ދިވެހި ޕްރިމިއާ ލީގުގައި އަބްދުﷲ ޔާމީން (ޔާނު) ކާމިޔާބުކޮށްދިން ލަނޑުން ކުލަބު ވެލެންސިއާއިން ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުގެ މައްޗަށް ކުރިހޯދައިފިއެވެ.
ގައުމީ ފުޓުބޯޅަ ސްޓޭޑިއަމުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުޅުނު މެޗު ވެލެންސިއާއިން ކާމިޔާބުކުރީ 1-0 ގެ ނަތީޖާއަކުންނެވެ.
ވެލެންސިއާއިން މި މެޗަށް ވެސް ނުކުތީ އަނިޔާ އާއި އެހެނިހެން ސަބަބުތަކާއި ހެދި ޓީމުގެ މުހިންމު ގިނަ ކުޅުންތެރިން ނުލައެވެ. އެގޮތުން ޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އާއި މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ)، ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އަދި މިޑްފީލްޑަރު އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) ހުރީ ޓީމާ ދުުރުގައެވެ.
މެޗު ފަށައިގެން ވެލެންސިއާއިން ދަ ގްރާންޑޭގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެގޮތުން މެޗުގެ ފުރަތަމަ 20 މިނެޓުގެ ތެރޭގައި ވެލެންސިއާގެ ސްޕެއިން ފޯވާޑް ބޯހާސް މާޓިންއަށް ވަނީ ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. މެޗުގެ ލީޑު ވެލެންސިއާއިން ނެގީ މެޗުގެ 26 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަބްދުﷲ ޔާމީން (ޔާނު)އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ދަ ގްރާންޑޭއަށް ވަނީ ނަތީޖާ ހަމަހަމަ ކުރުމަށް ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ދަ ގްރާންޑޭގެ އިސްމާއީލް މަފާޒް މުޅިން ހުސްކޮށްހުރެ ފޮނުވާލި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފުގައި ވެލެންސިއާގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔައިރު، މި ހާފުގައި ދަ ގްރާންޑޭއިން ވަނީ ވެލެންސިއާގެ ހާފަށް ބާރުބޮޑުކޮށްފައެވެ. އެގޮތުން ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، މުޙައްމަދު ލަޔާން އަޙްމަދް އަށް ވަނީ ލަނޑު ޖަހަން ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ.
ލީގުގައި ވެލެންސިއާއިން އެންމެ ފަހުން ކުޅުނު މެޗުން ގްރީން ސްޓްރީޓްސް އަތުން ބަލިވެފައިވުމުން މި މެޗުން މި ލިބުނު ނަތީޖާއަކީ އެޓީމަށް ފަރުޖައްސައިލެވޭނެ ނަތީޖާއެކެވެ. އަދި މި މޮޅާއެކު ވެލެންސިއާއިން ވަނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދާ ލީގު ތާވަލުގެ ދެވަނައަށް ޖެހިލާފައެވެ.