ކުޅިވަރާ ބެހޭ ވުޒާރާއިން އަންނަ މަހު ބާއްވާ ކުޅިވަރުގެ އެންމެ ބޮޑު އެވޯޑް ނައިޓު ކަމަށްވާ "މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022" ގައި އެވޯޑް ދޭ އިތުރު ދެ ކެޓަގަރީ އިއުލާންކޮށްފިއެވެ.
މި ކެޓަގަރީ ތަކަކީ އަހަރުގެ އެންމެ މޮޅު ފޮޓޯ ޖާނަލިސްޓާއި، ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ކެޓަގަރީއެވެ.
ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފް ވިދާޅުވީ، މި ދެ ކެޓަގަރީގެ ތެރެއިން އަހަރުގެ އެންމެ މޮޅު ފޮޓޯ ޖާނަލިސްޓް ހޮވަން ނިންމީ ކުޅިވަރު ކުޅުންތެރިންގެ ފޮޓޯ ނެގުމުގައި ފޮޓޯ ޖާނަލިސްޓުން ކުރާ މަސައްކަތް އަގުވަޒަން ކުރުމުގެ ގޮތުން ކަމަށެވެ. އަދި ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ދޭން ނިންމީ، ކުޅިވަރު މިއަދު މިއޮތް ހަރުފަތައް ގެނަސްދިނުމުގައި ގުރުބާންވި ފަރާތްތަކުގެ އަގުވަޒަން ކުރުމުގެ ބޭނުމުގައި ކަމަށެވެ.
މަޚްލޫފް ވިދާޅުވީ، ސްޕޯޓްސް އެވޯޑް ދޭ އިތުރު ކެޓަގަރީތައް ވެސް ކުރިއަށް ހުރި ދުވަސްތަކުގައި އިއުލާން ކުރަމުން ގެންދާނެ ކަމަށެވެ.
މީގެ ކުރިން ސްޕޯޓްސް އެވޯޑްގެ ޕާޓްނަރުންނާއިއެކު، ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ސްޕޯޓްސް އެވޯޑްގެ ސަބަބުން އެއް އެސޯސިއޭޝަން އަނެއް އެސޯސިއޭޝަނަށްވުރެ ރަނގަޅަށް މަސައްކަތް ކުރާނެ ކަމަށާއި، އެ ވާދަވެރިކަން މި އެވޯޑާއިއެކު އުފެދިގެންދާނެ ކަމަށެވެ.
މަޚްލޫފް ވިދާޅުވީ މޯލްޑިވްސް ސްޕޯޓްސް އެވޯޑް ހަފްލާގައި ނަން މަޝްހޫރު ކުރީގެ އަދި މިހާރުގެ އެތުލީޓުން ބައިވެރިވާނެ ކަމަށާއި، މި ހަފްލާ ވެގެންދާނީ ރާއްޖޭގައި ބޭއްވޭ އެންމެ ފުރިހަމަ ހަފުލާއަށް ކަމަށެވެ. މަޚްލޫފް ވިދާޅުވީ މި އެވޯޑަށް ނަންތައް ނޮމިނޭޓު ކުރާނީ ކުޅިވަރު އެސޯސިއޭޝަން ތަކުން ކަމަށެވެ.
"މޯލްޑިވްސް ސްޕޯޓްސް އެވޯޑްސް 2022"ގެ ނަމުގައި ހާއްސަ އެވޯޑެއް މި އަހަރު ބާއްވަން ނިންމާފައިވާއިރު މީގެ ކުރިން ސަރުކާރުން ކުޅިވަރު އެވޯޑެއް ބާއްވާފައިވަނީ 2012 ވަނަ އަހަރުގައެވެ. އެ ފަހަރު ބާއްވާފައިވަނީ "ގައުމީ ކުޅިވަރު އެވޯޑް"ގެ ނަމުގައެވެ.
މޯލްޑިވްސް ސްޕޯޓްސް އެވޯޑް 2022 ގެ ބްރޯޑްކާސްޓިންގ ޕާޓުނަރަކީ "ރާއްޖެޓީވީ" އެވެ. އެހެންކަމުން މި އެވޯޑާއި ގުޅޭ އެންމެ ފަހުގެ މައުލޫމާތުތައް ރާއްޖެޓީވީން އާންމުންނާ ހަމައަށް ގެނަސްދިނުމަށް ވަނީ ނިންމާފައެވެ.