ރަޝިޔާއިން ޔޫކްރެއިން އަށް ހަމަލާދޭން ފެށުމާއެކު އެގައުމުގެ އިންޓަރނެޓް ޚިދުމަތަށް ބުރުއަރަން ފަށައިފިއެވެ.
ވަކިން ޚާއްސަކޮށް އެންމެ ބޮޑަށް ހަމަލާތައް ބަދަލުކުރަމުންދާ ދެކުނާއި އިރުމަތީ ސަރަހައްދުތަކުގައި އިންޓަރނެޓަށް ބުރުއެރުންތަކެއް އަންނަ އައުން ވަނީ އިތުރުވެފައެވެ.
ހޮނިހިރު ދުވަހު ރަޝިޔާގެ ސިފައިން ވަނީ ހުޅަނގު ދެކުނުގައި އޮންނަ ސިޓީއެއް ކަމުގައިވާ މެލިޓޮޕަލް ހިފާފައި ކަމަށް ރަޝިޔާގެ އިންޓަރފެކްސް ނިއުސް އެޖެންސީން ވަނީ ރިޕޯޓްކޮށްފައެވެ. މޮކްސްކޯއިން އަންނަނީ ޔޫކްރެއިންގެ ވެރިރަށް ކިޔެވް ހިމެނޭ ގޮތަށް އެކި ސިޓީތަކަށް މިސައިލް ހަމަލާތައް ދެމުންނެވެ.
އިންޓަރނެޓް ބްލޮކޭޖް އޮބްޒަރވޭޓްރީ އެއްކަމުގައިވާ ނެޓްބްލޮކްސް އިން ބުނާގޮތުގައި ޔޫކްރެއިންގެ އެންމެ މައި އިންޓަރނެޓް ޕްރޮވައިޑަރ ގިގާ ޓްރާންސް އިން އާންމު ގޮތެއްގައި އިންޓަރނެޓް ދެމުންދާ މިންވަރު ވަނީ ހުކުރު ދުވަހުގެ ހެނދުނުގެ ވަގުތުތަކުގައި 20 އިންސައްތައަށްވުރެ ދަށަށްގޮސްފައެވެ.
މުޅި ޔޫކްރެއިންގައި އިންޓަރނެޓް ކަނެކްޓިވިޓީ ރޭޓް އުޅެނީ 87 އިންސައްތައިގައެވެ. ބޮޑު ސަރަހައްދެއްގައި ކަރަންޓް ކަނޑައިގެން ދިޔުމުގެ ކަންކަން ނުދާކަމަށާއި ނަމަވެސް އެންމެ ބޮޑަށް ހަމަލާތައް ބަދަލުކުރަމުންދާ ސަރަހައްދުތަކުގައި ކަރަންޓް ކަނޑައިގެން ދިޔުމާއި އިންޓަރނެޓް ކަނޑައިގެން ދިޔުމުގެ ކަންކަން ދިމާވާކަމަށް ނެޓްބްލޮކްސް އިން ވަނީ ބުނެފައެވެ.
އޮސްޓްރޭލިއާގައި ހުންނަ މޮނާޝް އައިޕީ އޮބްޒަރވޭޓްރީން ބުނާގޮތުގައި މިހާތަނަށް އިންޓަރނެޓް ކަނޑައިގެން ދިޔުމުގެ ކަންކަން އެންމެ ބޮޑަށް ކުރިމަތިވެފައިވަނީ ކިޔެވްގެ އޮބޮލޮންސްކީވް ޑިސްޓްރިކްޓް އާއި ޚާރްކީވްގެ މެދު ސަރަހައްދެވެ.
އަނެއްކޮޅުން ހެކަރުންގެ ހަމަލާތައް ވަނީ ޔޫކްރެއިން އާއި ރަޝިޔާ އާއި ބެލަރޫސް އަށްވެސް އަމާޒުވެފައެވެ.