ދަނޑުވެރިކަމަށް ދިމާވާ ދަތިތަކަށް ހައްލު ގެނައުމަށް ކުދި ބިންކޮޅުތަކުން ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ޑރ. ހުސައިން ރަޝީދު ހަސަން ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ "ފުޑް އެންޑް އެގްރިކަލްޗަރ އޯގަނައިޒޭޝަން"ގެ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ ރާއްޖޭއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން އެބޭފުޅާ އާއެކު ބޭއްވެވި މަޝްވަރާ ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި ރާއްޖޭގެ މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ހުރި ގޮންޖެހުންތައް ފާހަގަކޮށް އެ ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތައް ދެނެގަތުމަށް ވަނީ މަޝްވަރާ ކުރައްވާފައެވެ. އެފް.އޭ.އޯ އަކީ ކާނާގެ ޔަގީންކަން އިތުރުކޮށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރަން މަސައްކަތް ކުރާ ޖަމްއިއްޔާއެއް ކަމުން، ރާއްޖޭގެ މަސްވެރިކަން އަދި ދަނޑުވެރިކަމުގެ ދާއިރާ ފުޅާ ކުރުމުގައި އެހީތެރިވެވޭނެ ގޮތްތައް ދެނެގަތުމަށް ވެސް މަޝްވަރާ ކުރެއްވިއެވެ. މި މަޝްވަރާ ތަކުގައި ކޮވިޑް-19ގެ ބަލިމަޑުކަމުގެ ސަބަބުން، މަސްވެރިކަމާއި ދަނޑުވެރިކަމުގެ މުހިންމުކަމާ ގުޅޭގޮތުން މިނިސްޓަރ ޑރ. ޙުސައިން ރަޝީދު ހަސަން ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
މި ބައްދަލުވުމުގައި މަސްވެރިކަމާއި ދަނޑުވެރިކަމަށް ކުރިމަތިވެފައިވާ ގޮންޖެހުންތައް ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ ތެލުގެ އަގަށް އަންނަ ބަދަލާ، ބައެއް ފަރާތްތަކުން މާ ގިނައިން ކުދި މަސް އަދި ވިހާ އުމުރުގެ މަސް ބާނާ މައްސަލަ އާއި، އަދި މަސް އެކްސްޕޯޓު ކުރުމުގައި ދިމާވާ ދަތިތަކުގެ ސަބަބުން މަސްވެރިކަމަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑު ކަމަށެވެ. އަދި ރާއްޖެއަކީ ދެމެހެއްޓެނިވި މަސްވެރިކަމަށް މަޝްހޫރުވެފައިވާ ޤައުމެއް ކަމަށްވާއިރު، އެހެނިހެން މަސްވެރިކަމަށްވުރެ ދެމެހެއްޓެނިވި ގޮތެއްގައި ކުރާ މަސްވެރިކަމަކަށް ކުރަންޖެހޭ ޚަރަދު ބޮޑުވުމުން މާކެޓް ހޯދުމަށް އެތަކެއް ހުރަސްތަކެއް ކުރިމަތިވެފައިވާކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން ދެމެހެއްޓެނިވި މަސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތަށް ދިމާވާ ދަތިތަކަށް އެފް.އޭ.އޯގެ ފަރާތުން ހައްލެއް ހޯދުމަށް އިތުރަށް މަޝްވަރާތައް ކުރިއަށް ގެންދިއުމަށް މިނިސްޓަރު ވަނީ އެފް.އޭ.އޯ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ އަރިހުގައި އެދިވަޑައިގެންފައެވެ.
މަސްވެރިކަމުގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖެއިން ހޯދަމުންދާ ކުރިއެރުންތަކާއި އަދި ދިމާވާ ގޮންޖެހުންތަކަށް ވެސް މިނިސްޓަރ ވަނީ އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ދަނޑުވެރިކަމަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއްގެ ގޮތުގައި މިނިސްޓަރު ފާހަގަ ކުރެއްވީ ބިމުގެ ދަތިކަމާއި ބިމުގެ އަގު ބޮޑުވުމުގެ މައްސަލައެވެ. މިކަމަށް އޮތް އެއް ހައްލެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވީ ކުދި ބިންކޮޅުތަކުން ތިމާވެއްޓާއި ރައްޓެހި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދަނޑުވެރިކަން ކުރުމެވެ.
މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން އާއި އެފް.އޭ.އޯ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ ގެ ބައްދަލުވުމަށްފަހު ކ. މަނިޔަފުއްޓަށް ވަޑައިގެން މޯލްޑިވްސް މެރިން ރިސަރޗް އިންސްޓިޓިއުޓްގެ ދަށުން ހިންގާ ހެޗަރީތައްވެސް ބައްލަވައި ލެއްވިއެވެ. ކ. މަނިޔަފުށީގެ އިތުރުން، މިނިސްޓަރާއި އެފް.އޭ.އޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ކިއު ޑޮންގްޔޫ އަދި އެހެނިހެން އިއްޒަތްތެރި ބޭފުޅުން ވަނީ އެންސިސް ފިޝަރީސް ކޮންޕްލެކްސް އާއި ހެބިޓަސްއަށް ވަޑައިގެން އެތަނުގައި ކުރެވެމުންދާ މަސައްކަތްތައް ބައްލަވައި ލައްވާފައެވެ. އެ ތަންތަނަށް ޒިޔާރަތް ކުރެއްވުމުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގައި މަސްވެރިކަމާ ދަނޑުވެރިކަމުގެ ދާއިރާ ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތައް ދައްކާ، އެކަން ކުރިއެރުވުމުގެ މުހިންމުކަން ހިއްސާ ކުރެއްވުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ދަތުރުގައި އެފް.އޯ.އޭ.ގެ ފަރާތުން ތައްޔާރުކޮށްފައިވާ "ކަންޓްރީ ޕްރޮގްރާމިންގް ފްރޭމްވޯކް ފޮރ ދަ މޯލްޑިވްސް 2022 -2026" ގައި ވަނީ ސޮއި ކުރައްވާފައެވެ. މި ފްރޭމްވޯކް އަކީ ކުރިއަށް އޮތް 4 އަހަރު މަސްވެރިކަމާއި ދަނޑުވެރިކަމުގެ ދާއިރާއިން ރާއްޖޭގެ ތަރައްގީއަށް އިސްކަންދޭނެ ކަންކަމާއި ޕްރޮޖެކްޓްތައް ހިންގުމަށް މުހިންމު ދާއިރާތައް ފާހަގަކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމަންޓެކެވެ. މި ޑޮކިއުމަންޓްގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ، ޑރ ހުސައިން ރަޝީދު ހަސަން އެވެ. އަދި އެފް.އޭ.އޯގެ ފަރާތުން ސޮއިކުރެއްވީ އެފް.އޭ.އޭ.އޯ ގެ ފަރާތުން ރާއްޖެއަށާއި ކޮލަންބޯއަށް ކަނޑައަޅުއްވާފައި ހުންނަވާ ރެޕްރެޒެންޓޭޓިވް މިސްޓަރ ވިލްމެންދްރަ ޝަރަން އެވެ.