އިޓާލިއަން ލީގުގައި ސެލޭނިޓާނާ އާއި ބައްދަލުކުރި މެޗުން މޮޅުވެ އިންޓަރ މިލާން ތާވަލްގެ އެއްވަނައަށް ޖެހިލައިފިއެވެ.
އިންޓަރގެ ދަނޑުގައި ކުޅުނު މި މެޗު އެޓީމުން ކާމިޔާބުކުރީ 5-0 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ލައުޓާރޯ މާޓިނޭޒް ވަނީ ހެޓްރިކް ހަދާފައެވެ. އޭނާގެ އިތުރުން މި މެޗުގައި އިންޓަރއަށް ލަނޑުތައް ޖަހައިދިނީ އެޑިން ޒެކޯއެވެ. ޒެކޯ މި މެޗުގައި ދެ ލަނޑު ޖަހާފައިވެއެވެ.
މި މެޗުގައި މާޓިނޭޒް ހެޓްރިކް ހަދާފައި ވާއިރު، ފުރަތަމަ ހާފުގެ 22 އަދި 40 ވަނަ މިނެޓުގައި އޭނާ ގޯލު ޖެހުމަށް އެހީތެރިވެދިނީ ނިކޯލޯ ބަރެއްލާއެވެ. މާޓިނޭޒްގެ ތިންވަނަ ގޯލަކީ ދެވަނަ ހާފުގެ 56 ވަނަ މިނެޓުގައި ޒެކޯ ދިން ޕާހެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. ލީގުގައި މިދިޔަ އަހަރުިގެ ޑިސެމްބަރ މަހު ސެލޭނިޓާނާ އާއި ދެކޮޅަށް ކުޅުނު މެޗުގައިވެސް މާޓިނޭޒް ވަނީ ގޯލު ޖަހާފައެވެ. ޒެކޯގެ ލަނޑުތައް ކާމިޔާބު ކޮށްފައިވަނީ މެޗުގެ 64 ވަނަ މިނެޓް އަދި 69 މިނެޓުގައެވެ.
މި މޮޅާއެކު އިންޓަރ ތާވަލުގެ އެއްވަނައަށް އަރާފައިވަނީ 59 ޕޮއިންޓް ހޯދައިގެންނެވެ. ދެވަނައިގައި ނަޕޯލީ އޮތީ 58 ޕޮއިންޓު ލިބިގެންނެވެ. ތިން ވަނައިގައި އޮތް އޭސީ މިލާނުންވެސް ވަނީ 27 މެޗުން 58 ޕޮއިންޓު ހޯދާފައެވެ.
ލީގުގައި ބާކީ 11 މެޗު ކުޅެން އޮތްއިރު، ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު މި ތިން ޓީމަށްވެސް އެބައޮތެވެ. މުބާރާތުގައި އާދީއްތަ ދުވަހުގެރޭ ބައްދަލުކުރާނީ އޭސީ މިލާނާއި ނަޕޯލީއެވެ. މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނިކުތަސް، އިންޓަރ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލޭނެއެވެ.