ރަޝިޔާގެ ރައީސް ވްލަޑިމިއަރ ޕުޓިން އެއިރޯފްލޮޓް އެވިއޭޝަން ސްކޫލްއަށް ޒިޔާރަތް ކުރައްވާ އެތަނުގެ އަންހެން ފްލައިޓް ކްރޫ އިންނާއި ޓްރެއިނީސް އަދި އެހެން މުވައްޒަފުންނާއި ހޮނިހިރު ދުވަހު ބައްދަލުކުރައްވައިފިއެވެ.
ކުރިޔަށް އޮތް އަންހެނުންގެ ދުވަހުގެ ހަރަކާތެއްގެ ގޮތުގައި ކުރެއްވި ޒިޔާރަތުގައި އެތަނުގެ މުވައްޒަފުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައި ޕުޓިން ވަނީ ހުޅަގުން ރަޝިޔާ އާއި ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަކީ ހަނގުރާމަ އިއުލާންކުރުމާއި ހަމަހަމަ ކަމެއްކަމަށް ސިފަކުރައްވާފައެވެ.
އަދި ހުޅަނގުން ޔޫކްރެއިން މަތިން އުދުހުން މަނާކޮށް ނޯ ފްލައިޒޯން ކަނޑައަޅައިފިނަމަ އެކަމުގެ ނަތީޖާ ޔޫރަޕާއި އަދި މުޅި ދުނިޔެއަށް ވެސް ވަރަށް ހިތިވާނެ ކަމަށް ޕުޓިން ވިދާޅުވިއެވެ.
ޕުޓިން ވިދާޅުވީ ރަޝިޔާއިން ޔޫކްރެއިނުގައި މިކުރާކަމަކީ އެޤައުމުގައި ތިބި ރަޝިޔާ ބަހުން ވާހަކަ ދައްކާ ކޮމިއުނިޓީތައް ހިމާޔަތް ކުރުމުގެ ގޮތުން ކުރާކަމެއް ކަމަށް ވިދާޅުވިއެވެ.
އެގޮތުން ޔޫކްރެއިނުން ނޭޓޯފަދަ ޖަމާއަތްތަކާއި ގުޅި ރަޝިޔާއަށް ނުރައްކާވާފަދަ ފިޔަވަޅެއް ނާޅާނެކަން ޔަގީން ކުރުން ރަޝިޔާއަށް މުހިންމުކަމަށް ޕުޓިން ވިދާޅުވިއެވެ.