ކ. މާލެ
|
9 މާރޗް 2022 | ބުދަ 10:47
ޕްރިމިއަރ ލީގުގެ މެޗެއް ފެށުމުގެ ކުރިން ޔުކްރެއިންއަށް ތާއިދުކުރާކަމަށް ސުކޫތެއް ނެގުން
ޕްރިމިއަރ ލީގުގެ މެޗެއް ފެށުމުގެ ކުރިން ޔުކްރެއިންއަށް ތާއިދުކުރާކަމަށް ސުކޫތެއް ނެގުން
އައިއޯސީ
އިނގިރޭސި ޕްރިމިއަރ ލީގު
ރަޝިޔާގެ ބްރޯޑްކާސްޓް ޕާޓްނަރާއެކު ޕްރިމިއާ ލީގުން ހަދާފައިވާ އެއްްބަސްވުން އުވާލައިފި
މީގެ ސަބަބުން ޔޫކްރެއިންއަށް އެހީވުމަށް 1.31 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޑޮނޭޓު ކުރެވިގެންދާނެ
އޮކޯ ސްޕޯޓްސްއިން އަހަރެއްގެ މައްޗަށް 6.2 މިިލިއަން ޕައުންޑު ޕްރިމިއަރ ލީގަށް ދެއްކި

ރަޝިޔާގެ ބްރޯޑްކާސްޓް ޕާޓްނަރ އޮކޯ ސްޕޯޓްސް އާއެކު އިނގިރޭސި ޕްރިމިއަރ ލީގުން ހަދާފައިވާ އެއްބަސްވުން އުވާލައިފިއެވެ.

ޕްރިމިއަރ ލީގުން މި އެއްބަސްވުން އުވާލާފައިވަނީ ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއި ގުޅިގެންނެވެ. ލީގުން ވަނީ މިދިޔަ ހަފްތާ ބަންދުގެ ތެރޭގައި ކުޅުނު މެޗުތަކުގައިވެސް ޔޫކްރެއިންއަށް ތާއިދުކުރާކަން ދައްކާފައެވެ. އެގޮތުން މެޗުތައް ފެށުމުގެ ކުރިން ސުކޫތެއް ނެގުމާއި ކެޕްޓަން ބޭންޑު ޔޫކްރެއިން ދިދައިގެ ކުލަތަކުން ފަރުމާކުރުން ހިމެނެއެވެ.

ޕްރިމިއަރ ލީގުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިގޮތަށް ނިންމީ ކްލަބްތަކުގެ ފުރިހަމަ އެއްބަސްވުމާއެކުގައި ކަމަށެވެ. އަދި މީގެ ސަބަބުން ޔޫކްރެއިންއަށް އެހީވުމަށް 1.31 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރު ޑޮނޭޓު ކުރެވިގެންދާނެ ކަމަށެވެ. ޑިޒާސްޓަރ އެމަޖެންސީ ކޮމިޓީއަށް ޑޮނޭޓުކުރާ މި ފައިސާ ބޭނުންކުރާނީ ހާލުގައި ޖެހިފައިވާ ޔޫކްރެއިންގެ ރައްޔިތުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.

ބްރިޓިޝް ސްޕޯޓްސް މިނިސްޓަރު ނައިޖެލް ހަޑަލްސްޓަން ވަނީ ޕްރިމިއަރ ލީގުން ނިންމާފައިވާ މި ނިންމުމަށް އިނގިރޭސި ވިލާތުގެ ސަރުކާރުން ތާއީދުކުރާ ކަމަށް ވިދާޅުވެފައެވެ. އަދި ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއެކު ލީގުން ނިންމާފައި މިވަނީ އެންމެ ރަނގަޅު ނިންމުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ސަބްސްކްރިޕްޝަން ބޭސްޑް ސާރވިސްގެ ގޮތުގައި ރަޝިޔާއަށް ޕްރިމިއަރ ލީގުގެ މެޗުތައް ދައްކަމުން އައި އޮކޯ ސްޕޯޓްސްއިން އަހަރެއްގެ މައްޗަށް 6.2 މިިލިއަން ޕައުންޑު ޕްރިމިއަރ ލީގަށް ދައްކާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް