އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްގައި ރާއްޖެއިން ބައިވެރިވާ ޓީމު އެކުލަވާލައިފިއެވެ.
މި މުބާރާތް ފެށުމަށް ހަމަޖެހިފައި ވަނީ އިންޑިއާގެ ނާގަލެންޑުގައި މިމަހުގެ 26 ވަނަ ދުވަހުއެވެ. މި މުބާރާތުގައި ރާއްޖެއިން އެކުލަވާލާފައިވާ ޓީމުގައި ހިމެނެނީ ތިން ފިރިހެން ބައިވެރިންނާއި ތިން އަންހެން ބައިވެރިންނެވެ.
ރާއްޖޭގެ ޓީމުގެ ފިރިހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ ނަސީރު ސްޕޯޓްސް ކްލަބްގެ ހުސައިން ފަޒީލް ހާރޫން އާއި މެރަތަން ރަނާސްގެ ދެ ދުވުންތެރިން ކަމަށްވާ އިރުފާން މުހައްމަދު އާއި ޔޫސުފް އިބްރާހިމްއެވެ. އަންހެން ދުވުންތެރިންގެ ތެރޭގައި ހިމެނެނީ މެރަތަން ރަނާސްގެ ދެ ދުވުންތެރިން ކަމުގައިވާ އާއިޝަތު ރާނިޔާ އާއި އާއިޝަތު ރިޝްމީގެ އިތުރުން ކުޑަހުސައިން ސްޕޯޓްސް އެސޯސިއޭޝަންގެ މަރިޔަމް ޢަބްދުލް ކަރީމްއެވެ.
މި މުބާރާތުގައި ރާއްޖޭގެ ޓީމަށް ކޯޗުކަން ކޮށްދޭނީ އެންމެ ގިނަ މެރަތަން ދުވުމުގެ ރެކޯޑު އޮތް ރާއްޖޭގެ ދުވުންތެރިޔާ ނަސްރުﷲ އަހުމަދުއެވެ. ރާއްޖޭގެ މެރަތަން ރަނާސްގެ ކޯޗަކީވެސް ނަސްރުއެވެ.
އިންޑިއާގެ ނާގަލެންޑުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި މުބާރާތް ފުރަތަމަ ތާވަލުކުރެވުނީ މިއަހަރުގެ ޖެނުއަރީ މަހަށެވެ. ނަމަވެސް އޮމިކްރޯން ވޭރިއެންޓާއެކު ކޮވިޑުގެ ކޭސްތައް އިތުރުވުމުން މުބާރާތް މާޗު މަހަށް ލަސްކުރީއެވެ. މިއީ ނާގަލެންޑުގައި ބާއްވާ އެންމެ ފުރަތަމަ ބައިނަލްއަގްވާމީ މުބާރާތެވެ. މި މުބާރާތާއެކު އިންޑިއާގެ 56 ވަނަ ނެޝަނަލް ކްރޮސް ކަންޓްރީ ޗެމްޕިއަންޝިޕްވެސް ކުރިއަށްދާނެއެވެ.