މި މަހު ރާއްޖޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސްގައި ބައިވެރިވުމަށް ބްރެޒިލްގެ ފުޓްބޯޅަ ލެޖެންޑު ރޮބާޓޯ ކާލޯސްއަށް ދީފައިވާ ދައުވަތު ގަބޫލުކޮށްފިކަމަށް ކުޅިވަރާ ބެހޭ ވަޒީރު އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.
ފޯވާޑެއްގެ ގޮތުގައި ފުރަތަމަ ކުޅެން ފެށި ރޮބާޓޯ ކާލޯސްއަކީ ދުނިޔޭގައި އުފެދުނު އެންމެ މޮޅު ލެފްޓް ބެކް ކަމަށް ގިނަ ބަޔަކު ގަބޫލުކުރެއެވެ. އަދި އޭނާ ވަނީ ފުޓްބޯޅައިގެ ތާރީހުގައިވެސް އެންމެ އޮފެންސިވް މައިންޑެޑް ލެފްޓްބެކްގެ ގޮތުގައިވެސް ފާހަގަ ކުރެވިފައެވެ. ފްރީކިކް މާސްޓަރެއްގެ ގޮތުގައި ފާހަގަ ކުރެވިފައިވާ ކާލޯސްގެ ހިލޭ ޖެހުންތަކަކީ މިހާރުގެ ކުޅުންތެރިންވެސް ނަމޫނާއަކަށް ބަލާ ޖެހުންތަކެކެވެ.
ބްރެޒިލްގެ ގައުމީ ޓީމުގައި ރޮބާޓޯ ކާލޯސް ވަނީ އެއް ވޯލްޑްކަޕާއި، ދެ ކޮޕައެމެރިކާގެ އިތުރުން އެއް ކޮންފެޑެރޭޝަންކަޕް ކާމިޔާބު ކޮށްފައެވެ. އަދި ރެއާލް މެޑްރިޑްގައި ތިން ޗެމްޕިއަންސް ލީގާއި، ހަތަރު ސްޕެނިޝް ޗެމްޕިއަންގެ އިތުރުން ދެ އިންޓަނޭޝަނަލް ކަޕް އަދި އެއް ޔުއެފާ ސުޕަކަޕް ކާމިޔާބުކޮށްފައިވެއެވެ.
މީގެ ކުރިން އިންޓަ މިލާނަށްވެސް ކުޅުނު ކާލޯސްއަށް ވަނީ 2002 ވަނަ އަހަރު ބެލެންޑިއޯ އެވޯޑުވެސް ލިބިފައެވެ. އަދި ފީފާ ބެސްޓް ޕްލޭޔަރ އޮފް ދަ އިޔަރ އާއި 2008 ވަނަ އަހަރުގެ ރަން ބޫޓުވެސް ކާލޯސް ކާމިޔާބުކޮށްފައިވެއެވެ.
މުޅިން އަލަށް ތައާރަފްކުރާ މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް އަކީ ދުނިޔޭގެ ސަމާލުކަން ހުއްޓޭފަދަ ކާމިޔާބު އިވެންޓަކަށް ހެދުމަށް މިނިސްތަރ މަހްލޫފް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ދުނިޔޭގެ އެހާރާއި މިހާރުގެ މަޝްހޫރު 15 ކުޅުންތެރިން ނޫނީ ކުޅިވަރުގެ ޝަހުސިއްޔަތުން ރާއްޖެ އައުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މި އިވެންޓުގައި ބައިވެރިވުމަށް ރާއްޖެ އަންނާނެކަން މިހާރު ޔަގީންވެފައިވަނީ ކާލޯސްގެ އިތުރުން ބްރެޒިލްގެ ކުރީގެ ވޮލީ ކެޕްޓަން ޖިލްބާޓޯ ގޮޑޯއީ އާއި، ވީލްޗެއަރ ޓެނިސް ކުޅުންތެރިޔާ ގޯޑަން ރެއިޑް އާއި، ފެތުމުގައި ފާހަގަ ކުރެވޭ އޮލިމްޕިކް ގޯލްޑް މެޑަލިސްޓް ސާރާ އަދި ފުޓްބޯޅަ ލެޖެންޑް މިޝެލް ސަލްގާޑޯއެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ ބްރޯޑްކާސްޓިންގ މީޑިއާ ޕާޓްނަރަކަށް ހަމަޖައްސާފައިވަނީ ރާއްޖެ ޓީވީއެވެ. އެހެންކަމުން ރާއްޖެ ޓީވީ އިން މޯލްޑިވްސް ސްޕޯޓްސް އެވޯޑްގެ އެންމެ ފަހުގެ އަޕްޑޭޓްތައް އާންމުންނާއި ހަމަޔަށް ގެނަސްދޭނެއެވެ.