ކ. މާލެ
|
11 މާރޗް 2022 | ހުކުރު 12:42
ތުރްކްމެނިސަތާނުގެ ރައީސް
ތުރްކްމެނިސަތާނުގެ ރައީސް
އަޒަރުނިއުސް
ތުރްކްމެނިސްތާންގެ ރިޔާސީ އިންތިޚާބު
ތުރްކްމެނިސްތާންގެ ރިޔާސީ އިންތިޚާބަށް ތައްޔާރުވެއްޖެ
 
ތުރްކްމެނިސްތާންގެ ރިޔާސީ އިންތިޚާބުގެ ވޯޓުލުން އޮންނާނީ މާރޗް 12 ވަނަ ދުވަހު

ތުރްކްމެނިސްތާންގައި މިމަހުގެ 12 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބަށް ވަގުތު ކުޑަތަން ވަމުންދާއިރު، ކެމްޕެއިންގެ ކަންތައް މިހާރުވަނީ ނިމުމަކާއި ހަމަޔަށް ގޮސްފައެވެ. އަދި މިހާރު ކުރިޔަށް ދަނީ އިންތިޚާބަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތަކެވެ.

ތުރްކްމެނިސްތާންގެ ރިޔާސީ އިންތިޚާބް މިބާއްވަނީ ކުރިން ހަމަޖެހިފައިވާ ތާރީޚަށް ވުރެ އަވަހަށެވެ. މިކަމަށް ތައްޔާރަށް ހުންނެވިކަން އިއުލާން ކުރައްވަމުން ރައީސް ގަރބަންގޫލީ ބަރދީ މުހަންމަދާވް ވިދާޅުވެފައިވަނީ މިހާރު ބޭނުންފުޅުވަނީ ޒުވާން ލީޑަރުންނަށް ފުރުސަތު ދެއްވުމަށް ކަމުގައެވެ. ކުރިން އިންތިޚާބް ބާއްވަން އޮތީ 2024 ގައެވެ. މިފަހަރު މިބާއްވަނީ އެގައުމުގަ ބާއްވާ ހަވަނަ ރިޔާސީ އިންތިޚާބެވެ. ރައިސްކަމުގެ ދައުރެއްގެ ދިގުމިނަކީ ހަތް އަހަރެވެ.

ތުރްކްމެނިސްތާންގެ ރިޔާސީ ކެމްޕެއިން ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު ފަށާފައިވާއިރު ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީ އޮފް ތުރްކްމެނިސްތާނުން ރިޔާސީ ކެންޑިޑޭޓަކަށް ނެރެފައިވަނީ ރައީސްގެ ދަރިކަލުން، އުމުރުފުޅުން 40 އަހަރުގެ ސަރދާރް ބަރދީ މުހަންމަދާވް އެވެ. 2021 ވަނަ އަހަރުން ފެށިގެން ސަރދާރް ބަރދީ މުހަންމަދާވް ހުންނަވަނީ ޑެޕިއުޓީ ޕްރައިމް މިނިސްޓަރުގެ މަގާމުގައެވެ. އޭނާ ބަލަހައްޓަވާ ދާއިރާތަކަކީ އިކޮނޮމިކްސް، ފައިނޭންސް އަދި ބޯލްކަން ރީޖަންގެ ކަންތައްތަކެވެ.      

މިހާރުގެ ރައީސް ގަރބަންގޫލީ ބަރދީ މުހަންމަދާވް ރައީސްކަމަށް އިންތިޚާބް ވެވަޑައިގެންނެވީ 2007 ވަނަ އަހަރުގެ ފެބްރުއަރީ މަހުއެވެ. ޕްރޮފެޝަނަކަށް ޑެންޓިސްޓް އެއްގެ ގޮތުން ކުރިން މަސައްކަތް ކުރެއްވި ރައީސް މުހަންމަދާވް ވަނީ ރައީސް ނިޔާޒޯވް ގެ ވެރިކަމުގައި 1997 ގައި މިނިސްޓަރ އޮފް ހެލްތުގެ މަގާމްގައި ޚިދުމަތް ކުރައްވާފައެވެ. އަދި 2001 ވަނަ އަހަރުން ފެށިގެން ހުންނެވީ ނާއިބް ރައީސްގެ މަގާމްގައެވެ.

ސެންޓްރަލް އޭޝިޔާގެ ރިޕަބްލިކެއް ކަމަށްވާ ތުރްކްމެނިސްތާންގެ އާބާދީއަކީ ގާތްގަޑަކަށް ހަ މިލިއަން އެވެ. މިއީ ސެންޓްރަލް އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުޑަ ޢާބާދީ އެވެ. އެހެންކަމުން ތުރްކްމެނިސްތާން ވެފައިވަނީ ބިމުގެ އޭރިޔާއަށް ބަލާއިރު، ސެންޓްރަލް އޭޝިޔާގައި ނިސްބަތުން އެންމެ މީހުން މަދު ގައުމަށެވެ.

ތުރްކްމެނިސްތާންގެ މުޅި އާބާދީގެ ގާތްގަޑަކަށް 90 އިންސައްތަޔަކީ މުސްލިމުންނަށް ވާއިރު، އެގައުމުގައި ދުނިޔޭގެ ނިސްބަތުންވެސް ވަރަށް މުއްސަދި އިސްލާމީ ތާރީޚަކާއި ސަގާފަތެއް އޮވެއެވެ.

ގުދުރަތީ ގޭހުގެ ރިޒަރވް ފަސްވަނަޔަށް އެންމެ ގިނައިން ހުރީ ތުރްކްމެނިސްތާންގައެވެ. އެހެންކަމުން އެގައުމު ބެލެމުން އައީ މުއްސަދި ގައުމެއްގެ ގޮތުގައެވެ. 1993 ން 2017 އާއި ހަމަޔަށް ވެސް އެގައުމުގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ ކަރަންޓާ ފެން އަދި ޤުދުރަތީ ގޭސް ފޯރުކޮށްދީފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް