ކ. މާލެ
|
3 މާރޗް 2022 | ބުރާސްފަތި 05:55
ރަޝިއާ-ޔޫކްރެއިންގެ މަންދޫބުންގެ ވަފުދުން ކުރިއަށްގެންދިޔަ ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބުރު
ރަޝިއާ-ޔޫކްރެއިންގެ މަންދޫބުންގެ ވަފުދުން ކުރިއަށްގެންދިޔަ ސުލްހައިގެ މަޝްވަރާ ބައްދަލުވުމުގެ ފުރަތަމަ ބުރު
ރޮއިޓާރސް
ރަޝިޔާ އާއި ޔޫކްރެއިންގެ ސުލްހައިގެ ވާހަކަތައް
ރަޝިއާ - ޔޫކްރެއިން ސުލްހައިގެ ވާހަކަތައް: ދެވަނަ ބުރު ބުރާސްފަތި ދުވަހު
ދެވަނަ ބުރުގެ ވާހަކަތައް ކުރިޔަށްދާނީ ބުރާސްފަތި ދުވަހުގެ ހެނދުނު ޕޮލެންޑާއި ބެލަރޫސްގެ ބޯޑަރުގައި

ރަޝިޔާ އާއި ޔޫކްރެއިން އާ ދެމެދު ކުރިޔަށްދާ ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު ބުރާސްފަތި ދުވަހު ކުރިޔަށް ގެންދިޔުމަށް ހަމަޖެހިއްޖެއެވެ.

ދެވަނަ ބުރުގެ ވާހަކަތައް ކުރިޔަށްދާނީ ބުރާސްފަތި ދުވަހުގެ ހެނދުނު ޕޮލެންޑާއި ބެލަރޫސްގެ ބޯޑަރުގައެވެ. ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ޔޫކްރެއިންގެ ޓީމު ބެލަރޫސް އަށް ދިޔުމަށް ޔޫކްރެއިން އިން ފުރާފައިވާކަމަށް ޔޫކްރެއިންގެ ރައީސް ވޮލޮޑިމިއަރ ޒެލެންސްކީގެ އެންމެ އިސް އެޑްވައިޒަރ މަކައިލޯ ޕޮޑޯލްޔަކް ރޮއިޓަރސް އާ ވާހަކަދައްކަވަމުން ވިދާޅުވިއެވެ.

މީގެކުރިން ރަޝިޔާގެ ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވަނީ ރަޝީޔާގެ ވަފުދު ޔޫކްރެއިންގެ ވަފުދު ބެލަރޫސް އަށް އަންނާނެކަމަށް އުންމީދުކުރާކަމަށެވެ.

ހަނގުރާމައަށް 7 ދުވަސް ފާއިތުވެގެން ގޮސްފައިވާއިރު އަންގާރަ ދުވަހު ވަނީ ސުލްހައިގެވާހަކަތަކުގެ ފުރަތަމަ ބުރު ބާއްވާފައެވެ. ފުރަތަމަ ބުރުގެ ވާހަކަތައް ކުރިޔަށް ގެންގޮސްފައިވަނީ ބެލަރޫސް އާއި ޔޫކްރެއިން ގުޅޭ ބޯޑަރު ސަރަހައްދުގައެވެ. އެވާހަކަތައް ނިމުނީ ވަކިކޮޅެއްގައި ނުޖެހިއެވެ. ނަމަވެސް ވާހަކަތައް އިތުރަށް ކުރިޔަށް ގެންދިޔުމަށް ދެފަރާތުންވެސް އެއްބަސްވެފައިވެއެވެ.

ދެފަރާތަށްވެސް ވާހަކަދެކެވި އެއްބަސްވުމަކާއި ހަމައަށް އާދެވޭނެ މުހިންމު ކަންތައްތަކެއް ފުރަތަމަ ބުރުގައި ވަނީ ކަނޑައެޅިފައިކަމަށް ރިޕޯޓްތައް ބުނެއެވެ. ދެފަރާތުން އެއްބަސްވުމަކާއި ހަމައަށް އަންނަން ބޭނުންވާ މުހިންމު ކަންތައްތަކުގެ ތެރޭގައި ޔޫކްރެއިންގެ ފަރާތުން ބޭނުންވަނީ ވަގުތުން ވަގުތަށް ހަމަލާ ދިނުން ހުއްޓާލުމާއި ރަޝިޔާގެ ފައުޖުތައް މިހާރުން މިހާރަށް ޔޫކްރެއިން އިން ފޭބުމަށެވެ. ރަޝިޔާއިން ބޭނުންވަނީ ޔޫކްރެއިން ދުވަހަކުވެސް ނޭޓޯ އާއި ނުގުޅޭނެ ކަމުގެ ޔަގީންކަން ދިނުމާއި ރަޝިޔާގެ ސަލާމަތަށްޓަކައި ޔޫކްރެއިން ވަކިކޮޅަކަށް ނުޖެހި އޮތުމަށެވެ. މީގެއިތުރުން ރަޝިޔާއިން ހިފާފައިވާ ޔޫކްރެއިންގެ ކްރައިމިޔާ އެއީ ރަޝިޔާގެ ބައެއްގެ ގޮތުގައި ކަނޑައެޅުމަށްވެސް ރަޝިޔާއިން ހުށަހަޅާފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
ކޮމެންޓް