ކ. މާލެ
|
6 މާރޗް 2022 | އާދީއްތަ 06:56
ރަޝިޔާ އާއި ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތަކުގެ ތެރެއިން
ރަޝިޔާ އާއި ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތަކުގެ ތެރެއިން
ސީ.އެން.އެން
ރަޝިޔާ އާއި ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތައް
ރަޝިޔާ އާއި ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތަކުގެ ތިން ވަނަ ބުރު ހޯމަ ދުވަހު
ދެވަނަ ބުރު ނިންމާލާފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވެގެން
ދެވަނަ ބުރުގެ ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހު

ރަޝިޔާ އާއި ޔޫކްރެއިންއާ ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގެ ތިން ވަނަ ބުރު ހޯމަ ދުވަހު ބާއްވާނެކަމަށް ޔޫކްރެއިންގެ ފަރާތުން ވާހަކަތަކުގައި އިސްކޮށް ހަރަކާތްތެރިވާ ޑޭވިޑް އަރާޚަމިޔާ ވިދާޅުވެއްޖެއެވެ.

ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ހަނގުރާމަ ހުއްޓާލުމާއި ގުޅޭގޮތުން ކުރިޔަށްދާ މަޝްވަރާތައް ހޯމަ ދުވަހު އޮންނާނެކަމަށެވެ. ނަމަވެސް އޭގެ ތަފްސީލެއް ނުދެއްވައެވެ.

ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށިފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ދެޤައުމުގެ ދެމެދުގައި ވަނީ ސުލްހައިގެ ވާހަކަތައް ކުރިޔަށް ގެންގޮސްފައެވެ.

ދެވަނަ ބުރުގެ ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ބުރާސްފަތި ދުވަހުއެވެ. ދެވަނަ ބުރު ނިންމާލާފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވެގެންނެވެ. އަދި ހަނގުރާމައިގެ މައިދާން ދޫކޮށްދާން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދިނުމަށް އެއްބަސްވެގެންނެވެ. މިއީ ރަޝީޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށި ފަހުން ދެފަރާތުގެ ދެމެދުގައި ކަމަކާމެދު އެއްބަސްވުމަކާއި ހަމައަށް އައި ފުރަތަމަ ފަހަރެވެ. ނަމަވެސް މިކަން ކުރުމުގައި ވަނީ ލަސްތަކެއް ކުރިމަތިވެފައެވެ.

ޔޫކްރެއިން އިން ބުނީ ވާހަކަތަކުގައި އަދި އަލިމަގެއް ނުފެނުނު ނަމަވެސް ވާހަކަތައް ކުރިޔަށް ގެންދިޔުމަށް މަސައްކަތްކުރާނެކަމަށެވެ.

ރަޝިޔާގެ ނިއުސް އެޖެންސީ އެއްކަމުގައިވާ އިންޓަރފެކްސް އިން ރަޝިޔާގެ ފަރާތުން ވާހަތަކުގައި ބައިވެރިވާ ފަރާތަކާއި ހަވާލާދީ ބުނެފައިވަނީ ތިން ވަނަ ބުރު ކުރިޔަށް އޮތް ދުވަސްތަކުގައި ބާއްވާނެކަމަށާއި އެންމެ ބޮޑަށް ބެލެވެނީ ހޯމަ ދުވަހު ވާހަކަތައް ކުރިޔަށްދާނެކަމަށެވެ.

ރަޝިޔާއިން ބުނެފައިވަނީ ދެވަނަ ބުރުގެ ވާހަކަަތަކުގައި އެއްބަސްވުމަކާއި ހަމައަށް އާދެވުމުގައި ކޮންމެސް ވަރެއްގެ ދޫތަކެއް ޔޫކްރެއިން އިން ދީފައިވާކަމަށެވެ. ހުކުރު ދުވަހު ރަޝިޔާގެ ކްރެމްލިން އިން ބުނެފައިވަނީ ވާހަކަތައް ކުރިޔަށްދަނީ ކިޔެވް އިން މޮސްކޯ ބޭނުންވާ ގޮތަށް ކަންކަން ކުރުމަށް އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. އަދި ރަޝިޔާއިން ބޭނުންވާ ކަންކަން ހުށަހަޅާފައިވާކަމަށްވެސް ކްރެމްލިން އިން ބުނެއެވެ.

ހަނގުރާމައަށް 10 ދުވަސްވެފައިވާއިރު އދ އިން ބުނެފައިވަނީ ރަޝިޔާއިން ދެމުންދާ ހަމަލާތަކުގައި މިހާތަނަށް މަދުވެގެން ޔޫކްރެއިންގެ އާންމު ރައްޔިތުންގެ 350 މީހުން މަރުވެފައިވާކަމަށެވެ. ރަޝިޔާއިން ޔޫކްރެއިންގެ އެކި ސިޓީތަކަށް ދޭ ހަމަލާތައް ވަނީ އިތުރުކޮށް ވަރުގަދަކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް