ހޯމަދުވަހު ދިވެހި ސަރުކާރުން ގަތަރާއި އޮންނަ ގުޅުން ކަނޑާލުމަކީ ރާއްޖޭގެ ރައްޔިތުންނަށް ގެއްލުން ފޯރުވާނެ ކަމެއް ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
ރާއްޖެއިން ގަތަރާއި އޮތް ގުޅުން ކަނޑާލުމާއި ގުޅިގެން އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ގަތަރަކީ ދިވެހި ރާއްޖެއަށް އިގްތިސާދީ ގޮތުންނާއި އުމްރާނީ ތަރައްގީގެ ދާއިރާއިންނާއި ތައުލީމާއި ސިއްހަތުގެ އިތުރުން އެކި ދާއިރާތަކަށް ދިވެހި ރައްޔިތުންނަށް އަގުނުކުރެވޭފަދަ ބޮޑެތި ޚިދުމަތްތައް ފޯރުކޮށްދީފައިވާ އަދި މިހާރުވެސް ފޯރުކޮށްދެމުން އަންނަ އެކުވެރި އިސްލާމީ ދައުލަތެއް ކަމަށެވެ. މި ކަމުގެ ސަބަބުން ރާއްޖެއަށް ސީދާ ގޮތުންނާއި ނުސީދާ ގޮތުން ގެއްލުންތައް ފޯރާނެކަމަށް އަދާލަތު ޕާޓީގެ ބަޔާނުގައި ބުނެފައިވެއެވެ.
އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުން ދިވެހި ރައްޔިތުންގެ ނަމުގައި ގަތަރުގެ ސަރުކާރާއި ގުޅުން ކަނޑާލުމަކީ އަދާލަތު ޕާޓީން ކުށްވެރިކުރާ ކަމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހާއި ރައްޔިތުންގެ އެއްވެސް ރައުޔެއް ނެތި ގުޅުން ކަނޑާލުމަކީ ދިވެހި ސަރުކާރުން ހިންގަމުން އަންނަ މި ބާވަތުގެ ނޭއްގާނީ ކަންކަމަށް އިތުރުވެގެން ދިޔަ ބޮޅެއްކަމަށެވެ.
"އިސްލާމީ ދުނިޔޭގެ އިތުރުން ސަރަހައްދީ ފެންވަރުގަޔާއި ބައިނަލް އަގުވާމީ ސިޔާސަތުގެ ދާއިރާގައި ދިވެހިރާއްޖެއިން ޒަމާނުއްސުރެ ހިފަހައްޓަމުންއަންނަ ބެލެންސްޑް ޚާރިޖީ ސިޔާސަތު ބަދަލުކޮށް ބައިނަލްއަގުވާމީ ބޮޑެތި ބަދަލުތަކުގައި ހިނގާ ދިވެހިންނަށް އެއްވެސް ގުޅުމެއް ނެތް ހަމަނުޖެހުންތަކުގެ ތެރެއަށް ރާއްޖެ ވެއްދުމުން ރާއްޖެ ދަނީ އެކަހެރިވަމުންނެވެ. އަދި ވިޔަފާރިއާއި އެހެނިހެން ގޮތް ގޮތުން ނިކަމެތި ވަމުން އަންނަ ދަނޑިވަޅެއްގައި އިސްލާމީ ގައުމުތަކުގެ މެދުގައި އުފެދޭ ދެބަސްވުންތަކުގެ ތެރެއަށްވަދެ އިސްލާމީ އުއްމަތުގެ އިތުރަށް ބައިބައިކޮށް ނިކަމެތިކޮށް މަސައްކަތް ކުރުމަކި އިންތިހާއަށް ނުރައްކާތެރި އަދި ބިރުވެރިކަމެއްގެ ގޮތުގައި އަދާލަތު ޕާޓީން ދެކެމެވެ. " އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ބުނެފައި ވއެއެވެ.
މީގެ އިތުރުން ކަނޑައެޅިގެން ހަގީގަތާ ޚިލާފުކަމަށް ފެންނަން ހުރި އުޒުރުތަކުގެ މައްޗަށް ބިނާކޮށް އިސްލާމީ ގައުމުތަކުގެ މެދުގައި ފިތުނަވެރިކުރުމަށް ކުރެވެމުންދާ ކަންކަމުން އެއްކިބާވެ އޮތުމަށް އަދާލަތު ޕާޓީގެ ފަރާތުން ދިވެހި ސަރުކާރަށް ވަނީ ގޮވާލާފައެވެ. ބައިނަލްއަގުވާމީ އަރައިރުންތަކުގެ ތެރެއަށްވަދެ ދިވެހި ގައުމު އިތުރަށް ނިކަމެތި ކުރުމުގެ ބަދަލުގައި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓޭހެން ދިވެހި ޜާއްޖޭގެ ޚާރިޖީ ސިޔާސަތު އަލުން ބައްޓަންކޮށް މިނިވަން ޚާރިޖީ ސިޔާސަތެއް ގެންގުޅުމަށް ސަރުކާރަށް ވަނީ އަދާލަތު ޕާޓީން ގޮވާލާފައެވެ. ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ނިންމުންތަކަކީ މިނިވަންކަމާއި ބޭރުގެ އެއްވެސް ފަރާތެއްގެ ނުފޫޒު ނުފޯރާނެ ފަދަ ހަރުދަނާ ނިންމުން ތަކަކަށް ވާންޖެހޭކަމަށް އަދާލަތު ޕާޓީން ދެކޭކަމަށް އެޕާޓީންވަނީ ބުނެފައެވެ.