ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އޮންނަން ޖެހޭ ރައްކާތެރިކަން ކަށަވަރު ކޮށްދިމުމުގައި ފުލުހުން ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށް ފުލުހުންގެ ކުރީގެ އިންޓެލިޖެންސްގެ ވެރިޔާ މުހައްމަދު ހަމީދު (އެމްސީ ހަމީދު) ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ "60 މިނިޓަށް" ދެއްވި ހާއްސަ އިންޓަވިއުއެއްގައި އެމްސީ ހަމީދު ވިދާޅުވީ ފުލުހުން މިހާރު ވަރަށް ބޮޑަށް ފެއިލްވެފައިވާ ކަމަށާއި ހާއްސަކޮށް މަރުގެ ބޮޑެތި މައްސަލަތައް ހިނގާއިރު ފުލުހުންގެ ފަރާތުން ރައްޔިތުންނަށް އޮންނަން ޖެހޭ ރައްކާތެރިކަން ނެތް ކަމަށާއި އެކަމުގައި ފެންނަމުން ދަނީ ފުލުހުން ފެއިލް ވަމުންދާ މަންޒަރު ކަމަށް އެމްސީ ހަމީދު ވިދާޅުވިއެވެ.
އެމްސީ ހަމީދު ވިދާޅުވީ ޑިމޮކްރެޓިކް ވެއްޓެއްގައި ފުލުހުންގެ މުއައްސަސާ މަސައްކަތްތައް ބިނާކުރަން ޖެހޭނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ މައްޗަށް ކަމަށެވެ. ނަމަވެސް އޭގެ ބަދަލުގައި މިއަދު ފުލުހުންގެ މުއައްސަސާއިން ފެންނަމުންދާ މަންޒަރަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހާ ހިލާފް އަދި ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ގެންގުޅެން ޖެހޭ އަސާސްތަކާ ހިލާފް ކަންތައްތަކެއް ކުރަމުންދާ މަންޒަރު ކަމަށް އެމްސީ ހަމީދު ވިދާޅުވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި ފުލުހުންގެ މުއައްސަސާއިން ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ގެންގުޅެން ޖެހޭނެ އެންމެ މުހިންމު އެއް އަސާސަކީ މުޖުތަމަޢު ތެރޭގައި ހިންގާ ކުށްތަށް ރައްޔިތުންނާ ހަމައަށް ރިޕޯޓްކޮށް ކުށްތަކަށް އަރައިގަންނަ ފަރާތްތަށް ހޯދައި އެ ފަރާތްތަށް ޝަރީޢަތުގެ ކުރިމަށްޗަށް ގެނެސް ކުށްވެރިންނަށް ހައްގު އަދަބް ދިނުން ކަމަށެވެ. ނަމަވެސް އެ ވާޖީބްތައް އަދާކުރުމުގައި ވެސް މިއަދު ފުލުހުން ފަހަތު ފަޔަށް ބަރުވެފައިވާ ކަމަށާއި އެގޮތުން ފުލުހުން މުއައްސަސާ މަސައްކަތް ކުރނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގެ ރޫހާ ހިލާފަށް ކަމަށް އެމްސީ ހަމީދު ވިދާޅުވިއެވެ. އެގޮތުން ފަހަކަށް އައިސް ފުލުހުންގެ ހަރަކާތްތަކާއި ބަސްތަކާއި ފުލުހުންގެ ފަރާތުން އިވޭ އަޑުތައް މުޅިން ހުންނަނީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ރޫހާ ހިލާފަށް ކަމަށް އެމްސީ ވިދާޅުވިއެވެ.
މިސާލެއްގެ ގޮތުގައި އެމްސީ ފާހަގަކުރެއްވީ ބްލޮގަރ ޔާމީން ރޝީދުގެ މައްސަލައެވެ. އެގޮތުން 2014 ވަނައަހަރުއްސުރެ ޔާމީން ރަޝީދަށް ދެމުންގެންދިޔަ މަރުގެ އިންޒާރުތަކަށް ފުލުހުން ބީރުކަންފަތެއް ދީފައި ވުމަކީ، އެކަމުގައި ފުލުހުންގެ އިހުމާލު ވަރަށްބޮޑަށް އޮތްކަން ދޭހަވާކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.
އެމްސީ ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ކުރުމުގެ ބަދަލުގައި މިއަދު ފުލުހުންގެ މައްސަސާއިން ކުރަމުންދާ މަސައްކަތަކީ ކުންފުނިތަކާ އެކު އެގްރިމެންޓްތައް ހެދުން ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާއިން ރައްޔިތުންގެ އިތުބާރު ހޯދަން ބޭނުންވާ ނަމަ ފުލުހުންގެ ޗާޓް ފުލުހުން އަލުން ކިޔައި އެއާ އެއްގޮތަށް ފުލުހުންގެ އަމަލުތައް ބައްޓަން ކުރަން ޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ ފުލުހުން ކަންކަން ބަލަހައްޓަން ވާނީ ކަމެއް ހިނގުމުން ނޫން ކަމަށާއި ކަމެއް ހިނގައިފާނެކަމަށް ބަލައި ފުލުހުން ތިބެން ވާނީ އަބަދުވެސް ތައްޔާރަށް ކަމަށް އެމްސީ ވިދާޅުވިއެވެ.
މީގެ އިތުރުން އެމްސީ ވިދާޅުވީ ފޭރުމާއި އެހެނިހެން ގޮތްގޮތުން ރައްޔިތުންނަށް ކުރިމަތިލާން ޖެގިފައިވާ މައްސަލަތަކާ ގުޅިގެން ސޯޝަލް މީޑިއާގައި އާންމުން ފާޅުކުރި ހިޔާލާ ގުޅިގެން ފުލުހުން ނެރުނު ބަޔާނަކީ މިވަގުތާ އެންމެ އެކަށީގެންވާ ފަދަ ބަޔާނެއް ނޫން ކަމަށެވެ. ހާއްސަކޮށް ރައްޔިތުންގެ ތެރެއިން ގިނަބަޔަކު ފުލުހުންގެ މުއައްސަސާ އަށް އިތުބާރު ނުކުރާއިރު އެފަދަ ބަޔާނެއް ނެރުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ އަމަލެއް ކަމަށް އެމްސީ ވިދާޅުވިއެވެ.