ކ. މާލެ
|
10 މާރޗް 2022 | ބުރާސްފަތި 12:27
ސްރީލަންކާގެ ކްރިކްޓް ޓީމުގެ ކުރީގެ ކެޕްޓަން ސަނަތު ޖަޔަސޫރިޔާ
ސްރީލަންކާގެ ކްރިކްޓް ޓީމުގެ ކުރީގެ ކެޕްޓަން ސަނަތު ޖަޔަސޫރިޔާ
ސްޕޯޓްސް ކީޑާ
ސްޕޯޓްސް އެވޯޑްސް 2022
ސްޕޯޓްސް އެވޯޑްސް 2022: ލަންކާގެ ކުރީގެ ކްރިކްޓް ކެޕްޓަން ބައިވެރިވާނެ
ޖަޔަސޫރިޔާ ފާހަގަ ކުރެވިފައި ވަނީ އޭނާގެ ބާރު ޝޮޓްތަކާއި، ކޮންމެ ކަހަލަ މެޗެއްގައިވެސް ތަފާތު ދައްކުވައިދޭ މޮޅު ކުޅުންތެރިއެއްގެ ގޮތުގައި
1996 ވަނަ އަހަރު ލަންކާއިން ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު އެމުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަޔަސޫރިޔާ

މިމަހުގެ 17 ވަނަ ދުވަހު ބޭވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ސްރީލަންކާގެ ކްރިކްޓް ޓީމުގެ ކުރީގެ ކެޕްޓަން ސަނަތު ޖަޔަސޫރިޔާ ބައިވެރިވާނެކަމަށް ކުޅިވާރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވަނީ ޖަޔަސޫރިޔާގެ ދައުވަތު ގަބޫލުކޮށްފައިވާކަން ހާމަކޮށް އޭނާއަށް ޝުކުރު އަދާކުރައްވާފައެވެ.

އެންމެ މޮޅު އެޓޭކިންގ ބެޓްސްމެންގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރާ ޖަޔަސޫރިޔާ ފާހަގަކުރެވިފައި ވަނީ އޭނާގެ ބާރު ޝޮޓްތަކާއި، ކޮންމެ ކަހަލަ މެޗެއްގައިވެސް ތަފާތު ދައްކުވައިދޭ މޮޅު ކުޅުންތެރިއެއްގެ ގޮތުގައެވެ. އަދި އޭނާއަކީ ވަންޑޭ އިންޓަރނޭޝަނަލް ކްރިކެޓް (އޯޑީއައި) އެއްގައި 10،000 ލަނޑު އެއްްކޮށް 300 އަށްވުރެ ގިނަ ވިކެޓް ނެގި ހަމައެކަނި ކުޅުންތެރިޔާއެވެ.

1996 ވަނަ އަހަރު ލަންކާއިން ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބު ކުރިއިރު އެމުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޖަޔަސޫރިޔާއެވެ. މީގެއިތުރުން ޖަޔަސޫރިޔާ އަކީ 50 އަށްވުރެ މަދު ބޯޅައިން ސަތޭކަ ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާއެވެ.

ރާއްޖޭގެ ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރާ އެކިފަރާތްތައް އަގުވަންކުރުމަށް ބާއްވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022 އަކީ ދުނިޔޭގެ ސަމާލުކަން ލިބޭފަދަ އިވެންޓަކަށް ހެދުމަށް މިނިސްޓަރު މަހްލޫފް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުނިޔޭގެ އެހާރާއި މިހާރުގެ މަޝްހޫރު 15 ކުޅުންތެރިން ނޫނީ ކުޅިވަރުގެ ޝަހުސިއްޔަތުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.

- ކޮމެންޓް