއަނަކީ ދުނިޔޭގެ އެއްވަނަ ރޭންކަށްނުވާ ފަހަރުވެސް އާދެއެވެ. ޓެނިހުގައި އަބަދުވެސް ދުނިޔޭގެ އެއްވަނަޔަކީ އެއްވަނަ ރޭންކު ކުޅުންތެރިޔާއެވެ.
ކުޅިވަރަކީ ވާދަވެރިކަމުގެ ރޫހު އުފައްދާ އެއްޗަކަށްވިޔަސް އެއީ މީހުންނާއި ގައުމުތައް ބައިބައިކުރާ އެއްޗެއް ނޫނެވެ. އެންމެ އުހަށް އެރުމުގެ ވާދަވެރިކަން އުފެދުމާއެކު އެއީ ނަސްލުތަކާއި ގައުމުތައް އެކުވެރި ކުރުވާ ވަސީލަތެކެވެ. ސުލްހަޔާއި ދެނެގަތުން އުފައްދާ އެއްޗެކެވެ. ވޯލްޑްކަޕް ވޯލްޑްކަޕަކަށް ވަނީ އެއްބަޔަކަށްވުރެ ގިނަ ބަޔަކު ބައިވެރިވާތީއެވެ. ދައުވަތު ދެވޭތީއެވެ. މިގޮތަށް އެއްބަޔަކު އަނެއްބަޔަކާ ބައްދަލުވެ ފެނިދެނިވުމުން ރަހުމަތްތެރިކަން އާލާވުމަށް މަގު ފަހިވެގެންދެއެވެ. ކުޅިވަރުގެ މައްޗަށް ލިޔުމެެއް ފުރިހަމަކުރާއިރު މިވަގުތު ދުނިޔޭގެ ހާލަތު އޮތްގޮތާއި ހަނގުރާމައިގެ ބިރުވެރިކަން ވެރިވެފައިވާ މިންވަރަށް ރިއާޔަތްކޮށް ކުޅިވަރަކީ ގައުމުތައް ސުލްހަކުރުވައި ދެނެގަތުން އުފައްދާ އެއްޗެއްކަން ހަނދާންކޮށްނުދީ ނިންމައިލުން ހެވެއްވެސް ނުވާނެއެވެ.