ކ. މާލެ
|
7 މާރޗް 2022 | ހޯމަ 10:47
އިޓާލިއަން ލީގުގައި ނަޕޯލީ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
އިޓާލިއަން ލީގުގައި ނަޕޯލީ އާއި މިލާން ބައްދަލުކުރި މެޗުގެ ތެރެއިން
ގެޓީ އިމޭޖަސް
އިޓާލިއަން ލީގު
ނަޕޯލީ ބަލިކޮށް މިލާން އެއްވަނައަށް
 
ނަޕޯލީއަށް މޮޅުވެގެން ތާވަލުގެ އެއްވަނައަށް އެރުމުގެ ފުރުސަތު އޮތް
 
މިލާން މޮޅުވީ 1-0 ގެ ނަތީޖާއަކުން
 
އެންމެ ފަހުން ކުޅުނު 14 ލީގު މެޗުންވެސް ޔުވެންޓަސް ބަލިނުވޭ

އިޓާލިއަން ލީގުގައި ނަޕޯލީ އާއި އޭސީ މިލާން ބައްދަލުކުރި މެޗުން މޮޅުވެ ތާވަލުގެ އެއްވަނައަށް މިލާން ޖެހިލައިފިއެވެ.

އާދީއްތަ ދުވަހުގެ ރޭ ނަޕޯލީގެ ދަނޑުގައި ކުޅުނު މި މެޗުން މިލާން މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މެޗުގެ ދެވަނަ ހާފު ފެށިގެން މާ ގިނައިރެއް ނުވަނީސް މިލާނަށް މި ލަނޑު ކާމިޔާބުކޮށް ދިނީ އޮލީވިއޭ ޖިރޫޑްއެވެ. މި ލަނޑަކީ ޑޭވިޑެ ކަލާބްރިއާ ފޮނުވާލި ބޯޅައެއް ޖިރޫޑަށް ލިބުމުން ގޯލުގެ ކަނަށް ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.

މީގެ އިތުރުންވެސް މި މެޗުގައި ލީޑު ފުޅާކުރުމަށް މިލާނަށް ރަނގަޅު ފުރުސަތުތަކެއް ލިބުނެވެ. އެގޮތުން މިލާންގެ ބެނަސޭ ފޮނުވާލި ބާރު ހަމަލާ ނަޕޯލީގެ ކީޕަރު މަތަކޮށްފައި ވާއިރު، ހެނާންޑޭޡް ފޮނުވާލި ބޯޅަވެސް ގޯލަށް ވަނަ ނުދީ ދިފާއުކުރީ ނަޕޯލީގެ ކީޕަރު ޑޭވިޑް އޮސްޕީނާއެވެ.

މެޗުގެ ނަތީޖާ ހަމަހަމަ ކުރުމަށް ނަޕޯލީގެ އޮސީމޭންއަށް ލިބުނު ދެ ފުރުސަތަށްވެސް ހުރަސް އެޅީ މިލާންގެ ކީޕަރު މައިކް މައިގްނޯންއެވެ. އަދި އާދަމް އޫނާސް ފޮނުވާލި ބޯޅަ ދިޔައީ ގޯލާއި އަމާޒުނުވެ ބޭރަށެވެ.

އިޓާލިއަން ލީގުގައި ޔުވެންޓަސް އާއި ސްޕެޒިއާ ބައްދަލުކުރި މެޗުގެ ތެރެއިން - ގެޓީ އިމޭޖަސް

އިޓާލިއަން ލީގުގައި އާދީއްތަ ދުވަހުގެ ރޭ ޔުވެންޓަސްއާއި ސްޕެޒިއާ ބައްދަލުކުރި މެޗުން މޮޅުވެ ޔުވެންޓަސްއިން ވަނީ އެޓީމުގެ ރެކޯޑު ދަމަހައްޓާފައެވެ. ސްޕެޒިއާ އަތުން ޔުވެންޓަސް މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ޔުވެންޓަސްއަށް ލަނޑު ޖަހައިދިނީ އަލްވާރޯ މޮރާޓާއެވެ. މިއީ މެޗުގެ 21 ވަނަ މިނެޓުގައި ލޮކަޓެލީ ދިން ޕާހެއް ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން މޮރާޓާ ކާމިޔާބުކުރި ލަނޑެކެވެ.

މިއާއެކު ޔުވެންޓަސްއިން ވަނީ އެޓީމުން ބަލިނުވެ ހަދަމުން އައި ރެކޯޑު ދަމަހައްޓާފައެވެ. ލީގުގައި ޔުވެންޓަސް އެންމެ ފަހުން ކުޅުނު 14 މެޗުންވެސް އެޓީމު ބަލިވެފައެއް ނުވެއެވެ.

އާދީއްތަ ދުވަހުގެ ރޭ އިޓާލިއަން ލީގުގައި ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ވެނީޒިއާގެ މައްޗަށް ސަސޫލޯ ކުރިހޯދީ 4-1 ގެ ނަތީޖާއަކުންނެވެ. ޓޮރީނޯ އާއި ބޮލޮގްނާ ބައްދަލުކުރި މެޗުގައި އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހި އެއްވަރުވެފައި ވާއިރު، އެމްޕޯލީ އާއި ޖެނޯއާ ބައްދަލުކުރި މެޗުވެސް ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ. އަދި ކަގްލިއަރީގެ މައްޗަށް 3-0 ގެ ނަތީޖާއަކުން ލާޒިއޯ ކުރިހޯދިއިރު، ފިއޮރެންޓީނާ އާއި ވެރޯނާ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

މި ނަތީޖާތަކާއެކު މިލާނަށް ތާވަލުގެ އެއްވަނަ ލިބެނީ 28 މެޗުުން ލިބުނު 60 ޕޮއިންޓާއެކުއެވެ. ދެވަނައިގައި އިންޓަ މިލާން އޮތީ 27 މެޗު ކުޅެގެން 58 ޕޮއިންޓު ހޯދައިގެންނެވެ. ރޭގެ މެޗުން ބަލުވުމާއެކު ނަޕޯލީ އޮތީ 57 ޕޮއިންޓާއެކު ތާވަލުގެ ތިން ވަނައިގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
100%
ކޮމެންޓް