ކ. މާލެ
|
4 މާރޗް 2022 | ހުކުރު 07:13
ރަޝިޔާ އާއި ޔޫކްރެއިނުން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކުގެ ތެރެއިން
ރަޝިޔާ އާއި ޔޫކްރެއިނުން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކުގެ ތެރެއިން
ސީ.އެން.އެން
ރަޝިއާ އާއި ޔޫކްރެއިން ސުލްހައިގެ ވާހަކަތައް
ރަޝިއާ - ޔޫކްރެއިން ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު: ދެ ފަރާތުން އެއްބަސްވީ އިންސާނީ އެހީ ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމަށް
ސުލްހައިގެ ވާހަކަތަކުގެ ތިން ވަނަ ބުރު އޮންނާނީ އަންނަ ހަފްތާތެރޭގައި
ޔޫކްރެއިންގެ ފަރާތުން ވާހަކަތަކުގައި އެންމެ އިސްކޮށް ބައިވެރިވެވަޑައިގަންނަވާ މަކައިލޯ ޕޮޑޯލްޔަކް ވިދާޅުވީ ކިޔެވް އުންމީދުކުރި ފަދަ ނަތީޖާއެއް ވާހަކަތަކުން ނުލިބޭކަމަށް
ރަޝިޔާގެ ފަރާތުން އެންމެ އިސްކޮށް ވާހަކަދައްކަވާ ވްލަޑްމިއަރ މެޑިންސްކީ ވިދާޅުވީ ވާހަކަތަކުން މައިގަނޑު ކަންކަމާއި ގުޅޭގޮތުން ކުރިއެރުންތަކެއް ލިބިފައިވާކަމަށް

ރަޝިޔާ އާއި ޔޫކްރެއިނުން ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު ނިންމާލައިފިއެވެ.

ދެވަނަ ބުރު ނިންމާލާފައިވަނީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުގެ ގޮތުން ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ދެ ފަރާތުން އެއްބަސްވެގެންނެވެ. އަދި ހަނގުރާމައިގެ މައިދާން ދޫކޮށްދާން ބޭނުންވާ މީހުންނަށް އެފުރުސަތު ފަހިކޮށްދިނުމަށް އެއްބަސްވެގެންނެވެ. މިއީ ރަޝީޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށިފަހުން ދެފަރާތުގެ ދެމެދުގައި ކަމަކާމެދު އެއްބަސްވުމަކާއި ހަމައަށް އައި ފުރަތަމަ ފަހަރެވެ.

ސުލްހައިގެ ވާހަކަތަކާއި ގުޅޭގޮތުން ރަޝިޔާގެ ފަރާތުން އެންމެ އިސްކޮށް ވާހަކަދައްކަވާ ވްލަޑްމިއަރ މެޑިންސްކީ ވިދާޅުވީ، ވާހަކަތަކުން މައިގަނޑު ކަންކަމާއި ގުޅޭގޮތުން ކުރިއެރުންތަކެއް ލިބިފައިވާކަމަށެވެ.

ޔޫކްރެއިންގެ ފަރާތުން ވާހަކަތަކުގައި އެންމެއިސްކޮށް ބައިވެރިވެވަޑައިގަންނަވާ މަކައިލޯ ޕޮޑޯލްޔަކް ވިދާޅުވީ ކިޔެވް އުންމީދުކުރި ފަދަ ނަތީޖާއެއް ވާހަކަތަކުން ނުލިބޭކަމަށެވެ. ނަމަވެސް އާންމު ރައްޔިތުން ހަނގުރާމަ ހިނގަމުންދާ ސަރަހައްދުން ބޭރަށް ގެންދިޔުމާއި ގުޅޭގޮތުން ދެފަރާތަށްވެސް އެއްބަސްވުމަކާއި ހަމައަށް އާދެވިފައިވާކަމަށެވެ. އެގޮތުން މީހުން އެސަރަހައްދުތަކުން ބޭރަށްގެންދާ ވަގުތުތަކުގައި ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވެފައިވާކަމަށް ޕޮޑޯލްޔަކް ވިދާޅުވިއެވެ. ހަމަލާ ބަދަލުކުރުން ހުއްޓާލާނީ ހުރިހާ ހިސާބެއްގައި ނޫންކަމަށާއި ނަމަވެސް އެވަގުތަކު އިންސާނީ އެހީތެރިކަން ބޭނުންވާ ސަރަހައްދުތަކުގައި ކަމަށްވެސް ޕޮޑޯލްޔަކް ވިދާޅުވިއެވެ.

ރަޝިޔާއިން ޔޫކްރެއިންއަށް ދެމުންދާ ހަމަލާތަކާއި ގުޅޭގޮތުން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން ވިދާޅުވީ ޔޫކްރެއިންގައި ހިނގަމުންދާ އަސްކަރީ އޮޕަރޭޝަން ކުރިޔަށްދަނީ ރަޝިޔާއިން ބޭނުންވި ގޮތަށް ޕްލޭނާއި އެއްގޮތަށްކަމަށެވެ. އަދި ރަޝިޔާގެ ސިފައިންނަކީ ހީރޯއިން ކަމަށް ވަނީ ވިދާޅުވެފައެވެ.

ރަޝިޔާއިން ޔޫކްރެއިން އަށް އަމާޒުކޮށް ހަމާލާތައް ދޭން ފެށިފަހުން އިންސާނީ ކާރިސާއަކާއި ވަނީ ކުރިމަތިވެފައެވެ. އދ އިން ބުނާގޮތުގައި މިހާރުވެސް ޔޫކްރެއިން ދޫކޮށް އެހެން ގައުމުތަކަށް ރެފިޔުޖީންގެ ގޮތުގައި ހިޖުރަކުރި މީހުންގެ އަދަދު ވަނީ މިލިއަނަކަށް އަރާފައެވެ. ގިނަ ބަޔަކު ހިޖުރަކުރަމުންދަނީ އެންމެ ކައިރީގައި އޮތް ޕޮލެންޑަށެވެ.

ޔޫކްރެއިންގައި މަޑުކުރާ އާންމު ރައްޔިތުންނަށް ވަނީ މިސައިލާއި ރޮކެޓް ހަމަލާތަކާއި ކުރިމަތިވެފައެވެ.

ދެވަނަ ބުރުގެ ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ކޮންތާކުކަމެއް ހާމަކޮށްފައެއްނުވެއެވެ.

ސުލްހައިގެ ވާހަކަތަކުގެ ތިން ވަނަ ބުރު އޮންނާނީ އަންނަ ހަފްތާތެރޭގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
ކޮމެންޓް